މާފަންނު މުއިވެޔޮދޮށު ނުވަތަ ބިސްބުރު ހުރި ތަނަށް ޖުމްހޫރީ ބިނާ ބަދަލުކޮށް އެތަން ހުޅުވައިފިއެވެ.
ޖުމްހޫރީ ބިނާއާއި ކުޑަކުދިން ކުޅޭ ސާމާނާއެކު މިއަދު ހަވީރު ބިސްބުރު ޕާކް ހުޅުއްވައިދެއްވީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ސްޓޭލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝަކޫރުއެވެ.

ބޮޑެތި ބަދަލުތަކަކާއެކު ބިސްބުރު ޕާކު އަލުން ހުޅުވައިދެއްވަނީ--- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ސްޓެލްކޯއިން ތަރައްގީކުރި އެ ޕާކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އެ ޕާކް ތަރައްގީކުރުމަށް ދެ މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ވިސްނުންފުޅަކީ އެފަދަ އިތުރު ޕާކްތައް ގާއިމްކޮށް ރައްޔިތުންނަށް ހިތްފަސޭހަކަން ގެނެސްދިނުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބޮޑެތި ބަދަލުތަކަކާއެކު ބިސްބުރު ޕާކު އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
"ރައީސުލްޖުމްހޫރިއްޔާގެ ބޭނުންފުޅަކީ މިފަދަ ތަންތަން މާލޭގެ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް ކުޑަކުދިންނަށް އަދި އެކިއުމުރުފުރާގެ ކުދިންނަށް ހިތްހަމަ ޖެހިލައިގެން އުޅެވޭނެ ތަންތަން ހެދުން،" މިނިސްޓަރު މުއިއްޒު ވިދާޅުވިއެވެ.
މިއަދުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝަކޫރު ވިދާޅުވީ އެޕާކް ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލާފައިވަނީ 45 ދުވަހުގެ ތެރޭގައި ޝެޑިއުލްކޮށްފައިވާގޮތަށް ކަމަށެވެ.

ބޮޑެތި ބަދަލުތަކަކާއެކު ބިސްބުރު ޕާކު އަލުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ބިސްބުރު ޕާކް އަލުން ހުޅުވާފައިވާއިރު އެ ޕާކްވަނީ ހިތްފަސޭހަކޮށްލަން އިށީނދެ ތިބެވޭގޮތަށް ގޮނޑިޖަހައި ޒީނަތްތެރިކޮށްފައެވެ.