ޓީސީ ލީގް ކުރީގައި އޮތުމަށް ފުރުސަތު ނުދީ ނިއު އެއް ވަނައަށް

ނިއުގެ ކުޅުންތެރިން ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ. އެ ޓީމް ވަނީ ތާވަލްގެ ކުރީގައި ހަމަޖެހިލާފައި --- އިމޭޖަސް އެމްވީ ފޯޓޯ/ ޙުސައިން ސިނާން

އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި ބުރާސްފަތި ދުވަހު ހަވީރު ވެލެންސިއާ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެ ޓީސީ ލީގްގެ އެއްވަނައިގައި އޮތުމަށް ފުރުސަތު ތަނަވަސް ކުރި ނަމަވެސް ބީޖީގެ މައްޗަށް 4-1ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޓީސީ ތާވަލްގެ އެއްވަނައިގައި އޮތުމަށް ފުރުސަތު ނުދީ ނިއުރޭޑިއަންޓް ތާވަލްގެ އެއް ވަނައިގައި ހަމަޖެހިލައިފިއެވެ.

ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗްގައި ޓީސީގެ ފުރަތަމަ ލަނޑު 68 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރީ އެ ޓީމުގެ ކެޕްޓަން އިބްރާހިމް ޔާމީން (ޔާންބެ) އެވެ.

މި ޕެނަލްޓީއަކީ ވެލްސިއާގެ ކެޕްޓަން އިބްރާހިމް ޢަބްދުﷲ އެޓީމުގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޓީސީގެ މުޙައްމަދު އައްޒާމަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ޓީސީގެ ދެ ވަނަ ލަނޑު 76 ވަނަ މިނެޓްގައި އަހްމަދު ނިޒާމް ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އަރައި ލިބުނު ފުރަތަމަ ބޯޅައިންނެވެ.

މިރޭ ބީޖީއާ ދެކޮޅަށް ކުޅުނު މެޗްގައި ނިއުގެ ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކުރި ބިދޭސީ ކުޅުންތެރިޔާ ވިލިއަމް މާކޯއެވެ.

ނިއުގެ ފުރަތަމަ ލަނޑު މެޗްގެ 22 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ޢަލީ ފާސިރު (ސެންޓޭ) އެވެ.

ނިއުއިން ލީޑް ނެގިތާ ހަތަރު މިނެޓް ފަހުން ބީޖީއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.

ނިއުއަށް އަލުން ލީޑް ނަގައިދިނީ މެޗްގެ 72 ވަނަ މިނެޓްގައި ވިލިއަމް ކާމިޔާބު ކުރި ލަނޑުންނެވެ.

މެޗްގެ އެންމެ ފަހު ފަސް މިނެޓްގައި ނިއުއިން ވަނީ ދެ ލަނޑު ޖަހައި ނަތީޖާ އިތުރަށް ފުޅާކޮށްފައެވެ.

އެގޮތުން 88 ވަނަ މިނެޓްގައި ވިލިއަމް، ނިއުގެ ތިން ވަނަ ލަނޑު ކާމިޔާބު ކުރިއިރު އޭގެ ދެ މިނެޓްފަހުން 90 ވަނަ މިނެޓްގައި ކެޕްޓަން އަސްހަދު ޢަލީ (އަޑޭ) ވަނީ ނިއުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ވެލެންސިއާ އަތުން މޮޅުވުމުން ޓީސީއަށް ލިބިފައި ވަނީ 24 ޕޮއިންޓެވެ.

ނިއު އެއް ވަނައިގައި އޮތީ 26 ޕޮއިންޓް ހޯދައިގެންނެވެ.

ލީގްގައި ހުކުރު ދުވަހު ހަވީރު ކުޅޭ މެޗްގައި ބައްދަލު ކުރާނީ އީގަލްސްއާ ވިކްޓަރީއެވެ.

comment ކޮމެންޓް