ތެޔޮ ހުރެދާނެ ފަދަ ލޭޔަރެއް ބ. އަތޮޅުން ފެނިއްޖެ

ރާއްޖެއިން ތެޔޮ ހުރިތޯ ބެލުމުގެ ދިރާސާ ކުރުމަށް އައިސްފައިވާ ބޯޓު: ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ބ. އަތޮޅުގެ އިރު އުތުރާއި އިރުދެކުނުން ތެޔޮ ހުރެދާނެ ފަދަ ލޭޔަރެއް ފެނިފައިވާ ކަމަށް ފިޝަރީޒް މިނިސްޓުރީން ބުނެފި އެވެ.

ފިޝަރީޒް މިނިސްޓުރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ހާއްސަ ޖިއޮލޮޖިކަލް ތަހުލީލުތަކެއް ކުރިއަށް ގެންދިއުމަށް ފަހު އެކަމުގައި ހަރަކާތްތެރިވި "ޖޮއިޑްސް ރިޒޮލިއުޝަން" ބޯޓު މިހާރު ފުރާފައިވާ ކަމަށެވެ. އަދި ބުނީ މިފަހަރުގެ ޖިއޮލޮޖިކަލް ދިރާސާގައި ބ. އަތޮޅުގެ އިރުއުތުރާއި އިރުދެކުނުގެ އެތެރެވަށި ކަނޑުގެ އަށް ތަނެއް ތޮރުފާފައިވާ ކަމަށެވެ. އަދި އެ ހޯދުންތަކުން އޯގަނިކް ރިޗް (ތެޔޮ ހުރެދާނެފަދަ) ފަށަލައެއް ފެނިފައިވާ ކަމަށް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. ނޫސް ބަޔާނުގައި ބުނެފައި ވަނީ އެ ހޯދުންތަކުން ރާއްޖެއަކީ ވޯލްކަނިކް ކްރަސްޓެއްގެ މަތީގައި އޮތް ޖަޒީރާއެއް ނޫން ކަމަށް ދަލީލުކޮށްދީފައިވާ ކަމަށެވެ.

"ނަމަވެސް ރާއްޖެ އުފެދިފައި ވަނީ ޓްރާންސިޝަނަލް ނުވަތަ ކޮންޓިނެންޓަލް ކްރަސްޓެއްގެ މަތީގައިކަން ނުވަތަ ރާއްޖެ އުފެދިފައިވާ ބިންގަނޑުގައި ކޮންޓިނެންޓަލް ފްރެގްމަންޓްސް އެކުލެވިގެންވާކަން ޔަގީންކޮށްދެ އެވެ،" ފީޝަރީޒް މިނިސްޓުރީގެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.

ޖިއޮލޮޖިކަލް ދިރާސާތަކުން ފެނިފައިވާ ކަނޑުގެ އަޑީގައި އުފެދިފައި ހުރި ވަޅުތަކުން އަރަނީ ކޮން ބާވަތެއްގެ ގޭހެއް ކަން އަދި ސީދާ ޔަގީން ކުރެވިފައި ނުވާ ކަމަށް ވެސް ނޫސް ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ކޮންމެވެސް މިންވަރަކަށް މީތޭން ގޭސް ހުރި ކަމަށް މިހާތަނަށް ބެލިބެލުމުން ހޯދިފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފިޝަރީޒް މިނިސްޓުރީން ބުނީ ތެޔޮ ހޯދުމަށް ކުރާ މަސައްކަތްތަކުން ވަރަށް އުއްމީދު ކުރަނިވި ހޯދުންތަކެއް ހޯދިފައިވާ ކަމަށާއި އެގޮތުން ރާއްޖެ ހިމެނޭ ސަރަހައްދުތަކުގައި ތެޔޮ އުފެދިދާނެ ކަމަށް ބެލެވޭ ބޮޑެތި ސޯސްރޮކް ހުރިކަން ޔަގީންވެފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އެތެރެ ކަނޑުގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދަކަށް ބޮޑެތި ޕޮކްމާކްސް ތަކެއް އުފެދިފައިވާ ކަމަށާއި އެތަންތަނުން ކޮންމެވެސް ޒާތެއްގެ އެއްޗެއް (ދިޔާ ނުވަތަ ގޭސް) އަރާކަން ވެސް ޔަގީން ކުރެވިފައިވާ ކަމަށް ފިޝަރީޒް މިނިސްޓުރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ފިޝަރީޒް މިނިސްޓުރީގެ ބަޔާނުގައި ރާއްޖެއިން ތެޔޮ ހޯދުމަށް ކުރެވޭ މަސައްކަތުގައި ރާއްޖެއާ ގުޅިގެން މަސައްކަތް ކުރުމަށް ތިން ފަރާތުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އޭގެތެރެއިން ދެ ފަރާތެއްގެ ހުށަހެޅުން ލިބި އެފަރާތްތަކާ އެކު މަޝްވަރާ ކުރެވެމުންދާ ކަމަށް ވެސް އެ މިނިސްޓުރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް