އަންސަރު އިބްރާހިމްގެ ހެޓްރިކާއެކު އީގަލްސް އިން ވެސް މަހިބަދޫގެ މައްޗަށް 7-1 ގެ ނަތީޖައަކުން ކާމިޔާބު ހޯދައިފި އެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ ކުޅުނު މެޗުން މާޒިޔާ ވެސް މަހިބަދޫގެ މައްޗަށް އެ ނަތީޖާ ނެރުނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި އަޙްމަދު ރިޒުވާން ވެސް ވަނީ އިގަލްސްއަށް ދެ ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
ފުރަތަމަ ލަނޑު މެޗުގެ ފެށިގެން ހަތަރު ވަނަ މިނެޓްގައި ރިޒުވާން ކާމިޔާބު ކުރީ އިސްމާއިލް ޢީސާ (މެސީ) ތަނަވަސް ކޮށްދިން ފުރުސަތަކުން ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަދެ މަހިބަދުގެ ގޯލްގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ.
އީގަލްސްގެ ދެ ވަނަ ލަނޑު 27 ވަނަ މިނެޓްގައި ކާމިޔަބު ކުރީ އަންސަރެވެ އޭނާއަށް ލިބުނު ބޯޅަ ދިފާއުކުރަން މަހިބަދޫގެ ކީޕަރު އިފްހާމް ޙުސައިން މަސައްކަތް ކުރި ނަމަވެސް އެ ބޯޅަ އަންސަރު ވަނީ ގޯލް ތެރެއަށް ފޮނުވާލާފަ އެވެ.
އޭ ގެ ދެ މިނެޓް ފަހުން މެޗުގެ 30 ވަނަ މިނެޓުގައި އަންސަރު ވަނީ އީގަލްސްގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
އީގަލްސްގެ ހަތަރު ވަނަ ލަނޑު ފުރަތަމަ ހާފުގެ އެންމެ ފަހު ވަގުތު ކޮޅުތެރޭގައި ރިޒުވާން ކާމިޔާބު ކުރީ އޭނާއަށް ލިބުނު ބޯޅަ އިފްހާމް ބޯމަތިން މަހިބަދޫގެ ގޯލް ތެރެއަށް އޮއްސާލައިގެންނެވެ.
ދެ ވަނަ ހާފުގައި އީގަލްސްގެ ޑިފެންސް ކުޅުންތެރިންގެ ފަރާތުން ވަރު ބަލިކަން ފެނުނު އިރު މަހިބަދޫއިން ވަނީ ބައެއް ނުރައްކާތެރި ހަމަލާތައް މަހިބަދޫގެ ގޯލަށް ފޮނުވާލާފައެވެ. މެޗުގައި މަހިބަދޫއިން ޖެހި ލަނޑު ޑަސިލްވާ ބިނާ އެންޑަސަން ކާމިޔަބު ކުރީ 58 ވަނަ މިނެޓްގަ އެވެ.
އީގަލްސްގެ ފަސް ވަނަ ލަނޑު ޔަޝްފާދު ހަބީބު ކާމިޔާބު ކުރީ 70 ވަނަ މިނެޓުގައި ރިޒުވާންގެ ބަދަލުގައި ކުޅެން އަރައި އީގަލްސުން އުފެއްދި ހަމަލާއެއްގައި ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި މަހިބަދޫގެ ގޯލަށް އަމާޒުކޮށް ފޮނުވާލި ބޯޅައިން މެޗްގެ 72 ވަނަ މިނެޓްގައެވެ.
އީގަލްސްގެ ހަ ވަނަ ލަނޑު 88 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އީގަލްސުން ނެގި ހުރަހެއްގައި މަހިބަދޫގެ އޭރިއާގެ ތެރެއަށް ހުރަސްވި ބޯޅަ ބޮލުން ގޯލްތެރެއަށް ފޮނުވާލައިގެންނެވެ.
އީގަލްސްގެ ހަތް ވަނަ ލަނޑު އަދި މެޗްގައި އަންސަރު ހެޓްރިކް ހެދީ މެޗްގެ އެންމެ ފަހު މިނެޓް ތެރޭގައި ކާމިޔާބު ކުރި ލަނޑުންނެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން އީގަލްސްގެ އެސިސްޓެންޓް ކޯޗް އަޙްމަދު ޝާކިރު (ޝާކިއްޓޭ) ބުނީ އީގަލްސްއިން މިހާރު އިސްކަން ދެނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމަށާއި އެއީ ލީގުގައި އީގަލްސްއަށް އިތުރަށް ގެއްލޭނެ އެއްޗެއް ވެސް އަދި ލިބޭނެ އެއްޗެއް ވެސް ނެތުމުން، ޒުވާން ކުޅުންތެރިންގެ ކުޅުން ދައްކަލުމަށް ކަމަށެވެ.
އެގޮތުން މިއަދުގެ މެޗްގައި ވެސް 21 އަހަރުން ދަށުގެ ހަތް ކުޅުންތެރިންނަށް ފުރުސަތު ދީފައިވާނެ ކަމަށް ޝާކިއްޓޭ ބުންޏެވެ.
މިހާރު ދެ ވަނަ ޑިވިޝަނަށް 'ވެއްޓިފައިވާ' މަހިބަދޫގެ ކޯޗް ޙުސައިން އައްބާސް ބުނީ މަހިބަދޫގެ ކުޅުމަށް އިތުރު ބަދަލެއް ނުގެންނަ ކަމަށާއި މަހިބަދޫ ކުޅެނީ މިސިޒަންގައި ކޫލެމުން ދިޔަ ގޮތަށް ކަމަށެވެ.
މިއަދު ވެސް ޙުސައިން ވަނީ ސީޒަން ދިގުވުމުގެ ސަބަބުން މަހިބަދޫއަށް ކުރިމަތިވި މައްސަލަތަކުގެ ވާހަކަ ތަކުރާރު ކުރައްވާފައެވެ.
އަންނަ ސީޒަންގައި ދެ ވަނަ ޑިވިޝަނުން މަހިބަދޫ ފެންނާނެތޯ ސުވާލުކުރުމުން ޙުސައިން ބުނީ އަދި އެކަމާ ބެހޭ ގޮތުން އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.