އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދާ ކަމުގައި ވާނަމަ މީޑިއާގެ މަސްއޫލިއްޔަތަށް ހުރަސް އަޅައިގެން ނުވާނެ: އެމްއެމްސީ

ކޯޓު އަމުރަކާއެކު ފުލުހުން ސަންގުޓީވީއަށް ވަދެ ބަލާ ފާސްކުރުން: އެމްއެމްސީ އިން ބަޔާނެއް ނެރެފައިވަނީ އެ މައްސަލައާ ގުޅިގެން -- ސަން ފޮޓޯ/ފަޔާޒު މޫސާ

އުސޫލުތަކާ އެއްގޮތަށް މީޑިއާތަކުން އަމަލު ކުރަމުންދާ ކަމުގައި ވާނަމަ މީޑިއާގެ މަސްއޫލިއްޔަތު އަދާ ކުރުމަށް އެއްވެސް ބަޔަކު ހުރަހެއް އަޅައިގެން ނުވާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.

ރޭ ސަންގު ޓީވީ އިދާރާއަށް ފުލުހުން ވަދެ އެތަނުގެ ބައެއް ފަންނީ ސާމާނު ގެންދިޔުމާ ގުޅިގެން އެމްއެމްސީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މީޑިއާގެ މަސްއޫލިއްޔަތު، އުސޫލުގެ ދަށުން އަމަލު ކުރަމުންދާ ކަމުގައި ވާނަމަ އެ މީޑިއާގެ ވަސީލަތެއް ގެންގޮސް އެފަރާތްތަކުގެ މަސައްކަތްތަކަށް ހުރަސް ނޭޅޭނެ ގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

އެމްއެމްސީ އިން ބުނެފައިވަނީ ސަންގު ޓީވީއަށް ފުލުހުން ވަދެ ވަސީލަތް ގެންގޮސްގެން ކުރިއަށް ގެންދާ ތަހުގީގަށް ސަންގު ޓީވީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށެވެ.

ސަންގު ޓީވީއަށް ވަދެ ސާމާނުތައް ގެންދިޔުމާ ގުޅިގެން އެ ޗެނަލްގެ ޓްރާންސްމިޝަން އަދިވެސް ފެށިފައެއް ނުވެއެވެ. އެހެން ކަމުން އެކަން ހިނގާ ދިޔަ ގޮތް ބެލުމަށް އެމްއެމްސީ އިން ދަނީ މަސައްކަތް ކުރަމުން ކަމަށް އެ ކައުންސިލުން ބުންޏެވެ.

ކޯޓު އަމުރަކާއެކު ފުލުހުން ސަންގުޓީވީއަށް ވަދެ އެތަން ބަލައިފާސްކޮށް އެ ސްޓޭޝަންގެ ހުރިހާ ސިސްޓަމްތަކެއްގެ ހާޑްޑިސްކުތައް ގެންގޮސްފައިވަނީ ރޭ ދަންވަރު އެވެ.

ސަންގު ޓީވީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ ކޯޓުއަމުރެއްގެ ދަށުން ފުލުހުން އެ ސްޓޭޝަނަށް ވަދެ، އެތަނުގައިހުރި ހުރިހާ ސިސްޓަމްތަކެއްގެ ހާޑްޑިސްކުތައް ގެންގޮސްފައިވާ ކަމަށެވެ.

"އޮފީހުގެ ހުރިހާ ސިސްޓަމްތަކެއްގެ ހާޑްޑިސްކުތައް ފުލުހުން ގެންދިޔަ. ހެއްކާ ގަރީނާ ހޯދުމަށް މުޅި ސްޓޭޝަން ވަނީ އެފުއް މިފުށަށް ޖަހާލާފައި. ފުލުހުން ދިޔައީ 27 ހާޑްޑިސްކު ހިފައިގެން. މުޅި ސްޓޭޝަން ހުއްޓުމަކަށް އައީ،" އަސްވާޑު ވިދާޅުވިއެވެ.

comment ކޮމެންޓް