ގިނަ ޗާޓުތަކެއް މުގުރާލުމަށްފަހު އެޑެލްގެ "ހެލޯ" ޕޮޕް އިންޑަސްޓްރީ އަށް އަތްގަދަ ކޮށްފި

އެޑެލްގެ "ހެލޯ" މިއުޒިކް ވީޑިއޯގެ ސްކްރީންޝޮޓެއް---

އެތައް އަހަރެއްގެ މެދުކެނޑުމަށް ފަހު މަޝްހޫރު ބްރިޓިޝް ލަވަކިޔުންތެރިޔާ އެޑެލް މިދިޔަ މަހު ނެރުނު ސިންގަލް "ހެލޯ" ޗާޓުތަކުގެ އެންމެ މަތިން ޖާގަ ހޯދަން ފަށާފައިވާ އިރު ގިނަ ރެކޯޑުތަކެއް ވެސް މުގުރާލައިފި އެވެ.

މިދިޔަ މަހުގެ 23 ގައި ނެރުނު އެ ލަވަ ވަނީ އެއް ހަފްތާގައި މިހާތަނަށް އެންމެ ގިނަ ކޮޕީ ވިއްކި ސިންގަލްގެ ރެކޯޑު މުގުރާލާފައެވެ. އެގޮތުން ހެލޯ ނެރުނު ފުރަތަމަ ހަފްތާގައި އެ ލަވައިގެ 1.11 މިލިއަން ކޮޕީ ވަނީ ވިކިފައެވެ.

އެއް ހަފްތާއެއްގެ ތެރޭގައި އެންމެ ގިނަ ކޮޕީ ވިކުނު ލަވައަކަށް މީގެ ކުރިން ރެކޯޑު ގާއިމުކޮށްފައިވަނީ 2009 ވަނަ އަހަރުގައެވެ. މަޝްހޫރު ލަވަކިޔުންތެރިޔާ ފްލޯ ރީޑާ އެއަހަރު ނެރުނު "ރައިޓް ރައުންޑް" ވަނީ އެއް ހަފްތާގެ ތެރޭގައި 636،000 ކޮޕީ ވިއްކާފައެވެ.

އެޑެލްގެ ހެލޯ ވަނީ ބްރިޓިޝްގެ ޗާޓުތަކުގައި އެއްވަނައަށް އަރާފައެވެ. އޭގެ އިތުރުން އެމެރިކާގެ ބިލްބޯޑްސް ޗާޓުގެ އެއްވަނައިގައިވެސް އިނީ ހެލޯއެވެ.

އޭނާގެ ސޮފްމޯ އަލްބަމް "21" ނެރުނީ 2011 ވަނައަހަރުގައެވެ. އެއަށްފަހު އާ މިއުޒިކެއް އޭނާ ނެރުނީ މިދިޔަ މަހުގައެވެ. އޭނާގެ 21 ވަނީ 30 މިލިއަން ކޮޕީ ވިއްކާފައެވެ. އެހެން ކަމުން މިމަހު 20 ގައި ނެރުމަށް ހަމަޖެހިފައިވާ އަލްބަމް "25" އަކީވެސް ގިނަ ކާމިޔާބީތަކެއް ހޯދާނެ އަލްބަމް އެއް ކެވެ.

comment ކޮމެންޓް