ދެ ވަނަ ބުރުގައި ވިކްޓްރީ ބަލިކޮށް އީގަލްސް ގަދަ ހަތަރެއްގެ ދެމިއޮތުމުގެ ފުރުސަތު ބޮޑުކޮށްފި

މިއަދު ހަވީރު އީގަލްސްއާ ވިކްޓްރީ ކުޅުނު މެޗްގެ ތެރެއިން --- ސަން ފޮޓޯ/ ޢަލީ ނަޞީރު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރުގައި ވިކްޓްރީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި އީގަލްސް މޮޅެއް ހޯދައި ގަދަ ހަތަރެއްގައި ދެމިއޮތުމުގެ ފުރުސަތު ބޮޑުކޮށްފި އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު މެޗުގައި ވިކްޓްރީން ވަނީ އީގަލްސް ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް ފަހަތު އަރައި ތިން ލަނޑު ޖަހައިގެން ކާމިޔާބު ހޯދާފަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައިލަނޑުތައް ފެނިގެން ދިޔައި ދެ ވަނަ ހާފުގަ އެވެ.

އެގޮތުން އީގަލްސްގެ ފުރަތަމަ ލަނޑު އަޙްމަދު ރަޝީދު ކާމިޔާބު ކުރީ ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނެޓްގަ އެވެ.

އަޙްމަދު ރަޝީދު މިލަނޑު ކާމިޔާބު ކުރީ އީގަލްސްއިން ނެގި ކޯނަރެއްގައި ހުރަސްވިބޯޅަ އެ ޓީމުގެ އަބޫ ޑެސްމަން މަންސާރީ ކުރިއަށް ފޮނުވާޅިބޯޅަ ވިކްޓްރީގެ ޑިފެންސުން ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅަ ކުރިއަށް ފޮނުވާލައިގެންނެވެ.

އީގަލްސްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އަންސަރު އިބްރާހިމް ކާމިޔަބު ކުރީ އިބްރާހިމް މުބީން ތަނަވަސްކޮށްދިން ފުރުސަތަކުން ހުހަށް އޮތް ވިކްޓްރީގެ ގޯލަށް ފޮނުވާލައިގެންނެވެ.

އެ މެޗުން މޮޅުވުމުން އީގަލްސް އޮތީ 17 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގަ އެވެ.

ނަމަވެސް މިރޭ އީގަލްސައަށް ވުރެ ދެ ޕޮއިންޓް ފަހަތުގައި އޮތް މާޒިޔާ މަހިބަދޫއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެނަމަ، މާޒިޔާ ތިން ވަނައަށް ޖެހިލާނެއެވެ.

މާޒިޔާއާ މަހިބަދޫ ކުޅޭ މެޗް ފެށޭނީ މިރޭ 9:00 ގައެވެ.

comment ކޮމެންޓް