ދީނުގައި އޮންނަ ގޮތަށް ވުރެ ހަރުކަށިކޮށް މީހުންނަށް ވިސްނައިދޭތީ އަމަނަށް ބުރޫ އަރާ: އުމަރު

މެދުމިން އޮޅުންފިލުވައި ދިނުމުގެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވާހަކަފުޅު ދައްކަވަނީ. ސަން ފޮޓޯ: ޔޫސުފް ޞަފްވާން.

އިސްލާމްދީނުގައި ކަންތައްތައް އޮންނަ ގޮތަށް ވުރެ ހަރުކަށިކޮށް ބައެއް މީހުން އެހެން މީހުންނަށް ވިސްނައިދޭތީ ރާއްޖޭގެ އަމާން ކަމަށް ބުރޫ އަރާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ސަޢުދީ ޢަރަބިއްޔާގެ މަދީނާ އިސްލާމިކް ޔުނިވަސިޓީއާއި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީ ގުޅިގެން ބާއްވާ 'އިސްލާމްދީނުގައި އޮތް މެދުމިން އޮޅުން ފިލުވައިދިނުމުގެ ފޯރަމް' ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެފަދަ ގޮތަކަށް މީހުންނަށް ވިސްނައިދިނުމުގެ ސަބަބުން ސަރަހައްދީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުމަށް ވެސް ބުރޫއަރާ ކަމަށެވެ.

"...މަގު އޮޅިފައިވާ އަޚުން އެބަ ނުކުމޭ، ދީނުގައި ކަން އޮންނަ ގޮތަށް ވުރެން ބޮޑުކޮށްގެން ، ދީނުގައި އޮންނަ މިންގަނޑަށް ވުރެން ހަރުކަށިކޮށްގެން އެކަންކަން އެބަ އަޅުގަނޑުމެންގެ އެހެނިހެން އަޚުންނަށް ވިސްނައިދީ، ނުބައި މަގަކުން އަޅުގަނޑުމެންގެ އަޚުން އެބަ ގެންދޭ. އޭގެ ސަބަބުން އަޅުގަނޑުމެންގެ އަމަން އަމާންކަމާ އަޅުގަނޑުމެންގެ ދާހިލީ ހަމަޖެހުމާ މިސަރަހައްދުގެ ގައުމުތަކުގެ އެއްގައުމު އަނެއް ގައުމުގެ ދެމެދު އޮންނަ ގުޅުމާ މިކަންކަމަށް ބުރޫ އަރައިގެން ދޭ،" އުމަރު ވިދާޅުވި އެވެ.

މަދީނާ ޔުނިވާސިޓީގެ ވެރިން ހޯމް މިނިސްޓަރު އުމަރަށް ވެދުމެއް ދެއްވަނީ. ސަން ފޮޓޯ: ޔޫސުފް ޞަފްވާން

އުމަރު ވިދާޅުވީ އެކަންކަމުގެ ސަބަބުން ހަނގުރާމަޔަށާއި ހަތިޔާރު އުފުލުމަށް މަގުފަހިކޮށްދޭ ކަމަށެވެ. މިއަދު ފެށި ފޯރަމްގެ ސަބަބުން ރާއްޖޭގައި މަގު އޮޅިފައި ތިބި މީހުންނަށް މަގު ފެނުމުގެ ފުރުސަތު ލިބިގެން ދިއުމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރާއްޖޭގައި ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮންނާތީ އެތެރެއާ ބޭރުން ގޮންޖެހުންތައް އަންނަން ފަށާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

"... ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައި އޮތީތީ އަންނަ ގޮންޖެހުން. އަދި އިސްލާމްދީން މަތީގައި ތިބެ އަޅުގަނޑުމެން ކުރާ ދަތުރުގައި ހަރުކަށި ހިޔާލުތަކުގެ ތެރެއިން އަޅުގަނޑުމެންނަށް އަންނަ ގޮންޖެހުން،" އުމަރު ވިދާޅުވި އެވެ.

ރާއްޖެއާ ސައުދީ ޢަރަބިއްޔާގައި މެދުމިނަށް އަމަލު ކުރުން އޮތް ގޮތާއި ބެހޭ ގޮތުން ކަރުދާސްތައް ހުށަހަޅުއްވައި، އިލްމުވެރިންގެ މެދުގައި ބަހުސްތައް ކުރުމަށް ބާއްވާ ފޯރަމް ފެށުމަށް މިއަދު ބާއްވާ ފޯރަމް ފެށުމުގެ އެރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާޤިރާއި އެންވަޔަރްމެންޓް މިނސްޓަރު ޡާރިޤު އިބުރާހީމާއި ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމާއި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށް ރާއްޖެއަށް ވަޑައިގެން އުޅުއްވާ މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސާއި ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް