ފުރަތަމަ ހާފުގެ ކުރީ ކޮޅު ކާމިޔާބު ކުރި ދެ ލަނޑާއެކު 2-1 ނަތީޖާއަކުން މަހިބަދޫގެ މައްޗަށް ކާމިޔާބު ހޯދައި ނިއުރޭޑިއަންޓުން އުރީދޫ ދިވެހި ޕްރިމިއާ ލީގްގެ ތާވަލްގެ ކުރީގައި ފަރަގު ބޮޑުކޮށްފިއެވެ.
އެމެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ހަ ޕޮއިންޓްގެ ބޮޑު ފަރަގަކާއެކު ނިއު ތާވަލްގެ އެއްވަނައިގައި އޮތީ 23 ޕޮއިންޓް ލިބިގެނެނެވެ.
ލީގް ތާވަލްގެ ދެ ވަނައިގައި 17 ޕޮއިންޓާއެކު އޮތް ޓީސީ މިއަދު ހަވީރު ވިކްޓްރީއާ ދެކޮޅަށް ކުޅެ މެޗުން މޮޅުވެއްޖެނަމަ ޓީސީއާ ނިއުއާ ދެމެދު ޕޮއިންޓްގެ ފަރަގު ތިން ޕޮއިންޓަށް ކުޑަ ވެގެންދާނެއެވެ.
މިމެޗް 2-1 ގެ ނަތީޖާއިން ނިއު ކާމިޔާބުކުރިއިރު ލީގުގެ ފުރަތަމަ ބުރުގައި މިދެޓީމް ކުޅުނު މެޗްވެސް ނިމުނީ މި ނަތީޖާ ގައި އޮވެގެންނެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗްގައި ނިއުގެ ދެ ލަނޑުވެސް ކާމިޔަބު ކުރީ ފުރަތަމަ ހާފުގެ ފުރަތަމަ ދިހަ މިނެޓް ތެރޭގައެވެ.
އެގޮތުން ނިއުގެ ފުރަތަމަ ލަނޑު މެޗްގެ ހަ ވަނަ މިނެޓް ތެރޭގައި ކާމިޔާބު ކުރީ ކެޕްޓަން އަސްހަދު ޢަލީ (އަޑޭ) އެވެ.
ދެ ވަނަ ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ކާމިޔަބު ކުރީ މުޙައްމަދު ޝިފާން (ކުޑައްޓޭ) އެވެ.
މި މެޗްގައި މަހިބަދޫގެ ފަރާތުންވެސް ވަނީ މޮޅު ކުޅުމެއް ފެނި ނިއުގެ ގޯލަށް ނުރައްކާކޮށްފައެވެ.
އެގޮތުން މެޗްގެ 30 ވަނަ މިނެޓްގައި މަހިބަދޫއިން ތަނަވަސް ކުރި ބޯޅައެއްގައި ބިދޭސީ ކުޅުންތެރިޔާ ޑަސިލްވާ ބިނާ އެންޑަސް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ނިއުގެ ގޯލް ދަނޑި ކައިރިން ހުޅަނގު ފަރާތުން ބޭރަށެވެ.
މެޗްގައި ނަތީޖާ ފުޅާ ކުރުމަށް ނިއުއަށް އިތުރު ފުރުސަތުތައް ލިބިގެންދިޔައެވެ. އެގޮތުން މެޗްގެ 41 ވަނަ މިނެޓްގައި ކައުންޓަ އެޓޭކަކުން ނިއުގެ ވިލިއަމް މާކޯއަށް ލިބުމުން އޭނާ ކުރީގައި ހުރި އަލަމޫ އޮލޮލެކަންއަށް ދިން ބޯޅަ، އަލަމޫ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ގޯލް ތެރެއަށް ފޮނުވާލަން އުޅުނު ނަމަވެސް އެހަމަލާ މަހިބަދޫގެ ޑިފެންސުލައިނުން ވަނީ ދިފާއުކޮށް ކުރިއަށް ފޮނުވާލާފައެވެ.
ދެ ވަނަ ހާފުގައި މަހިބަދޫގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އަދި އެޓީމުން ވަނީ ނިއުއިން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައެވެ.
ދެ ވަނަ ހާފުގައި މަހިބަދޫގެ ނިކޮމަން ރޮޑްރިގޭ ޓަހީ ވަނީ ނިއުގޯ ގޯލަށް ނުރައްކާތެރި ބައެއް ހަމަލާތައް ފޮނުވާލާފައެވެ.
އެގޮތުން މެޗްގެ 51 ވަނަ މިނެޓްގައި މަހިބަދޫއަށް ލިބުނު ހިލޭ ޖެހުން ޓަހީ ޕެނަލްޓީ އޭރިއާތެރެއަށް ހުރަސްވާ ގޮތަށް ކުރިއަށް ފޮނުވާލުމުން މަހިބަދޫގެ ކުޅުންތެރިޔަކު ބޮލުން ފޮނުވާލި ބޯޅަ ނިއުގެ ޑިފެންސުން ދިފާއު ކުރުމުން ރީބައުންސަށް ނިކުތް ބޯޅައިން ޓަހީ ފޮނުވަލި ބާރު ހަމަލާ ދިޔައީ ނިއުގެ ގޯލް ދަނޑިމަތިން ބޭރަށެވެ.
މެޗްގައި މަހިބަދޫއިން ކަމިޔާބު ކުރި ލަނޑު 56 ވަނަ މިނެޓްގައި އެންޑަސް ދިން ޕާހަކުން ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެފައި ކާމިޔާބު ކުރީ ޢަލީ ޝާލިމް ފޮނުވާލި ބާރު ހަމަލާއިންނެވެ.
އެބޯޅަ ދިފާއު ކުރަން ނިއުގެ ކީޕަރު އަލީ ޝައަހްމަދޯވް ޑައިވް ކުރި ނަމަވެސް ބޯޅަ ގޯލަށް ވަނީ އޭނާގެ އަތް ދަށުންނެވެ.
މެޗްގައި ނިއުއަށް ވަނީ ނަތީޖާ ފުޅާ ކުރުމަށް ޓަކައި އިތުރު ފުރުސަތެއް ލިބިގެން ގޮސްފައެވެ.
އެގޮތުން 61 ވަނަ މިނެޓްގައި މުޙައްމަދު ރަޝީދު (ހޮކޭ) ދިން ބޯޅަ ހިފައިގެން ޢަލީ ފާސިރު (ސެންޓޭ) މަހިބަދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އެޓީމްގެ ޑިފެންޑަރެއް ކައިރިން ނައްޓާ ލުމަށްފަހު ހުރަސް ކުރި ބޯޅަ ދިޔައީ މަހިބަދޫގެ ގޯލް ކުރިމަތިން ހުރަސް ވެގެންނެވެ.
އެވަގުތު ޕެނަލްޓީ އޭރިއާ ތެރޭގައި ނިއުގެ ކުޅުންތެރިޔަކު ހުރި ނަމަވެސް އޭނާއަށްވެސް ބޯޅަ ފޮނުވަލެވޭ ގޮތެއް ނުވިއެވެ.
މެޗްގެ 79 ވަނަ މިނެޓްގައި ނިއުގެ ވިލިއަމް ހުހަށް ހުރި ސެންޓޭއަށް ދިން ބޯޅަ، ސެންޓޭ މަހިބަދޫގެ ޕެނަލްޓީ އޭރިއާގެ ތެރެއަށް ވަދެ މަހިބަދޫގެ ކީޕަރު މުޙައްމަދު އިފާމް ކައިރިން ނައްޓާލުމަށްފަހު ގޯލް ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް މެޗްގެ ރެފްރީ ނިންމީ ބޯޅަ ލިބުނު އިރު ސެންޓޭ އޮފްސައިޑްގައި ހުރި ކަމަށެވެ.
މެޗްގެ އެންމެ ފަހު މިނެޓްގައި މަހިބަދޫއަށް ވަނީ އަނެއްކާވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ. ނަމަވެސް މެޗްގެ ނަތީޖާއަށް ބަދަލު ކޮށްލެވޭ ގޮތެއް ނިވިއެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ނިއުރޭޑިއަންޓްގެ ކޯޗް ސާބިއާގެ ނިކޮލާ ކަވަޒޮވިޗް ބުނީ އޭނާގެ ފުރަތަމަ ޕްލޭންއަކީ މެޗުން ތިން ޕޮއިންޓް ހޯދަން ކަމަށާއި މެޗާއި ބެހޭ ގޮތުން އިތުރު ކަމަކާ ވިސްނުން އެއީ ދެ ވަނަ ޕްލޭން ކަމަށެވެ.
ކަވަޒޮވިޗް ބުނީ ނިއުގެ ޓީމް ދެއްކީ ޗެމްޕިއަނުންގެ ކުޅުން ކަމަށާއި އެއީ މިހާ ވަރުގަދަ މެޗަކުން މޮޅުވެ ނަތީޖާ ނެރެވޭނީ ހަމަ އެކަނި ޗެމްޕިއަން ޓީމަށް ކަމަށެވެ.
އަނިޔާގެ ސަބަބުން ނުކުޅެވުނު އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި ރިލްވާން ވަހީދު (ރިލޭ) ނެތި ޓީމުން ދެއްކި ކުޅުމާމެދު ހިތް ހަމަޖެހޭ ކަމަށް ކަވަޒޮވިޗް ބުންޏެވެ.
މަހިބަދޫގެ ކޯޗް ޙުސައިން އައްބާސް ބުނީ ނިއުރޭޑިއަންޓް ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުންތެރިން ދެއްކި ކުޅުމާ މެދު ހިތް ހަމަޖެހޭ ކަމަށެވެ.
ނަމަވެސް ލިބުނު ފުރުސަތު ތަކާ ބަލާފައި މެޗް އެއްވަރުކޮށްލައިގެން ނިންމާ ލެވުނީސް ކަމަށާއި އެހެންވެ ލަނޑު ނުޖެހި ޕޮއިންޓެއްވެސް ގެއްލުމުން ދެރަވާ ކަމަށް ޙުސައިން ބުންޏެވެ.
އޭނާ ބުނީ އަދިވެސް އަމާޒަކީ ރެލިގޭޓް ނުވެ ސަލާމަތްވުން ކަމަށާއި، މަހިބަދޫ ފުރަތަމަ ޑިވިޝަންގައި ދެމިއޮތުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
ލީގްގައި ހުކުރު ދުވަހު ހަވީރު ޓީސީއާ ވިކްޓްރީ ބައްދަލު ކުރާއިރު ރޭގަނޑު ކުޅޭ މެޗްގައި ބައްދަލު ކުރަނީ މާޒިޔާއާއި ބީޖީއެވެ.