އުރީދޫ ދިވެހި ޕްރިމިއާ ލީގްގައި މިއަދު ވިކްޓަރީ ސްޕޯޓްސް ކްލަބާއި ޓީސީ ސްޕޯޓްސް ކުޅުނު މެޗްގައި ވިކްޓަރީ ކުރި ހޯދާފައި ވަނިކޮށް ފަހުވަގުތު ޓީސީ އިން ކާމިޔާބް ކުރި ލަނޑާއި އެކު 1-1 އިން ދެ ޓީމް އެއްވަރު ވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗްގައި ފުރަތަމަ ލަނޑެއްޖަހައި ލީޑް ނެގީ ވިކްޓަރީންނެވެ. ފުރަތަމަ ހާފްގެ 37 ވަނަ މިނިޓްގައި ޕެނަލްޓީ އޭރިއާ ރޮގުމަތީ ހުރެ ގޯލްގެ ކަނަށް ބޯޅަފޮނުވާލައިގެން އެޓީމަށް އެ ލަނޑު ޖަހައިދިނީ ހުސެން ތަސްމީން އެވެ.
އެ ނަތީޖާއާ އެކު ފުރަތަމަ ހާފް ނިމިނު އިރު މި ސީޒަނުގައި ރަނގަޅު ކުޅުމެއް ދައްކަމުން އެއްވަނަ ޑިވިޝަންގައި އަލަށް ވާދަކުރަމުން އަންނަ ޓިސީއަށް ވަނީ ފުރަތަމަ ހާފްގައި ރަނގަޅު ހަމަލާއެއް ވިކްޓަރީގެ ގޯލަށް ފޮނުވާލެވޭ ގޮތް ނުވެފައެވެ.
ދެވަނަ ހާފްގައި ވެސް ވިކްޓްރީން އައީ ޓީސީގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެ ގޮތުން ވިކްޓްރީގެ އަހްމަދު މުހައްމަދަށް ވަނީ ޕެނަލްޓީ އޭރިއާގެ ތެރެއިން ޓިސީގެ ގޯލަށް ފޮނުވާލަން ރަނގަޅު ބޯޅައެއް ލިބިފައެވެ. ނަމަވެސް ގޯލަށް ފޮނުވާލުމުގެ ކުރިން ވިކްޓަރީގެ ޑިފެންޑަރުން ވަނީ އެ ބޯޅަ ސާފްކޮށްލާފައެވެ.
އެ މެޗުން ޓީސީ މޮޅުވެގެން، ތާވަލުގެ އެއްވަނައިގައި އޮތް ނިއުރޭޑިއަންޓާއި ދެމެދުގައި އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރަން އެ ޓީމަށް ލިބުނު ފުރުސަތު ގެއްލި ވިކްޓްރީ އަތުން ބަލިނުވެ ސަލާމަތް ވެވުނީ ހަމަކިރިޔާއެވެ.
މެޗް ނިމެން ދަނިކޮށް 82 ވަނަ މިނެޓްގައި ސަލާމަތް ވީ ނާއިޒް ހުސެއިން ކާމިޔާބް ކޮށްދިން ރީތި ގޯލުންނެވެ. އެ ލަނޑު ނާއިޒް ޖެހީ ޓީސީގެ އަހްމަދު ނިޒާމް ގޯލަށް ފޮނުވާލި ބޯޅަ ވިކްޓްރީގެ ކީޕަރު ތޮލާލް ހަސަންގެ އަތުގައި ޖެހި ރީބައުންސައް ނިކުތުމުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އެ މެޗައް ފަހު ޓީސީ ދެވަނައިގައި 18 ޕޮއިންޓާއިއެކު އޮތްއިރު އެއްވަނައިގައި ނިއުރޭޑިއަންޓް އޮތީ ނުވަ މެޗުން 23 ޕޮއިންޓް ލިބިގެންނެވެ. މިއަދުގެ މެޗު އެއްވަރުވުމުން ވިކްޓަރީ އަށް ލިބިފައިވަނީ 13 ޕޮއިންޓާއެކު ތިން ވަނަ އެވެ. 12 ޕޮއިންޓާއި އެކު މާޒިޔާ އޮތީ ހަތަރުވަނައިގައެވެ.
ލީގުގައި މިރޭ ވާދަކުރާނީ އަށް ޕޮއިންޓާއި އެކު ހަތް ވަނައިގައި އޮތް ބީޖީ އާއި މާޒިޔާ އެވެ.