ދިވެހިރާއްޖޭގެ އާ ނޫޓުގެ ގޮތުގައި މިރޭ ތަޢާރަފުކުރި ހަ ނޫޓަކީ ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ދިވެހި ވަންތަކަން ދައްކުވައިދޭ ކުރެހުންތަކެއް ފެންނަ ނޫޓުތަކެކެވެ. ހަމަ އެހެންމެ މި ނޫޓްތަކަކީ އެންމެ ޒަމާނީއެއް ކަރުދާސް ކަމަށްވާ ޕޮލިމާ ކަރުދާހަށް ޕްރިންޓުކޮށްފައިވާ ނޫޓުތަކެކެވެ. އެ ނޫޓުތަކުގެ ސައިޒަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ނޫޓުގައި ސޮއިކޮށްފައި ވަނީ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ. މިއީ ދިވެހި ފައިސާގައި އަންނެހަކު ސޮއިކުރާ ފުރަތަމަ ފަހަރެވެ. މިނޫޓުތަކަށް ލިބިގެންދާ އެންމެ ހާއްސަ އެއް ސިފައަކީ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމާއި ނޫޓްތައް ރީތިކަމެވެ.

ރަން ދިހަފަހެއްގެ ނޫޓު ސީރީޒްގައި ހިމެނޭ ނޫޓުތައް. އެމްއެމްއޭ އިން ވަނީ މި ނޫޓުތައް މިރޭ ތައާރަފްކޮށްފައި -- ފޮޓޯ: އެމްއެމްއޭ
10 ރުފިޔާ
ރަން ދިހަފަހެއްގެ ނޫޓު ސީރީޒްގައި ހިމެނޭ 10 ރުފިޔާގެ ނަމޫނާ -- ފޮޓޯ: އެމްއެމްއޭ
ދިހަ ރުފިޔާގެ ނޫޓުގައި ބޭނުންކޮށްފައިވަނީ ފަނޑު ރީނދޫ ކުލައެކެވެ. އެނޫޓުން ރާއްޖޭގެ ކުރީގެ އާދަކާދަތައް ދައްކައިދޭ މަންޒަރު ސިފަކޮށްދިނުމުގެ ގޮތުން ރުފިޔާގެ އެއް ފުށުން ދިގަށް ފެންނަނީ ދާރުލްއާސާރުގައި ރައްކާކުރެވިފައިވާ އެންމެ އާސާރީ ބޮޑު ބެރެކެވެ. ނޫޓުގެ އަނެއް ފުށުން ފެންނަނީ ރުއް އަރާމީހެކެވެ. އަދި ފަނޑުކޮށް ބޮޑުބެރަކާއި ދޮންދަބު ރުކުގެ ކުރުނބާ އިހަލެއް ފެނިގެންދެއެވެ.
20 ރުފިޔާ
ރަން ދިހަފަހެއްގެ ނޫޓު ސީރީޒްގައި ހިމެނޭ 20 ރުފިޔާގެ ނަމޫނާ -- ފޮޓޯ: އެމްއެމްއޭ
ވިހި ރުފިޔާގެ ނޫޓުގައި ދަނބު ކުލަ ބޭނުންކޮށްފައިވާއިރު އެނޫޓުން ދައްކުވައިދެނީ ދިވެހި ރާއްޖޭގެ އިގްތިސާދެވެ. މުޅި ނޫޓް ފަރުމާކޮށްފައިވަނީ ރަށްތަކާއި ފަރުތައް ދައްކުވައިދޭ ޕެޓާންއަކުންނެވެ. ނޫޓުގެ އެއް ފުށުން ދިގަށް ފެންނަނީ ކުރީގެ ރިޔަލު ދޯންޏެކެވެ. ނޫޓުގެ އަނެއް ފުށުގައި ބޭނުންކޮށްފައިވާ ތިން ކުރެހުމުން ފެންނަނީ ކަޅުބިލަ މަހަކާއި ރީނދޫ އުރަހަ ކަންނެއްޔެއް ހިފައިގެންދާ މަސް ވެރިއަކާއި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އާއި ބޮލި ތަކެކެވެ.
50 ރުފިޔާ

ރަން ދިހަފަހެއްގެ ނޫޓު ސީރީޒްގައި ހިމެނޭ 50 ރުފިޔާ -- ފޮޓޯ: އެމްއެމްއޭ
ފަންސާސް ރުފިޔާގެ ނޫޓުގައި ފެހި ކުލަ ބޭނުންކޮށްފައިވާއިރު އެނޫޓުން ދައްކުވައިދެނީ ރާއްޖޭގެ އިސްލާމް ވަންތަކަމެވެ. މުޅި ނޫޓްގައި ބޭނުންކޮށްފައިވާ ޕެޓާންއަކީ ހުކުރު މިސްކިތު ފާރުން ނަގާފައިވާ ޕެޓާންއެކެވެ. ނޫޓުގެ އެއް ފުށުން ދިގަށް ކުރަހާފައިވަނީ ހުކުރު މިސްކިތު މުންނާރެވެ. އަނެއް ފުށުން ފެންނަނީ ކީރިތި ގުރުއާން ކިޔަވަން އިން ކުއްޖަކާއި ދޯނި ބާލާ މަންޒަރެވެ.
100 ރުފިޔާ
ރަން ދިހަފަހެއްގެ ނޫޓު ސީރީޒްގައި ހިމެނޭ 100 ރުފިޔާގެ ނަމޫނާ -- ފޮޓޯ: އެމްއެމްއޭ
މިނޫޓުން ދިވެހި ގައުމިއްޔަތާއި ދިވެހި އަކުރު ދައްކުވައިދޭއިރު ނޫޓުގައި ބޭނުންކޮށްފައިވަނީ ރަތް ކުލައެވެ. މުޅި ނޫޓުގައި ބޭނުންކޮށްފައިވާ ޕެޓާންއަކީ ދިވެސް އަކުރުން ހަދާފައިވާ ޕެޓާންއެކެވެ. ނޫޓުގެ އެއްފުށުގައި ދިގަށް ކުރަހާފައިވަނީ ދަނބިދޫ ލޯމާފާނެވެ. ނޫޓުގެ އަނެއް ފުށުގައި ބޭނުންކޮށްފައިވާ ކުރެހުންތަކަކީ ދިވެހި ލިބާސް ލައިގެން ދިވެހި ލިބާހުގެ ހިރު ގެތުމުގެ މަސައްކަތް ކުރަމުންދާ އަންހެނަކާއި ދިވެހި ގައުމީ ހެދުމުގައި ތިބި މީހުންތަކެކެވެ.
500 ރުފިޔާ

ރަން ދިހަފަހެއްގެ ނޫޓު ސީރީޒްގައި ހިމެނޭ 500 ރުފިޔާ -- ފޮޓޯ: އެމްއެމްއޭ
މޫނުމަތީ އަގު 500 ރުފިޔާގެ ނޫޓުގައި ބޭނުންކޮށްފައިވަނީ އޮރެންޖް ކުލައެވެ. އެނޫޓުން ދައްކުވައިދެނީ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމެވެ. މުޅި ނޫޓުގައި ބޭނުންކޮށްފައިވާ ޕެޓާންއަކީ ތުނޑު ކުނަލުން ނަގާފައިވާ ކުރިބޮންޓާ ޕެޓާން އިން ހަދާފައިވާ ޑިޒައިނެކެވެ. ނޫޓުގެ އެއްފުށުން ފެންނަނީ ދިގަށް ކުރަހާފައިވާ ކުރީގައި ގަނޑުވަރުތެތޭ ބޭނުންކުރި ލިޔެލާޖެހި ނާޅިއެކެވެ. ނޫޓުގެ އަނެއް ފަރާތުން ފެންނަނީ ލަކުޑީގައި ކަނޑައި ނެގުމުގެ މަސައްކަތް ކުރަމުންދާ މީހެކެވެ. ދެން ފެންނަނީ އިލޮށިމަށަށް އިން އަންހެނެކެވެ.
1000 ރުފިޔާ
ރަން ދިހަފަހެއްގެ ނޫޓު ސީރީޒްގައި ހިމެނޭ 1000 ރުފިޔާގެ ނަމޫނާ -- ފޮޓޯ: އެމްއެމްއޭ
ނޫ ކުލަ ބޭނުންކޮށްފައިވާ 1000 ރުފިޔާގެ ނޫޓުން ދައްކުވައިދެނީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ. މުޅި ނޫޓުގައި ބޭނުންކޮށްފައިވާ ޕެޓާންއަކީ ފެހުރިހީގެ ބުރަކަށިމަތީގެ ޕެޓާންއެވެ. ނޫޓުގެ އެއް ފަރާތުގައި ދިގަށް ފެހުރިއްސެއް ކުރަހާފައިވާއިރު ނޫޓުގެ އަނެއް ފަރާތުގައި ކުރަހާފައިވަނީ ވެލާ އަކާއި ރާއްޖޭގެ ރިސޯޓެއްގެ އިތުރުން އެންމަޑި އަކާއި މުރަކައެކެވެ.
އަލަށް ތައާރަފްކުރި ނޫޓްތަކަކީ ސެކިއުރިޓީގޮތުންވެސް ވަރުގަދަ ފީޗާސްތަކެއް ހިމަނާފައިވާ ނޫޓުތުތަކެވެ. ތިރީގައި އެވަނީ އެފީޗާސްތަކުގެ ތަފްސީލެވެ.
- ކްލިއާ ވިންޑޯ: މީގެ ކޮންމެ ނޫޓެއްގެ ތެރޭގައި އެއް ފަރާތުން އަނެއް ފަރާތް ފެންނަގޮތަށް ޕްލާސްޓިކް ކްލިއާ ވިންޑޯއެއް ވަނީ ހިމަނާފަ.
- ހިޑެން ނަންބާސް: ކްލިއާ ވިންޑޯގެ ތެރެއިން ފެންމަރުކާއެއްގެ ސިފައިގައި ނޫޓުގެ މޫނުމަތީ އަގު ކޮންމެ ނޫޓަކުން ފެންނަހެން ހުރޭ.
- މާސްކްޑް ލެޓާ: ނޫޓުގެ އައްޔަށް ދިއްކުރުމުން ކްލިއާ ވިންޑޯގެ މަތީގައިވާ ޑިޒައިނުން MMA ފެންމަރުކާއެއްގެ ސިފައިގައި ފެންނަން ހުރޭ.
- އިރިޑިސެންޓް ޕެޓާން: ނޫޓު ދެފަރާތަށް އަރިކުރުމުން މުޅި ނޫޓުގެ މޫނުމަތިން ވިދާ ޑިޒައިނެއް ފެނޭ.
- ސްޕާކް އިންކް: މިނޫޓުތަކުގެ ތެރެއިން 100 ރުފިޔާއާއި 500 ރުފިޔާއާއި 1000 ރުފިޔާގެ ނޫޓުތަކުގެ ޑިޒައިންގެ ބައެއް ވިދުމެއް އެކުލެވޭ ދެއްޔަކުން ފެންނަން ހުރޭ. އަދި ނޫޓު ދެފަރާތަށް އަރިކުރުމުން މިބައިގެ ކުލަ ބަދަލުވުމުގެ އިތުރުން މިބައިގައި ފެންނަން ހުންނަ ވައްބުރު އެކި ދިމަދިމާލަށް ބަދަލުވޭ.
- ޓެކްސްޓައިލް ޑޮޓްސް: ލޮލަށް ފެނުމުގެ ދަތިކަން ހުންނަ ފަރާތްތަކަށް ނޫޓުގެ މޫނުމަތީ އަގު ދެނެގަތުމަށް ނޫޓުގައި އަތްލުމުން އުފުލިފައި ހުންނަ ގޮތް އިހްސާސްވާގޮތަށް އެކި ނޫޓުގައި އެކި ޑިޒައިން ހިމަނާފައިވޭ.
ޔޫވީ ލައިޓް ބޭނުންކޮށްގެން ދެނެގަނެވޭނެ ސިފަތައް:
- ނޫޓުގެ މޫނުމަތިން ކަނާތް ފަރާތުން މަތީގައި ހިމަނާފައިވާ ސީރިއަލް ނަމްބަރު ދިއްލޭ.
- ނޫޓުގެ މޫނުމަތިން ޑިޒައިނުގެ ބައެއް ދެ ކުލައަކުން ދިއްލޭ.
- ނޫޓުގެ މޫނުމަތިން ގޮޅިއެއްގެ ތެރޭގައި ނޫޓުގެ މޫނުމަތީ އަގު ދިއްލޭ.
- ނޫޓުގެ ފަހަތުގައި ކަނާތް ފަރާތުން ތިރީގައި މަތިން ތިރިއަށް ހިމަނާފައިވާ މޫނުމަތީ އަގު ދިއްލޭ.
އާ ނޫތްތައް ޑިސެމްބަރު މަހު ބޭނުން ކުރަން ފަށާއިރު އަންނަ އަހަރުގެ މޭ މަހުގެ ނިޔަލަށް މިހާރު ގެންގުޅޭ ނޫޓްތަކާއި އަލަށް ނެރޭ ނޫޓުތައް ވެސް ބޭނުން ކުރެވެ އެވެ. މޭމަހަށް ފަހު މިހާރު ގެންގުޅޭ ނޫޓްތައް ބޭނުން ކުރުން ހުއްޓާލައެވެ. ނަމަވެސް ފަސް އަހަރު ވަންދެން ބޭންކަތަކާއި އެމްއެމްއޭ އިން އެ ނޫޓްތައް ބަދަލު ކުރެވޭނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.