އަސައްކޮގެ ލަނޑުތަކާއެކު ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ މާޒިޔާ ތިން ވަނައަށް

މިރޭގެ މެޗްގައި މާޒިޔާއަށް ހަތަރު ލަނޑު ޖަހައިދިން އެޓީމްގެ ކެޕްޓަން އަސަދުﷲ އަތުން ބޯޅަ ހޯދުމަށް މަހިބަދޫގެ ކުޅުންތެރިޔަކު މަސައްކަތް ކުރަނީ --- ސަން ފޮޓޯ/ ޢަލީ ނަޞީރު

ކެޕްޓަން އަސަދުﷲ ޢަބްދުﷲ (އަސައްކޮ) ޖެހި ހަތަރު ލަނޑާއެކު މަހިބަދޫގެ މައްޗަށް 7-1 ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ މާޒިޔާ ސްޕޯޓްްސް އެންޑް ރެކްރިއޭޝަން ލީގް ތާވަލުގެ ތިން ވަނައަށް ޖެހިލައިފިއެވެ.

މި މެޗުން މޮޅުވުމުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައި މާޒިޔާ އޮތީ 18 ޕޮއިންޓް ލިބިގެންނެވެ.

ހުކުރު ދުވަހު ހަވީރު ވިކްޓަރީ ސްޕޯޓްސް އަތުން މޮޅުވި އީގަލްސް އޮތީ މާޒިޔާއަށް ވުރެ އެއް ޕޮއިންޓް މަދުން ލިބިގެން 17 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ.

މިރޭ މަހިބަދޫ ކޮޅަށް މާޒިޔާއިން ޖެހި ހަތް ލަނޑަކީ މިހާތަނަށް މިސީޒަންގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ.

މާޒިޔާއަށް ވަނީ ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބިގެންގޮސްފައެވެ.

އެޓީމްގެ އަނެއް ތިން ލަނޑު ކަމިޔާބު ކުރީ އަހްމަދު ނާޝިދު (ނައްޓޭ) އާއި ސަމްދޫޙްއާއި މޫސާ ޔާމީންއެވެ.

މެޗްގައި މާޒިޔާއިން ޖެހި ހަތް ލަނޑުގެ ތެރެއިން ހަތަރު ލަނޑު ކާމިޔަބު ކުރީ ދެ ވަނަ ހާފުގައެވެ.

އެޓީމުގެ ފުރަތަމަ ލަނޑު އަސައްކޮ ކާމިޔާބު ކުރީ މެޗްގެ ނުވަ ވަނަ މިނެޓްގައެވެ.

ދެ ވަނަ ގޯލް 21 ވަނަ މިނެޓްގައި ސަމްދޫހް ހުރަސް ކުރި ބޯޅައެއް ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ކާމިޔަބު ކުރީ ނާއްޓޭއެވެ.

ތިން ވަނަ ލަނޑު މެޗްގެ 50 ވަނަ މިނެޓްގައި ޝިފާޒު ނަގައިދިން ހުރަހަކުން ފަސޭހަ ކަމާއެކު ގޯލްތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރީ އަސައްކޮއެވެ.

ހަތަރު ވަނަ ލަނޑު އޭގެ ދެ މިނެޓް ފަހުން ކާމިޔަބު ކުރީ ސަމްދޫހްއެވެ.

ފަސް ވަނަ ލަނޑު 57 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މޫސާ ޔާމިންއެވެ.

މެޗްގައި މަހިބަދޫގެ ލަނޑު 61 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިސްމާއީލް ނަޒީރެވެ. މިބޯޅަ ޖެހުމަށް ތަނަވަސްވީ، މާޒިޔާގެ ޑިފެންޑަރުންނަށް ހެދުނު މިސްޓޭކަކުންނެވެ.

މެޗްގެ 69 ވަނަ މިނެޓްގައި އަސައްކޮ ވަނީ އޭނާގެ ތިން ވަނަ ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ. މެޗްގެ 75 ވަނަ މިނެޓްގައި އޭނާ ވަނީ މާޒިޔާގެ ހަތް ވަަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗް ޢަލީ ސުޒޭން ބުނީ މެޗަށް ނިކުތީ އަސައްކޮއަށް މާގިނަ ލަނޑު ތަކެއް ޖަހަން ނޫން ކަމަށާއި ނަމަވެސް ތިން ޕޮއިންޓާއެކު އަސައްކޮ ލަނޑުތަކެއް ޖަހަން ބޭނުންވިކަމަށެވެ.

އެހެންކަމުން މެޗްގައި އަސައްކޮގެ ފަރާތުން ހަތަރު ލަނޑު ފެނުމުން ހިތް ހަމަޖެހޭ ކަމަށް ސުޒޭން ބުންޏެވެ.

މަހިބަދޫގެ ކޯޗް ޙުސައިން އައްބާސް ބުނީ ނަތީޖާއާ މެދު ހިތް ހަމަނުޖެހޭ ކަމަށާއި، މެޗަށް ނިކުތް އިރު ޓީމް އޮތީ ވަރަށް ހާލުގައި ކަމަށާއި އެއީ ޓީމުގެ ދެ ޑިފެންޑަރުންނަށް މެޗް ގައި ނުކުޅެވުމާއި ޓީމްގައި ހިމެނޭ މުހިންމު ފަސް ކުޅުންތެރިޔަކަށް ނުކުޅެވުން ކަމަށެވެ.

ނަމަވެސް ނަތީޖާއާ މެދު ހިތް ހަމަނުޖެހުނަސް އެހުރިހާ ކަމަކާއެކުވެސް ފެނުނު ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށް ޙުސައިން ބުންޏެވެ.

މިދިޔަ ސީޒަންގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަންގައި ވާދަކޮށް ގަދަ ހައެއްގައި ހިމެނު މަހިބަދޫ ސްޕޯޓްސް ކުލަބު ވަނީ މި ނަތީޖާއާއެކު ދެވަނަ ޑިވިޝަނަށް ރެލިގޭޓް ވެފައެވެ.

comment ކޮމެންޓް