އެއްވަރުވެ ވެލެންސިއާ އާއި ވިކްޓްރީއަށް ޕްރެޝަރާ ކުރިމަތިވެއްޖެ

ވެލެންސިއާ އާއި ވިކްޓްރީ ކުޅުނު މެޗުގެ ތެރެއިން ---- ސަން ފޮޓޯ: ހުސައިން ހަބީބު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވިކްޓްރީ ސްޕޯޓްސް ކުލަބާއި ކުލަބު ވެލެންސިއާ ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެގެން ނިމުނުއިރު ދެޓީމަށްވެސް ޕްރެޝަރާ ކުރިމަތިވެއްޖެއެވެ.

ޕްލޭއޮފްގެ ބިރުން ސަލާމަތްވެ ގަދަ ހައެއްގައި ދެމިއޮތުމަށް ވާދަ ކުރަމުންދާ މި ދެ ޓީމަށްވެސް މިރޭގެމެޗު އެއްވަރުވުމުން ޕްރެޝަރާ ކުރިމަތިވީ ހަވީރު މަހިބަދޫއާ ދެކޮޅަށް ކުޅުނު ބީޖީވެސް އެއްވަރުވެގަދަ ހައެއް ގެ ރޭހުގައި ވާދަވެރިކަން ބޮޑުވުމުންނެވެ.

ލީގުގައި ވިކްޓްރީއަށް ކުރިއަށް ދެން އޮތީވެސް ބީޖީ މެޗެވެ. އެ މެޗުން ބީޖީ މޮޅުވެއްޖެނަމަ އެޓީމަށް ތާވަލްގެ ފަސް ވަނަ ލިބިގެންދާނެއެވެ.

ވީކްޓްރީ ތާވަލްގެ ފަސް ވަނައިގައި އޮތީ މިމެޗު އެއް ވަރުވުމުން ލިބުނު އެއް ޕޮއިންޓާއެކު ޖުމުލަ 14 ޕޮއިންޓް ލިބިގެންނެވެ.

ވެލެންސިއާ އާއި ބީޖީއަށްވެސް ލިބިފައިވަނީ 13 ޕޮއިންޓެވެ.

މެޗްގައި ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔައީ ވިކްޓްރީގެ މުހައްމަދު ތަސްމީން (ތައްތި) އަށެވެ.

ނަމަވެސް އޭނާ ފޮނުވާލި ބޯޅަ ވެލެންސިއާގެ ކީޕަރު އަހްމަދު އާތިފް ވަނީ ދިފާއުކޮށްފައެވެ.

ލީގްގައި މާދަމާ ހަވީރު ކުޅޭ މެޗްގައި ޓީސީއާ އީގަލްސް ބައްދަލު ކުރާއިރު މާދަމާ ރޭ ކުޅޭ މެޗްގައި ބައްދަލު ކުރާނީ ނިއުރޭޑިއަންޓާ މާޒިޔާއެވެ.

comment ކޮމެންޓް