ޓެލެކޮމް ދާއިރާގައި ދެމުން އަންނަ އެންމެ ފާހަގަކޮށްލެވޭ އެއް އެވޯޑްކަމަށްވާ "ކޮމްސްއެމްއީއޭ އެވާޑްސް"ގެ ހަތަރު އެވޯޑެއް އުރީދޫ އަށް ލިބިއްޖެ އެވެ.
ދުބާއީގައި ބޭއްވި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި އުރީދު އަށް ލިބިފައި ވަނީ މުޅި އަހަރު ހުރިހާ ގޮތަކުން އެންމެ ރަނގަޅު އޮޕަރޭޓަރުގެ އެވޯޑާއި، މެދުއިރުމަތިން އެންމެ ރަނގަޅު މޮބައިލް އޮޕަރޭޓަރުގެ އެވޯޑާއި ނެޓްވޯކް އޮޕްޓިމައިޒޭޝަން އެވޯޑާއި އެންމެ ރަނގަޅު ސާވިސް ޕްރޮވައިޑަރެއްގެ އެވޯޑެވެ.
ޖުމްލަ 14 ކެޓަގަރީއަކުން އެ ރަސްމިއްޔާތުގައި އެވޯޑް ދިން އިރު، އުރީދު އަށް ލިބުނު އެވޯޑްތަކަށް 12 ފަރާތަކުން ވަނީ ނޮމިނޭޓްވެފަ އެވެ.
އުރީދޫ ގްރޫޕުގެ ސީއީއޯ ޝައިހް ސައުދް ބިން ނަސީރް އަލް ތާނީ ވިދާޅުވީ، އެ ކުންފުނީގެ އަމާޒަކީ އުރީދޫ އިން ހިދުމަތްދޭ ކޮންމެ ތަނެއްގައި އެންމެ ފުރިހަމަ ހިދުމަތް ދިނުން ކަމަށެވެ. އަދި އުރީދޫގެ ހުރިހާ މުވައްޒަފުން ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ ޑިޖިޓަލް ލައިފް ސްޓައިލް އިތުރަށް ވަރުގަދަކުރަން ކަމަށެވެ. އުރީދޫ އިން ގަތަރު، އިރާގު، އަލްޖީރިއާ އަދި ރާއްޖޭގައި ހިދުމަތްދެ އެވެ.