އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މަހިބަދޫއާ ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެ ޕްލޭއޮފްއިން ސާލާމަތްވުމަށް އިތުރު އިންތިޒާރެއް ބީޖީ ސްޕޯޓްސް ކްލަބުން ކުރަން ޖެހިއްޖެއެވެ.
މިމެޗުން އެއްވަރުވެ ލިބުނުު އެއް ޕޮއިންޓާއެކު ބީޖީ އޮތީ ކުރިން ހަ ވަނައިގައި އޮތް ވެލެންސިއާއަށް ވުރެ އިތުރަށް އެއް ޕޮއިންޓު ލިބިގެން ތާވަލްގެ ހަ ވަނައިގައެވެ.
މިވަގުތު ހަތް ވަނައިގައި އޮތް ވެލެންސިއާ އަށް ލިބިފައިވަނީ 12 ޕޮއޮންޓެވެ. ނަމަވެސް މިރޭ ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ނިކުންނަ މެޗުން ވެލެންސިއާ މޮޅު ވެއްޖެނަމަ އެޓީމަށް ފަސް ވަނަ ލިބޭނެއެވެ.
ފަސް ވަނައިގައި މިވަގުތު އޮތީ 13 ޕޮއިންޓާއެކު އޮތް ވިކްޓްރީއެވެ.
މަހިބަދޫ އެންމެ ފަހުން ކުޅުނު ދެ މެޗްގައި 14 ލަނޑު އެޓީމުކޮޅަށް ވަތް އިރު މިއަދު މެޗު ފެށިގެން މަހީބަދޫ ވަނީ ބީޖީއަށް ވުރެ ރަނގަޅަށް ކުޅެ ބީޖީގެ ގޯލަށް ނުރައްކާކޮށްފައެވެ.
މެޗްގައި މަހިބަދޫގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ ބުރެޒިލްގެ ފޯވަޑް އެންޑަސަން ބިނާ ޑަސިލްވާއެވެ.
އެގޮތުން މަހިބަދޫގެ ފުރަތަމަ ލަނޑު ޑަސިލްވާ ކާމިޔާބު ކުރީ މެޗްގެ 30 ވަނަ މިނެޓްގައެވެ.
އޭނާ މިލަނޑު ކާމިޔާބު ކުރީ ބޯޅަ ހިފައިގެން ބީޖީގެ ޕެނަލްޓީ އޭރިއާއަށް ވަދެ ބީޖީގެ ކީޕަރު އިބްރާހިމް އިފްރާހް ބޯމަތިން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗްގެ ފުރަތަމަ ހާފު މަހިބަދޫ ކުރީގައި އޮވެގެން ނިމިދާނެ ކަމަށް ބެލެވުނު ނަމަވެސް ފުރަތަމަ ހާފު ނިމެން އުޅެނިކޮށް ބީޖީއިން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ.
މިލަނޑަކީ ބީޖީން މަހިބަދޫގެ ޕެނަލްޓީ އޭރިއާއަށް ހުރަސް ކުރި ބޯޅަ، ބީޖީގެ އިބްރާހިމް ހަމްދާން ކުރިއަށް ފޮނުވާލުމުން، މަހިބަދޫގެ ކުޅުންތެރިޔެއްގެ ގައިގައި ޖެހިފައި ބައިކޮޅަށް ވަތް ލަނޑެކެވެ.
ބީޖީއިން އެއް ވަރުކޮށްފައި ވަނިކޮށް އެންޑަސަން މަހިބަދޫއަށް އަލުން ލީޑް ނަގައިދިނީ މެޗްގެ 52 ވަނަ މިނެޓްގައެވެ.
އޭނާ މިލަނޑު ކާމިޔާބު ކުރީ ބީޖީގެ ޕެނަލްޓީ އޭރިއާގެ ހުޅަނގު ފަރާތުން އޭރިއާ ތެރެއަށް ވަދެ ބީޖީގެ ގޯލްގެ އިރުމަތީ ފަރާތު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
އޭގެ ދިހަ މިނެޓް ފަހުން ޑެނިއަލް ފިލޮމެން ވަނީ މަހިބަދޫގެ ޕެނަލްޓީ އޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުން މަހިބަދޫގެ ގޯލްގެ ކަނަށް ފޮނުވާލައިގެން ބީޖީއަށް އަލުން ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.
މީގެ އިތުރުންވެސް ޑެނިއަލްއަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެންގޮސްފައެވެ.
އެގޮތުން މެޗްގެ 56 ވަނަ މިނެޓްގައި ޑެނިއަލް ބޮލުން މަހިބަދޫގެ ގޯލަށް ފޮނުވާލި ބޯޅަ މަހިބަދޫގެ ކީޕަރު މުޙައްމަދު ހުސައިން މުޙައްމަދު އިފާމް ވަނީ ސޭވްކޮށްފައެވެ.
މެޗްގައި މަހިބަދޫއަށްވެސް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތު ލިބިގެންގޮސްފައެވެ.
އެގޮތުން 17 ވަނަ މިނެޓްގައި އެންޑަސަން މަހިބަދޫގެ ގޯލް ތެރެއަށް ވަދެ އެޓިމްގެ އިސްމާއީލް ނަޒީރުއަށް ދިން ބޯޅަ ނަޒީރު ފޮނުވާލި ނަމަވެސް އިފްރާހް ވަނީ އެބޯޅަ ދިފާއުކޮށް ކޯނަރަކަށް ބޭރުކޮށްލާފައެވެ.
މެޗްގައި ދެޓީމުގެ ބެންޗުންވެސް ވަނީ ރެފްރީގެ ނިންމުންތަކާ މެދު ހިތް ހަމަނުޖެހޭކަން ފާޅުކޮށްފައެވެ.
އަދި ޕޯސްޓް މެޗް ޕްރެސްކޮންފަރެންސަށް ދެޓީމުންވެސް ހާޒިރުވެފައެއް ނުވެއެވެ.