ބޮޑެތި ރަސްމިއްޔާތުތަކަށް ޖާފަތް ތައްޔާރުކުރުމަށް ނިއުޕޯޓުގެ ތަޖުރިބާއެއް ނެތް: އޭސީސީ

ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު : ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މިނިވަން 50ގެ ރިޔާސީ ޖާފަތް ތައްޔާރުކުރުމަށް ނިއުޕޯޓާ ހަވާލުކޮށްފައި ވަނީ އެތަނުގެ ފެންވަރު ނުބަލައި މަށާއި ނިއުޕޯޓަކީ ބޮޑެތި ރަސްމިއްޔާތުތަކަށް ޖާފަތް ތައްޔާރުކުރެވޭ ވަރުގެ ތަޖުރިބާ ހުރި ތަނެއް ނޫން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

މިނިވަން 50ގެ ރިޔާސީ ޖާފަތް ނިއުޕޯޓާ ހަވާލުކޮށްފައި ވަނީ ގަވައިދުތަކާއި އުސޫލުތަކާ ހިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކުރީގެ ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އިސްވެހުރެގެން ކަމަށް ބުނެ އޭސީސީ އިން އިއްޔެ ވަނީ މުންދުގެ މައްޗަށް ދައުވާކުރަން ފޮނުވާފަ އެވެ.

އޭސީސީ އިން އެމައްސަލަ ބަލައި ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ މިނިވަން 50ގެ ރިޔާސީ ޖާފަތަށް ކޭޓަރިންކޮށްދިނުމަށް އެދި ނިއުޕޯޓުން ޕްރޮޕޯސަލްހުށަހަޅާފައިވީ ނަމަވެސް އެއީ ކާކު އަނގައިގެން ހުށަހެޅި ޕްރޮޕޯސަލެއްކަން އެނގެން ނެތް ކަމަށެވެ. އަދި ރައީސް އޮފީހުން ޕްރޮޕޯސަލް ހުށަހެޅުމަށް ނިއުޕޯޓަށް އަންގާފައިނުވާ ކަމަށް ރިޕޯޓުގައިވެ އެވެ.

ޖާފަތަށް ކޭޓާ ކުރުމުގެ މަސައްކަތަށް 3.7 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނިއުޕޯޓަށް ދިނުމަށް ނިންމާފައި ވަނީ މުންދު ކަމަށް ވެސް އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އަދި މުންދު އެގޮތަށް ނިންމައި ފިނޭންސަށް ފޮނުވި ސިޓީގައި ރައީސް ވިދާޅުވެގެން ކަމަށް ބުނި ނަމަވެސް އެއިން އެއްވެސް ކަމެއް ރައީސަށް އަންގާފައި ނުވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މިނިވަން 50ގެ ޖާފަތަށް ހަރަދު ކުރުމަށް ވަކި ބަޖެޓެއް ކަނޑައަޅައި ނިއުޕޯޓަށް ހަވާލުކުރި ނަމަވެސް މޮންދުގެ އެންގުމަށް ރައީސް އޮފީހުން އިތުރު ހަރަދުތަކަކާއި މަސައްކަތްތަކެއް ކޮށްފައިވާކަން އޭސީސީގެ ތަހުގީގަށް އެނގިފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.

އެގޮތުން ނިއުޕޯޓުގެ ބޭނުމަށް ވެއިޓަރުން ހޯދުމުގެ މަސައްކަތް ފަދަ ކަންކަން ރައީސް އޮފީހުން ކޮށްފައިވާކަމަށާއި ވީވީއައިޕީ ބޭފުޅުންނަށް ތައްޔާރުކުރި މެނޫގައި ހިމެނޭ ސޯބެޓް ތައްޔާރުކުރުމަށް ބޭނުންވާ މެޝިނެއް ގަތުމަށް މޮންދު އަންގައިގެން ނިއުޕޯޓާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް އޭސީސީއިން ވަނީ ބުނެފަ އެވެ.

"ސޯބެޓަކީ ކުރިން ވެސް މެނޫގައި ހިމަނާފައިވާ އައިޓަމެއް ކަމަށްވާ އިރު މިކަންކޮށްފައި ވަނީ ފައިސާއާ ބެހޭ ސެކްޝަނަށް މިނިސްޓަރު ނޯޓަކުން އެކަން އެންގުމުން،" އޭސީސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭރުގެ އިއްޒަތްތެރިންނާ އެކު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖާފަތާ މެދު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވެސް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ. އަދި އެ ޖާފަތަކީ ވަަރަށް ފެންވަރުދަށް ޖާފަތެއް" ކަމަށާއި އުއްމީދުކުރެއްވި ގޮތް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް