އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު 4-2 ގެ ނަތީޖާއަކުން ވެލެންސިއާ އަތުން ބަލިވެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ޕްރެޝަރާ ކުރިމަތި ވެއްޖެއެވެ.
ލީގް ތާވަލްގެ އެއް ވަނައިގައި 23 ޕޮއިންޓާއެކު ނިއު އޮތް އިރު ލީގްގެ ދެ ވަނައިގައި 18 ޕޮއިންޓާއެކު އޮތް ޓީސީ މިރޭ މަހިބަދޫ އަތުން މޮޅުވެއްޖެނަމަ އެޓީމާ ނިއުއާ ދެމެދު އޮތް ޕޮއިންޓްގެ ފަރަގު ދެ ޕޮއިންޓަށް ކުޑަ ވެގެންދާނެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗްގައި ވެލެންސިއާއިން ވަނީ މެޗް ފެށިގެން 20 މިނެޓް ތެރޭގައި ތިން ލަނޑު ޖަހާފައެވެ.
އަދި ވެލެންސިއާގެ ތިން ލަނޑު ކާމިޔާބު ކުރަން ހޭދަވީ ދިހަ މިނެޓެވެ.
އެޓީމްގެ ލަނޑު ތައް ކާމިޔާބު ކުރީ އަޙްމަދު ރިލްވާންއާއި ބިދޭސީ ކުޅުންތެރިޔާ މިރުޗޭވް ވަލަޑިސްލާވް މިޓްކޯވްއެވެ.
އެގޮތުން ވެލެންސިއާގެ ފުރަތަމަ ލަނޑު 11 ވަނަ މިނެޓްގައި ރިލްވާން ކާމިޔާބު ކުރި އިރު އޭނާ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ އޭގެ ހަ މިނެޓް ފަހުން މެޗްގެ 17 ވަނަ މިނެޓްގައެވެ.
ތިން ވަނަ ލަނޑު މިޓްކޯވް ކާމިޔަބު ކުރީ ރިލްވާން ދެ ވަނަ ލަނޑު ކާމިޔާބު ކުރިތާ ދެ މިނެޓް ފަހުން މެޗްގެ 19 ވަނަ މިނެޓްގައެވެ.
މުޅި މެޗްގައިވެސް ވެލެންސިއާގެ ކުޅުންތެރިންގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިފައެވެ.
މެޗްގައި ނިއުގެ ފުރަތަމަ ލަނޑު 23 ވަނަ މިނެޓްގައި އިބްރާހިމް ފަޒީލް (އޮއްޕޮ) ކާމިޔާބު ކުރީ ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެޓީމުގެ ބިދޭސީ ޑިފެންޑަރު ނޮގަޔަމް މޮކީ ނިއުގެ ޢަލި ފާސިރު (ސެންޓޭ)އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެއްގައެވެ.
މުޅި މެޗްގައިވެސް ރަނގަޅަށް ކުޅެމުން ދިޔަ ވެލެންސިއާއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފައެވެ.
އެގޮތުން މެޗްގެ 73 ވަނަ މިނެޓްގައި ނިއުގެ ޕެނަލްޓީ އޭރިއާގެ ރޮނގު މަތިން ވެލެންސިއާ ލިބުނު ހިލޭ ޖެހުން އަކްރަމް ޢަބްދުލް ޣަނީ ފޮނުވާލިއިރު އެބޯޅަ ދިޔައީ ނިއުގެ ގޯލްގެ މަތީ ކަނާ ދިމާލުން ހުޅަނގު ފަރާތުން ބޭރަށެވެ.
ނިއުގެ ދެ ވަނަ ލަނޑު ސެންޓޭ ކާމިޔާބު ކުރީ ވެލެންސިއާގެ ޑިފެންޑަރުން ބޯޅަ ދިފާއު ކުރަން އުޅުމުގެ ތެރޭގައި ހެދުނު މިސްޓޭކަކުން ސެންޓޭއަށް ލިބުނު ބޯޅަ ވެލެންސިއާގެ ގޯލަށް ފޮނުވަލައިގެނެވެ.
ނިއު ފަރަގު ކުޑަ ކުރިތާ އެއް މިނެޓްފަހު އެޓީމުގެ އަޖުވަދު ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސް ކުރި ބޯޅަ، ހުހަށް ހުރި މިޓްކޯވް ކާމިޔާބު ކުރީ ފަސޭހަ ކަމާއެކުއެވެ.
މެޗްގެ 44 ވަނަ މިނެޓްގައި ވެލެންސިއާގެ ޑިފެންޑަރު މިކޯ ދިން ބެކްޕާހެއް ވެލެންސިއާގެ ކީޕަރު ޢާތިފް އަތަށް ނެގުމުން ވެލެންސިއާގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ނިއުއަށް ލިބުނު ހިލޭ ޖެހުން ފޮނުވާލި ނަމަވެސް އެބޯޅަ ވަނީ ވެލެންސިއާގެ ޑިފެންޑަރުން ބްލޮކްކޮށްފައެވެ.
ވެލެންސިއާ އަތުން ނިއު އެންމެ ފަހުން ބަލިވީ 2012 ވަނަ އަހަރުއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ މެނޭޖަރު ޝިބާއު ބުނީ މިއަދުގެ މެޗުން ނިއު އަތުން މޮޅުވުމަކީ ލީގްގައި ކުރިއަށްދާން ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ޝިބާއު ބުނީ ނިއުއިން ލަނޑު ޖެހި ނަމަވެސް ވެލެންސިއާ ޕްރެޝަރަށް ނުވެއްޓުނީ ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތައް ކާމިޔާބު ވެފައިވުމުން ކަމަށެވެ.
ނިއުރޭޑިއަންޓްގެ ކޯޗް ސާބިއާގެ ނިކޮލާ ކޮވަޒޮވިޗް ބުނީ މިއަދުގެ މޮޅު ވެލެންސިއާއަށް ހައްޤު ކަމަށާއި ނިއު ބަލިވުމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ.
ނިއުގެ މުހިންމު ކުޅުންތެރިން ކަމުގައިވާ ވިލިއަމް މާކޯއާއި ކެޕްޓަން އަސްހަދު ޢަލީ (އަޑޭ) އާއި މުހައްމަދު ޝިފާން (ކުޑައްޓޭ) ނެތުމުން ދިމާވި މައްސަލައެއްތޯ ސުވާލުކުރުމުން ކޮވަޒޮވިޗް ބުނީ ކުޅުންތެރިޔަކު ނެތުމަކީ އެކްސްކިއުޒަކަށް ވެގެން ނުވާނެ ކަމަށެވެ.