ރާއްޖޭގައި ހަތިޔާރު ގުދަނެއް ހަދަން އުޅުނު ވާހަކަ މޯލްޓާ ކުންފުނިން ދޮގުކޮށްފި

އެމްޓީޑީސީން އުލިގަމުގައި ރިސޯޓް ތަރައްގީކުރަން ކަނޑައެޅި ސަރަހައްދުގައި ހަދާފައިވާ އިމާރާތެއް: ތިޔާރު ގެންގުޅޭ މީހުން ތިބޭނީ މިތަނުގައި ކަމަަށް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވޭ -- ސަން ފޮޓޯ/ ހުސައިން ހަސަން

ރާއްޖޭގައި ހަތިޔާރު ގުދަނެއް އަޅަން އުޅުނު ކަމަށް ފެތުރުނު ވާހަކަތައް މޯލްޓާގެ ކުންފުންޏަކުން ދޮގުކޮށްފައިވާ ކަމަށް އެގައުމުގެ ނޫހަކުން ބުނެފިއެވެ.

މޯލްޓާގެ 'ޓައިމްސް އޮފް މޯލްޓާ' ނޫހުން މިއަދު ބުނީ މާޝަލް ކޮންސަލްޓެންޓްސް ނަމަކަށް ކިޔާ ކުންފުނިން ރާއްޖޭގައި 200 މީހުންނާއި އެކު ޕްރައިވެޓް އާމަރީއެއް ގާއިމްކޮށް އިންޑިއާ ކަނޑުގައި ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމުގެ ހިދުމަތް ދޭން އުޅޭ ކަމަށް ނޫސްތަކުގައި އާންމުކުރި ރިޕޯޓްތައް އެކުންފުނިން ދޮގު ކުރި ކަމަށެވެ.

"...މާޝަލް ކޮންސަލްޓެންޓްގެ ތަރުޖަމާނަކާ އެކަމާ ސުވާލު ކުރުމުން އެރިޕޯޓްތަކާ ބެހޭ ގޮތުން އޭނާ ފުރަތަމަ ބުނީ އެއީ ' ކަނޑައެޅިގެން ދޮގެއް' ކަމަށެވެ. ނަމަވެސް އެއަށް ވުރެ އިތުރަށް އެއްޗެއް ނުބުނެއެވެ. ނަމަވެސް އިތުރަށް ކަށަވަރު ކުރުމަށް ރާއްޖޭގައި ޕްރައިވެޓް އާމަރީއެއް އަޅަން އުޅުނުތޯ ސުވާލު ކުރުމުން އެކަމާ އެއްޗެއް ބުނަން ތަރުޖަމާނު ދެކޮޅު ހެދިއެވެ. ' އަހަރެމެންގެ ވިޔަފާރިއާ ބެހޭ ގޮތުން ތަފުސީލުކޮށް މީޑިއާއާ ވާހަކަ ދެއްކުމަކީ އަހަރެމެންނަށް ވިޔަފާރީގެ ގޮތުން މަސްލަހަތު ހުރި ކަމެއް ނޫން، ' އޭނާ ބުންޏެވެ،" ޓައިމްސް އޮފް މޯލްޓާގެ ހަބަރުގައި ވެއެވެ.

މޯލްޓާގެ ކުންފުންޏަކުން ރާއްޖޭގައި ހަތިޔާރު ގުދަނެއް އަޅަން އުޅޭ ކަމުގެ ވާހަކަތައް ރާއްޖޭގެ މީޑިއާތަކުގައި ފެތުރުނީ ނައިބު ރައީސް އަހުމަދު އަދީބު އެގައުމަށް ކުރެއްވި ދަތުރުފުޅަށް ފަހުގައެވެ. ނަމަވެސް އޭރު ދިވެހި ސަރުކާރުން ވަނީ އެވާހަކަ ދޮގުކޮށްފައެވެ.

comment ކޮމެންޓް