ކެޕްޓަން އަސްހަދު ޢަލީ (އަޑޭ) ކާމިޔާބު ކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ވިކްޓްރީ ސްޕޯޓްސް ކުލަބުގެ މައްޗަށް ކާމިޔާބު ހޯދައި އުރީދޫ ދިވެހި ޕްރިމިއާ ލީގްގު ތާވަލްގެ އެއް ވަނައަށް އަށް ނިއުރޭޑިއަންޓް އަލުން ޖެހިލައިފި އެވެ.
ގައުމީ ފުތްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ނިއު މޮޅުވުމުން އެ މެޗް ނިމުމާ ހަމަޔަށް ތަވަލްގެ އެއް ވަނައިގައި އޮތް ޓީސީ ވަނީ އަލުން ދެ ވަނައަށް ވެއްޓިފަ އެވެ.
ނިއުއާ ޓީސީއާ ދެމެދު ދެ ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ނިއުއަށް 29 ޕޮއިންޓް ލިބިފައިވައިރު ފުރަތަމަ ޑިވިޝަންގައި އަލަށް ވާދަކުރާ ޓީސީ އަށް ލިބިފައި ވަނީ 27 ޕޮއިންޓެވެ.
ނިއުގެ ލަނޑު އަޑޭ ކާމިޔާބު ކުރީ މެޗްގެ 28 ވަނަ މިނެޓްގައި ނިއުގެ ޢަލީ ފާސިރު (ސެންޓޭ) ވިކްޓރީގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ވިކްޓރީގެ ކީޕަރު މުޙައްމަދު ޠޮލާލް ދިފާއު ކުރުމުން ރީބައުންސަށް ނިކްތް ބޯޅަ އެއް ފަހަރުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
މެޗްގައި ސެންޓޭއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިފައެވެ.
އެގޮތުން މެޗްގެ 19 ވަނަ މިނެޓްގައި ސެންޓޭ ފޮނުވާލި ބޯޅަ ވިކްޓރީގެ ގޯލަށް ވަދެ ވަދެ އޮށްވައި ވިކްޓްރީގެ ޑިފެންޑަރުން ވަނީ ބޯޅަ ދިފާއުކޮށްފަ އެވެ.
ސެންޓޭވެސް އަދި ނިއުގެ ބެންޗުން ވެސް ވަނީ އެ ބޯޅަ ގޯލަށް ވަދެފައިވާ ކަމަށް އެޕީލްކޮށްފަ އެވެ.
މެޗް ފެށިގެން ފުރަތަމަ މިނެޓް ތެރޭގައި ވެސް ސެންޓޭއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންގޮސްފަ އެވެ.
ނަމަވެސް އެ ބޯޅަ ވިކްޓްރީގެ ކީޕަރު ޠޮލާލް ވަނީ ޑައިވްކޮށް ދިފައުކޮށްފައެވެ.
މެޗްގެ ހަ ވަނަ މިނެޓްގައި ވިކްޓްރީ ކުޅުންތެރިން ނިއުގެ ޕެނަލްޓީ އޭރިއާއަށް ހުރަސް ކުރި ބޯޅަ ޒިއާން ބޮލުން ގޯލަށް އަމާޒުކޮށް ފޮނުވާލި ނަމަވެސް ނިއުގެ ކީޕަރު އަލީޝަ އަޙްމަދޯވް ވަނީ ދިފާއުކޮށްފަ އެވެ.
ޖެހިގެން އައި މިނެޓްގައި ވިކްޓްރީގެ ހާފުގެ މެދެއްހައި ހިސާބުގައި ހުރެފައި ނިއުގެ ވިލިއަމް މަކޯ ފޮނުވާލި ބޯޅަ ދިޔައީ ވީކްޓަރީގެ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ކޮޅުގައި ސެންޓޭ ތަނަވަސްކޯށްދިން ފުރުސަތެއްގައި ނިއުގެ ހަމްޒަތު މުޙައްމަދު ވިކްޓަރީގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅަ ދިޔައީ ވިކްޓަރީގެ ގޯލް ހުރަސްކޮށް ހުޅަނގު ފަރާތު ދަނޑި ކައިރިން ބޭރަށެވެ.
ދެ ވަނަ ހާފު ފާހަގަ ކުރެވުނީ މޮޅުވެފައި އޮތް ނަމަވެސް ނިއު ޕްރެޝަރަށް ވެއްޓިފައިވާ ތަނެވެ.
އެގޮތުން ނިއުގެ ބެންޗުން ވެސް އަދި ކުޅުންތެރިން ވެސް ވަނީ ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މި މެޗްގައި ނިއުއަށް އިރޫޝާދު ދިނީ އެސިސްޓެންޓް ކޯޗް އަޝްރަފް ލުޠުފީ ސަމްޕެތެވެ.
ބީޖީ މެޗްގައި ރެފްރީގެ ނިންމުންތަކާ މެދު ތަކުރާރުކޮށް ހިތް ހަމަނުޖެހޭކަން ދެއްކުމުން ދަނޑުން ފޮނުވާލި ނިއުގެ ކޯޗް ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ވަނީ މިމެޗަށް ސަސްޕެންޑްކޯށްފަ އެވެ.