ހުރިހާ ކަމެއް ވެސް ބަޔާންކޮށްދެއްވުމަކީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް: މައުމޫނު

މިއަދު ފެށި ޢިލްމުވެރިންގެ މަހާސިންތާގައި މައުމޫނު ވާހަކަފުޅު ދައްކަވަނީ . ސަން ފޮޓޯ: ޢަލީ ނަޞީރު

ހުރިހާ ކަމެއް ވެސް ބަޔާންކޮށްދެއްވުމަކީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ކުރީގެ ރައީސް މައުމޫނު ޢަބުދުލް ޤައްޔޫމު ވިދާޅުވެއްޖެ އެވެ.

ދިވެހި ސަރުކާރާއި ސަޢުދީ ސަރުކާރު ގުޅިގެން ބާއްވާ އިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމީ މަރުކަޒުގައި ވާހަކަފުޅު ދައްކަވަމުން މައުމޫނު ވިދާޅުވީ އިލްމުވެރިންގެ މަސްއޫލިއްޔަތު ވަރަށް ބޮޑު ކަމަށެވެ.

"...ޢިލްމުވެރިންނަކީ ޤައުމަށް، މުޖުތަމަޢަށް މަގު ދައްކަވަން ތިއްބަވާ ބޭފުޅުން . އެބޭފުޅުންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ އަޅުގަނޑުމެންނަށް ހުރިހާ ކަމެއް ވެސް ބަޔާންކޮށްދެއްވުން. އެކި އެކި ކަންތައްތައް އަޅުގަނޑުމެންނަށް ކުރިމަތިވަމުންދާއިރު ކޮބައިތޯ ރަނގަޅު ގޮތަކީ، ކޮބައިތޯ ނުރަނގަޅު ގޮތަކީ، ކޮބައިތޯ އަޅުގަނޑުމެން އަމަލުކުރަންވީ ގޮތަކީ ކޮބައިތޯ ރައްކާތެރިވާންޖެހޭ ކަންތައްތަކަކީ، މިކަންތައްތައް އިލްމުވެރިން ޖެހޭ އަޅުގަނޑުމެންނަށް ބަޔާންކޮށްދެއްވަން،" މައުމޫނު ވިދާޅުވިއެވެ.

ޢިލްމުވެރިންގެ މަހާސިންތާ ފެށުމުގެ ރަސްމިިއްޔާތު. ސަން ފޮޓޯ: ޢަލީ ނަސީރު

މައުމޫނު ވިދާޅުވީ ރާއްޖޭގައި ގިނަ އަދަދެއްގެ ޒުވާނުން ތިބީމާ ހާއްސަކޮށް ޒުވާނުންނަށް އެކަންތައްތައް ވަރަށް ރަނގަޅަށް ބަޔާންކޮށްދެވަން ޖެހޭ ކަމަށެވެ. އެހެންނޫނީ ބޭނުންވާ މަންޒިލު މަޤުޞޫދަށް ދަތުރުކުރުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ޒުވާނުންނަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާތީ ޒުވާނުންނަށް މިދުވަސް ވަރު ވަރަށް ބޮޑު އަހައްމިޔަތެއް ދީ ޒުވާނުނަށް މަގު ދައްކައިދޭން ޖެހޭ ކަމަށް ވެސް މައުމޫނު ވިދާޅުވިއެވެ.

ސަޢުދީ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން އިންތިޒާމްކުރި އިލްމުވެރިންގެ މަހާސިންތާގައި ދެ ގައުމުގެ އިލްމުވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ. މަހާސިންތާ ފެށުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަޙުމަދު ޒިޔާދު ބާޤިރާއި ބައެއް އެހެން ވަޒީރުންނާއި ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރު އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި މިހާރު ރާއްޖެއަށް ވަޑައިގެން އުޅުއްވާ ސަޢުދީ ޢަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޞާލިޙު ބިން މުޙައްމަދު އަބްދުލްއަޒީޒް ބިން މުޙައްމަދު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް