އަންނަ އަހަރުގެ ޔޫރޯގައި ބޭނުންކުރާ ބޯޅަ ދައްކާލައިފި

ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރަން ހަމަޖެހިފައިވާ ރަސްމީ ބޯޅަ "ބޯޖުއާ" --- ފޮޓޯ: ޔުއެފާ

އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރަން ހަމަޖެހިފައިވާ ރަސްމީ ބޯޅަ "ބޯޖުއާ" ރަސްމީކޮށް ފްރާންސްގައި ދައްކާލައިފި އެވެ.

ބްރެޒިލްގައި މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ރަސްމީ ބޯޅަ ބްރަޒޫކާ ނަމޫނާ އަކަށް ބަލައިގެން އެޑިޑާސްއިން ތައްޔާރުކުރި ބޯޅަ ދައްކާލީ ފްރާންސަށް ވޯލްޑް ކަޕާއި ޔޫރޯ ކާމިޔާބުކޮށްދިން ދުނިޔޭގެ ކުރީގެ މޮޅު ކުޅުންތެރިޔާ ޒައިނުއްދީން ޒިދާން އެވެ. އޭނާއާއެކު ދެން ބައިވެރިވީ އެންމެ ފަހުގެ ޔޫރޯގެ ދެ މުބާރާތް ވެސް ސްޕޭނަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހަނާންޑޭޒް އެވެ.

ޒިދާން ޔޫރޯ 2016 ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރަން ހަމަޖެހިފައިވާ ރަސްމީ ބޯޅަ ބޯޖުއާ ދައްކާލަނީ --- ފޮޓޯ: ޑެއިލީ މެއިލް

ޔޫރޯގައި ބޭނުންކުރަން ތައްޔާރުކޮށްފައިވާ ބޯޖުއާގެ މާނައަކީ ދަ ބިއުޓިފުލް ގޭމް އެވެ. އެޑިޑާސްއިން ތައްޔާރުކޮށްފައިވާ އެހެން ބޯޅަތަކާ ހިލާފަށް މި ބޯޅައިގެ ބައްޓަން ރީތިވެފައި އެކިއުރެސީ ވާނެ އެވެ. މި ބޯޅައިގައި ބޭނުންކުރެވިފައިވާ ކުލަތަކަކީ ފްރާންސްގެ ގައުމީ ދިދައިގައި ހުރި ކުލަތަކެވެ. އެ ކުލަތަކަކީ ރަތާއި ނުލާއި ހުދެވެ.

މުބާރާތުގައި ވާދަކުރާ ހުރިހާ ގައުމަކަށް ވެސް މި ބޯޅަ އަންނަ ޑިސެމްބަރު މަހުން ފެށިގެން އެޑިޑާސްއިން ފޯރުކޮށްދޭނެ އެވެ. އަދި އަންނަ ހޯމަ ދުވަހުން ފެށިގެން އެޑިޑާސްގެ ފިހާރަތަކުން މި ބޯޅަ ގަންނަން ލިބޭނެ އެވެ.

މި ބޯޅައާއި މެދު ދުނިޔޭގެ މަސްހޫރު ކުޅުންތެރިންވެސް ވަރަށް ހިތްހަމަޖެހޭކަމުގައި މި ބޯޅަ ތައްޔާރުކުރި އެޑިޑާސް ކުންފުނިން ވަނީ ބުނެފައެވެ. އެގޮތުން ގެރެތު ބޭލް، އިކާ ކަސިއަސް ރޮނާލްޑޯ ފަދަ ކުޅުންތެރިން ވެސް މި ބޯޅައާމެދު ހިތްހަމަޖެހުން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް