ދުނިޔޭގެ ފެންވަރުގައި ދޭ ފައިސާގެނޫޓު އެވާޑަށް ރާއްޖޭގެ 1000 ރުފިޔާ!

1000 ރުފިޔާގެ ނޫޓު ---

ދުނިޔޭގެ ގައުމުތަކުގައި ބޭނުންކުރާ ފައިސާގެ ނޫޓުތަކުގެ ތެރެއިން ހުރިހާ ގޮތަކުންވެސް އެންމެ ފާހަގަކޮށްލެވޭ ފައިސާގެ ނޫޓަކަށް އިންޓަނޭޝަނަލް ބޭންކްނޫޓް ސޮސައިޓީ (އައިބީއެންއެސް) އިން ދޭ އަހަރުގެ ބޭންކްނޫޓުގެ އެވޯޑަށް ރާއްޖޭގެ 1000 ރުފިޔާގެ ގެ ނޫޓު ނޮމިނޭޓްވެއްޖެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ދިވެހި ފައިސާގެ އާ ނޫޓު ސީރީސް "ރަންދިހަ ފަހެއް"ގައި ހިމެނޭ ހަ ނޫޓުގެ ތެރެއިން 1000 ރުފިޔާގެ ނޫޓަކީ މުޅިން އަލަށް ތައާރަފްކުރި ނޫޓެކެވެ.

އަލަށް ތައާރަފްކުރި 1000 ރުފިޔާގެ ނޫޓުގެ މައިގަނޑު މައުލޫއަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމެވެ. ފެހުރިހީގެ ބުރަކަށިމަތީގައި ހުންނަ ޕެޓާން އިން ހަދާފައިވާ ޑިޒައިނަކުން ފެނިގެންދަނީ ކަނޑުފަޅުގެ މުއްސަނދިކަމާއި ދޮންވެލި ގޮނޑުދޮށާއި ގުދުރަތީ ރީތިކަމެވެ. އެ ނޫޓުގެ ވެލައާ އާއި އެންމަޑީގެ މަގުބޫލުކަން ދައްކުވައިދޭއިރު އަނެއް ފަރާތުގައި ދައްކުވައިދެނީ ފުހުރިއްސެކެވެ.

އައިބީއެންއެސް އިން ބުނާގޮތުގައި، އަހަރުގެ ބޭންކްނޫޓް އެވޯޑަށް ނޮމިނޭޓްވާ ފައިސާގެ ނޫޓަކީ އެވޯޑް ދޭ އަހަރުގައި އާއްމުންނަށް މުޅިން އަލަށް ތައާރަފްކޮށް، ގައުމުގައި ދައުރުވާ ފައިސާގެ ނޫޓަކަށް ވާންޖެހޭނެ އެވެ.

މީގެ އިތުރުން އާޓިސްޓިކް ގޮތުން ފުރިހަމަ އަދި ވަރުގަދަ ޒަމާނީ ސަލާމަތީ ފީޗާސްތަކެއް އެ ނޫޓުގައި ހިމެނެން ޖެހޭނެއެވެ.

އައިބީއެންއެސްގެ ވެބްސައިޓުގައި ބުނާގޮތުން މިއަހަރުގެ މިހާތަނަށް އަހަރުގެ ބޭންކުނޫޓުގެ އެވޯޑަށް ނިމިނޭޓް ކޮށްފައިވަނީ ރާއްޖޭގެ 1000 ރުފިޔާގެ ނޫޓާއެކު ސްވިޒަލޭންޑުގެ 50 ފްރޭން، ސްކޮޓްލެންޑް އަދި އިންގްލޭންޑުގެ ފަސް ޕައުންޑް، ނިއު ޒިލޭންޑުގެ 50 ޑޮލަރު، ޖޯޖިއާގެ 50 ލަރި، ބެލަރަސްގެ 100 ރުބެލްސް އަދި އޮސްޓްރޭލިއާގެ ފަސް ޑޮލަރުގެ ނޫޓާއި ސްވިޑެންގެ 100 ކްރޯނާއެވެ.

އައިބީއެންއެސް އިން ދޭ އަހަރުގެ ފައިސާގެ ނޫޓަށް މިހާތަނަށް ނޮމިނޭޓް ވެފައިވާ ދުނިޔޭގެ ފައިސާގެ ނޫޓްތައް --- ފޮޓޯ/ އައިބީއެންއެސް

އަހަރުގެ ބޭންކު ނޫޓުގެ އެވޯޑަށް އައިބީއެންއެސްގެ ކޮންމެ މެމްބަރަކަށް ވެސް އެއް ނޫޓު ނޮމިނޭޓް ކުރެވޭއިރު، ނޮމިނޭޝަންތައް ބަލައިގަންނާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށެވެ.

އެވޯޑަށް ރާއްޖޭގެ 1000 ރުފިޔާގެ ނޫޓު ނޮމިނޭޓްކޮށްފައިވަނީ އައިބީއެންއެސްގެ ލައިފް މެމްބަރެއްގެ ގޮތުގައި ހިމެނޭ ކްރިސްޓޮފް ޒެލްވެގާ ނަމަކަށް ކިޔާ މީހެކެވެ.

އަހަރުގެ ބޭންކު ނޫޓު ހޮވާނީ އެވޯޑަށް ކަނޑައަޅާފައިވާ ކްރައިޓީރިއާތަކަށް ބެލުމަށްފަހު އައިބީއެންއެސްގެ ކޮންމެ މެމްބަރަކު ލާ ވޯޓަކުންނެވެ. ވޯޓުގެ ނަތީޖާ އެއްވަރު ވެއްޖެނަމަ އައިބީއެންއެސްގެ ރައީސް ވޯޓުލައިގެން އެވޯޑްދޭ ފަރާތެއް ހޮވާނެއެވެ.

އައިބީއެންއެސް އިން ބުނާގޮތުގައި، އަހަރުގެ ބޭންކުނޫޓުގެ އެވޯޑް ހާމަކުރާނީ އަންނަ އަހަރުގެ ތެރޭގައި ބާއްވާ އެ ސޮސައިޓީގެ އެންމެ ފުރަތަމަ ބޯޑް ބައްދަލުވުމުގައެވެ. އެއީ އަންނަ އަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ.

އައިބީއެންއެސް އިން މިދިޔަ އަހަރު ހޮވި އަހަރުގެ ބޭންކްނޫޓަކަށް ހޮވިފައިވަނީ ނިއު ޒިލޭންޑުގެ 50 ޑޮލަރުގެ ނޫޓެވެ. އޭގެ ކުރިން ތިން އަހަރު ކަޒިކިސްތާނުގެ 1000 އާއި 5000 އަދި 10000 ޓެންގެ ނޫޓު އެވޯޑް ހޯދިއިރު 2010 ވަނަ އަހަރު، އަހަރުގެ ފައިސާގެނޫޓްގެ އެވޯޑް ހޯދީ އުގަންޑާގެ 50،000 ޝިލިން ނޫޓެވެ.

comment ކޮމެންޓް