ހަތިޔާރު ހޯދި ރަށުގެ އިސް ހިއްސާދާރާއި ނައިބުރައީސް އަދީބާ ގުޅުން އޮވޭ: ޕޮލިސް

ފުލުހުންނާއި ސިފައިން ގުޅިގެން ބޭއްވި ޕްރެސްކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ސަލާމަތީ ބާރުތަކުން ހިންގި އޮޕަރޭޝަނެއްގައި ހަތިޔާރުތައް ފެނުނު ބ. ހިބަޅިދޫގެ އިސް ހިއްސާދާރު މުހައްމަދު އައްލާމް ލަތީފާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައީސް އަހުމަދު އަދީބާ ގުޅުން އޮންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މިރޭ އިސްކަންދަރުކޮށީގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ ރިސޯޓެއް ތަރައްގީކުރަމުންދާ ހިބަޅިދޫ ތަރައްގީކުރާ ކުންފުންޏާއި އަދި އެ ކުންފުނީގެ ސަބްސިޑިއަރީ ކުންފުނީގެ އިސް ފަރާތަކަށް ހުރީ މުހައްމަދު އައްލާމް ލަތީފް ކަމަށެވެ.

ހިބަޅިދޫ ތަރައްގީ ކުރާ ކުންފުނީގެ ހިއްސާދާރުން

ހިބަޅިދޫ ތަރައްގީކުރާ ބިޒްނާސް މޯލްޑިވްސް ކުންފުނީގެ ހިއްސާދާރުން ނަކީ

  • މުހައްމަދު ރިޔާޒް، މ. ބޯއްޑޫ (35 ޕަސެންޓް ހިއްސާ)
  • ޝަހީދާ އަބްދުﷲ، ބެންހާގެ ގދ. ތިނަދޫ (5 ޕަސެންޓް ހިއްސާ)
  • މުހައްމަދު އައްލާމް ލަތީފް (މޮހޯ)، މ. ސެސްނާ (30 ޕަސެންޓް ހިއްސާ)
  • ގްލާޑިއަން ޕްރައިވެޓް ލިމިޓެޑް ( 30 ޕަސެންޓް ހިއްސާ)

ހިބަޅިދޫ ތަރައްގީކުރާ މައި ކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ހިމެނޭ ގްލާޑިއަން ޕްރައިވެޓް ލިމިޓެޑްގައި ދެ ހިއްސާދާރުން ތިބެއެވެ. އެ ދެ މީހުންނަކީ މުހައްމަދު އައްލާމާއި އޭނާގެ އަންހެނުން، މ. އޮމޭގާ، ނަސްރާ މުހައްމަދެވެ. ނަސްރާގެ 50 ޕަސެންޓް ހިއްސާ އޮވެއެވެ. އަދި އައްލާމް ދައްތަ މަރިޔަސް ޔުސްރާ ލަތީފްގެ 50 ޕަސެންޓް ހިއްސާ އެ ކުންފުނީގައި އޮވެއެވެ.

"ފުލުހުންގެ ތަހުގީގަށް މައުލޫމާތުލިބިފައި އެބަހުރި މި ހަތިޔާރާއި ގުޅުންތަކެއް މުހައްމަދު އައްލާމް ލަތީފާ ވާކަމަށް،" ނަވާޒް ވިދާޅުވިއެވެ. އައްލާމް މިވަގުތު ހުރީ ރާއްޖޭން ބޭރުގަކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށް ނަވާޒް ވިދާޅުވިއެވެ.

އަދި އެސްއޯއެފް ކިޔާ ކުންފުންޏެއްގައި ވެސް އައްލާމްގެ ހިއްސާ އޮންނަކަަމަށް ނަވާޒް ވިދާޅުވިއެވެ. އެ ކުންފުނީގައި އައްލާމްގެ 90 ޕަސެންޓް ހިއްސާ އަދި އައްލާމްގެ ބައްޕަގެ ދިހަ ހިއްސާ އޮވެއެވެ.

އެސްއޯއެފް އަށް ފައިދާވާގޮތަށް ގިނަ ކަންތައްތަކެއް އެމްއެމްޕީއާރުސީން ކޮށްދީފައިވާ ކަމަށް ނަވާޒް ވިދާޅުވިއެވެ.

"އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގައި އެއްމެ ބޮޑު ހިއްސާ އޮންނަ މުހައްމަދު އައްލާމް ލަތީފް އަކީ މިވަގުތު ހައްޔަރުގައި ހުރި ނައިބް ރައީސް އަހުމަދު އަބްދުލް ޣަފޫރާ ވެސް ގާތް ގުޅުމެއް އޮންނަ ފަރާތެއް ކަަމަށް މައުލޫމާތު ލިބިފައި އޮތީ،" ނަވާޒް ވިދާޅުވިއެވެ.

"އެމްއެމްޕީއާރުސީ އިން ޓޫރިޒަމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހިނގާނެ ކަންތައްތައް ކަމަށްވާތީވެ، އޭރުގަ ޓޫރިޒަމް މިނިސްޓްރީ ހަވާލުވެ ހުންނެވީވެސް ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ކަމަށްވާތީ ގިނަ ކަންތައްތައްތަކެއް މީގެ ތެރޭގައި އެކުލެވިގެން ގޮސްފައިވާ ކަަމަށް ފުލުހުންގެ ތަހުގީގަށް މިހާރު މި ފެންނަނީ،" ނަވާޒް ވިދާޅުވިއެވެ.

ނަވާޒު ވިދާޅުވީ ލޯންޗްގައި ބޮމެއް ގޮއްވާލި ހާދިސާގެ ތަހުގީގަށް އައި ސައުދީ ޓީމުން ދިރާސާކުރި ސާމްޕަލްތަކުގައި އާރުޑީއެކްސްގެ އަސަރު ހުރިކަމަށް އެ ޓީމުން ބުނިކަމަށެވެ. އަދި މިރޭ ފުލުހުން ދެއްކި ހަތިޔާރުތަކުގެ ތެރޭގައި އާރުޑީއެކްސް ވަނީ ދައްކާލާފައެވެ.

މީގެ އިތުރުން ބ.ހިބަޅިދޫއިން ފެނުނު ހަތިޔާރާއި އެއްކޮށް ސިފައިންގެ މީހެއްގެ ޓީޝާޓެއް ވަނީ ފެނިފައެވެ. އެ މައްސަލާގައި ސިފައިންގެ ބަޔަކު އެމްއެންޑީއެފްގައި ހައްޔަރުކޮށް ތަހުގީގުކުރަމުންދާ ކަމަށް ކެޕްޓަން އަލީ އިހްސާން މިރޭ ވިދާޅުވިއެވެ.

ބ. ހިބަޅިދޫ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަން ދޫކޮށްފައި ވަނީ 14 އޮގަސްޓް 2014 ގައި އެވެ.

comment ކޮމެންޓް