މާޒިޔާގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކުރި ހޯދައި ބާކީ އެއް މެޗް އޮއްވައި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ނިއުރޭޑިއަންޓު ސުޕޯޓްސް ކްލަބު ހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން މޮޅުވެ ނިއުއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވީ، މިރޭ ހޯދި ތިން ޕޮއިންޓާއެކު ޖުމްލަ 32 ޕޮއިންޓު ހޯދައި ދެ ވަނައިގައި އޮތް ޓީސީ، ލީގުގެ އެންމެ ފަހު މެޗްގައި ނިއު އަތުން މޮޅުވި ނަމަވެސް އެޓީމަށް ޕޮއިންޓްގެ ގޮތުން ނިއުއާ އެއްވަރު ނުކުރެވޭނެތީއެވެ.
ޓީސީއަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. އެޓީމް ކުރިއަށް އޮތް މެޗްގައި ނިއު އަތުން މޮޅުވި ނަމަވެސް އެޓީމަށް ލިބެނީ 31 ޕޮއިންޓެވެ.

ނިއުގެ ކުޅުންތެރިއަކު ބޮލުން ބޯޅަ ފޮނުވާލާއިރު، މާޒިޔާގެ ކުޅުންތެރިން އެބޯޅަ ދިފާއުކުރަން މަސައްކަތް ކުރަނީ ---- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ސަސްޕެންޝަނާއި އަނިޔާގެ ސަބަބުން މުހިންމު ފަސް ކުޅުންތެރިޔަކު ނުލައި ކުޅުނު މެޗްގައި ނިއުއަށް ލީޑް ނަގައިދިނީ މެޗްގެ 24 ވަނަ މިނެޓްގައި އަހްމަދު އިޝާމް ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްކޮށް ފޮނުވާލި ބޯޅަ އެއް ފަހަރުން ގޯލް ތެރެއަށް ފަނުވާލައިގެން އަޙްމަދު ޝުހައިލްއެވެ.
ނިއުގެ މެޗްގެ 36 ވަނަ މިނެޓްގައި ނިއުގެ ދެ ވަނަ ގޯލް ހަމްޒަތު މުޙައްމަދު ކާމިޔާބު ކުރީ ޕެނަލްޓީ އޭރިއާގެ ބޭރުން ރިލްވާން ވަހީދު (ކަކާ ރިލޭ) މާޒިޔާގެ ގޯލް ކުރިމައްޗަށް ނެގި ހުރަސް މާޒިޔާގެ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ފުރަތަމަ ހާފުގައި ނިއުގެ ވިލިއަމް މަކޯއަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. އެގޮތުން 30 ވަނަ މިނެޓްގައި މާޒިޔާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އޭނާއަށް ލިބުނު ބޯޅަ ވެއްޓިގެންފައި ފޮނުވާލިއިރު އެބޯޅަ ދިޔައީ މާޒިޔާގެ ގޯލް ދަނޑި މަތިން ބޭރަށެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ނިއުގެ ތިންވަނަ ލަނޑު ކާމިޔާބު ކުރި މުހައްމަދު ކަރަމް ސަޕޯޓަރުންނާ އެކު އުފާފާޅުކުރަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
މެޗްގެ ދެ ވަނަ ހާފް ފެށިގެން މާޒިޔާއިން ވަނީ ކުޅުން ރަނގަޅުކޮށް ނިއުއިން އުފެއްދި ހަމަލާ ހުއްޓުވާފައެވެ.
ދެވަނަ ހާފު ފެށިގެން މާޒިޔާގެ ކެޕްޓަން އަސަދުﷲ ޢަބްދުﷲ (އަސައްކޮ) އަށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ނިއުގެ ކީޕަރު އަލީޝައަހްމަދޯވް ވަނީ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.
ނިއު އަށް ވަނީ ދެ ވަނަ ހާފުގައިވެސް ފުރަތަމަ ހާފުގައި ލަނޑު ޖަހަން ލިބުނު ފަދަ ރަނުގެ ފުރުސަތެއް ލިބިގެން ގޮސްފައެވެ.
މިޑްފިލްޑަރު ހަމްޒާ މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރެއަށް ބޯޅަ ހުރަސް ކުރި ނަމަވެސް އެބޯޅަ ދިޔައީ ސުހޭލްގެ ފައިގައި ލައްވާނުލައި ބޭރަށެވެ.
މެޗްގައި މާޒިޔާގެ ލަނޑު 66 ވަނަ މިނެޓްގައި މޫސާ ޔާމީން ކާމިޔާބު ކުރީ އަސަދުﷲ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
އެ ލަނޑު ޖެހިތާ ދެ މިނެޓް ފަހުން މެޗްގެ ނަތީޖާ ހަމަހަމަ ކުރުމަށް މާޒިޔާއަށް ވަނީ ލަނޑު ޖަހާނެ ފަހި ފުރުސަތެއް ތަނަވަސްވެފައެވެ.

މާޒިޔާގެ ސާއިފް ބޯޅަ ހިފައިގެންދާއިރު އޭނާއަތުން ބޯޅަ ހޯދުމަށް ނިއުގެ ކުޅުންތެރިއަކު މަސައްކަތް ކުރަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
އަސައްކޮ ފޮނުވާލި ބޯޅަ ނިއުގެ ޑިފެންޑަރު ޝާފިއު އަހްމަދު (ޝާފީ) ބޭރުކޮށްލީ ނިއުގެ ގޯލަށް ވަދެވަދެ އޮއްވައި ގޯލް ލައިން މަތިންނެވެ.
މާޒިޔާގެ ބެންޗުން ވަނީ އެބޯޅަ ގޯލް އެތެރެއަށް ވަދެފައިވާ ކަމަށް ބުނެ އެޕީލްކޮށްފައެވެ. ނަމަވެސް ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ.
ނިއުގެ ތިން ވަނަ ލަނޑު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި މުހައްމަދު ކަރަމް ކާމިޔާބު ކުރީ ނިއުގެ ވިލިއަމް ނެގި ކޯނަރެއްގައި ތަނަވަސްވި ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ކުރިން ބާއްވަމުން އައި ދިވެހި ލީގް ރީބްރޭންޑްކޮށް ބާއްވަން ފެށި އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ޗެމްޕިއަން ނިއު ހޯދިއިރު އެޓީމަށް ވަނީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ރާއްޖޭގެ އެންމެ ބޮޑު ލީގު ކާމިޔާބު ކުރުމުގެ ރެކޯޑާ އެއްވަރުވެފައެވެ.
ކުރިން މިރެކޯޑު އޮންނަނީ ވެލެންސިއާ އަތުގައެވެ. އެގޮތުން އެޓީީމުން ވަނީ 2000 ވަނަ އަހަރު ތައާރަފްކުރި މުބާރާތުގެ ޗެމްޕިއަންކަން ޖެހިގެން އައި ހަތަރު އަހަރު ކާމިޔާބުކޮށްފައެވެ.

މެޗުން މޮޅުވެ ލީގު ޗެމްޕިއަންކަން ކަށަވަރުވުމާއެކު ނިއުގެ ކުޅުންތެރިންނާ އޮފިޝަލުން އުފާފާޅުކުރަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ލީގު ޗެމްޕިއަނެއްގެ ހައިސިއްޔަތުން އަންނަ އަހަރު އޭފްސީ ކަޕުން ނިއުއަށް ޖާގަ ކަށަވަރުވެފައިވާއިރު އޭއެފްސީ ކަޕްގައި ރާއްޖެއިން ވާދަ ކުރާ ދެ ވަނަ ޓީމަކީ ޕްރެޒިޑެންޓް ކަޕްގެ ޗެމްޕިއަން މާޒިޔާއެވެ.
ލީގުގައި ބާކީ ހަތަރު މެޗް އޮތް އިރު އަންނަ އަންގާރަ ދުވަހު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ ކުލަބު ވެލެންސިއާ އާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ވިކްޓްރީ ސްޕޯޓްސް ކްލަބާއި ބީޖީ ސްޕޯޓްސް ކްލަބެވެ.