ބީއެމްއެލްގެ އަހަރީ ދުވަހާ ގުޅުވައިގެން އެކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކޮށް ކޮންމެ ރަށެއްގައި ކޭޝް އޭޖެންޓުން ބައިތިއްބަން ބޭންކުން ނިންމައިފި އެވެ.
ގައުމީ ބޭންކުގެ 33 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މުވައްޒަފުންނަށް ޝުކުރު އަދާކޮށް އެ ބޭންކްގެ ސީއީއޯ އެންޑްރޫ ހީލީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ކޭޝް އޭޖެންޓުން މެދުވެރިކޮށް ފައިސާ ނެގުމުގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން 160 ރަށަކަށް ކޭޝް އޭޖެންޓުންގެ ހިދުމަތް ފުޅާކޮށް ހުރިހާ ރަށެއްގައި އެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"މިހަފްތާގައި 160 ރަށަށް މިވަނީ ހިދުމަތް ފޯރުކޮށްދީފައި. މިއަހަރު ނިމުމުގެ ކުރިން ހުރިހާ ރަށަކަށް ވެސް ލިބިގެންދާނެ،" އެންޑްރޫ ހީލީ ވިދާޅުވި އެވެ.
ބީއެމްއެލްގެ ބުރާންޗެއް ނެތީ ހަމައެކަނި ވ. އަތޮޅުގަ އެވެ. ނަމަވެސް އެ އަތޮޅުގައި ބޭންކުގެ ބުރާންޗެއް ގާއިމުކޮށް 20 އަތޮޅު ފުރިހަމަ ކުރާނެ ކަމަށް ގައުމީ ބޭންކުން ވަނީ ބުނެފަ އެވެ.
"ކައިރި މުސްތަގުބަލެއްގައި ވ. އަތޮޅުގައި އަލަށް ބުރާންޗެއް ހުޅުވިގެންދާނެ. ވ. އަތޮޅު ކައުންސިލާއެކު މަޝްވަރާތަކެއް ކުރެވި ބްރާންޗް ގާއިމު ކުރާނެ ރަނގަޅު ތަނެއް މިވަނީ ފާހަގަކުރެވިފައި،" އެންޑްރޫ ހީލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ބީއެމްއެލް އިން އަހަމިއްޔަތުކަންދެނީ ހަމައެކަނި މާލެއަށް ނޫން ކަމަށާއި ރާއްޖޭގެ ހުރިހާ ރަށަކަށް އަމާޒުކޮށް ހިދުމަތް ދެމުން އަންނަ ކަމަށެވެ. އެގޮތުން އެ ބޭންކުގެ ބުރާންޗުތައް އެކި ރަށްރަށުގައި އޮޕަރޭޓް ކުރަމުން އަންނަކަން ހީލީ ފާހަގަކުރެއްވި އެވެ.
ހީލީ ވިދާޅުވި ގޮތުގައި މިދިޔަ އަހަރާއި އަޅައިބަލާއިރު އެ ބޭންކުން ދޫކުރާ ލޯނު ތައް ވަނީ ދެގުނަ އިތުރުކޮށްފައެވެ. އެގޮތުން އެ ބޭންކުން މިހާތަނަށް ވަނީ 2.5 ބިލިއަން ރުފިޔާ ވަނީ ލޯނުގެ ގޮތުގައި ދޫކޮށްފަ އެވެ.
ހީލީ ވިދާޅުވީ، ގައުމީ ބޭންކުން އަހަރަކު ދެ ހާހަށްވުރެ ގިނަ "ދޯނި ބޭންކިން ދަތުރު" އެކި ރަށްރަށަށް ކުރާ ކަމަށެވެ. އަދި ކަސްޓަމަރުން ބޭނުން ކޮންމެ ވަގުތަކު އިންޓަނެޓް ބޭންކިން އާއި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭއިރު، ރާއްޖޭގެ ކޮންމެ ހިސާބަކުން ވެސް އިސްލާމިކް ބޭންކިންގެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސައި އެ ހިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
"މި ބޭންކަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިރިއުޅޭ ދިވެހި ކޮންމެ ފަރުދެއްގެ ހެޔޮބަދަލު ގެނުވައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްދޭ ބޭންކެއް،" އެންޑްރޫ ހީލީ ވިދާޅުވި އެވެ.