ނައިބު ރައީސެއް ރާއްޖެ އަށް ފިޓެއް ނޫން: ނިހާން

ޖުލައި 22، 2015: ނައިބު ރައީސް ކަމުގެ ހުވާ އަހުމަދު އަދީބު ކުރައްވަނީ-- ފޮޓޯ/ ރައީސް އޮފީސް

ނައިބު ރައީސްގެ މަގާމަކީ ރާއްޖެ އަށް ފިޓް ނޫން މަގާމެއް ކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެެވެ.

ޓީވީއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ނައިބު ރައީސް ކަމުގެ މަގާމުގެ ވާހަކަ މީހަކު ދައްކަން ވެސް ބިރުގަންނަ ހިސާބަށް ހިނގައްޖެ ކަމަށެވެ.

ވިސްނުންތެރިކަމާ އެކު ގާނޫނު އަސާސީގައި މަހްފޫމަށް ބަދަލު ގެނައުމުގެ މަސައްކަތް ފައްޓަންވީ ކަމަށް ވެސް ނިހާން ވިދާޅުވިއެވެ.

"ނައިބު ރައީސްގެ މަގާމަކީ ދިވެހި ރާއްޖޭގެ މި މިނިވަން ޑިމޮކްރަޓިކް ވެއްޓަށް ފިޓް ނޫން މަގާމެއް ކަމަށް އަޅުގަނޑުމެންނަށް ސީރިއަސް ސިފައެއްގައި ގަބޫލުކުރެވޭ ހިސާބަށް ހިނގައްޖެ،" ޕީޕީއެމްގެ ޕާލެމެންޓްރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ރާއްޖޭގެ ނައިބު ރައީސުންގެ ތާރީޚަށް ބަލާލުމުން އެމަގާމާ ދޭތެރޭ ވިސްނާލަންޖެހޭ ކަން އެނގޭ ކަމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް "އެ މަގާމުގައި ރައީސް އާ އެކު މަޑުކޮށްލައްވާކަން މާގިނަ ފުރުސަތެއް ނުލިބުނު ކަމަށެވެ. އަދި އެ ދެ ބޭފުޅުންގެ ދެމެދުގައި ހިތްހަމަނުޖެހުން އޮތްކަން ސާފުކޮށް ފެންނަ ވަރަށް ކަންތައްތައް ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ނައިބު ރައީސް ވަހީދުއްދީންގެ އެއްވެސް މައްސަލައެއް ފާހަގަނުވާ ކަމަށް ނިހާން ވިދާޅުވި އެވެ.

އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާ ނައިބުގެ މަގާމަށް އިންތިޚާބުވި ޑރ. މުހައްމަދު ޖަމީލުގެ އިތުބާރު ރައީސަށް ގެއްލުނު ކަމަށް ނިހާން ވިދާޅުވި އެވެ.

އޭގެ ފަހުން ނައިބު ރައީސް ކަމުގެ ހުވާކުރެއްވި އަހުމަދު އަދީބު މިވަގުތު ހުންނެވީ ގައުމަށް ޣައްދާރުވިކަމުގެ ތުހުމަތުގައި ޖަލުގަ އެެވެ. އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓަށް ނަގަން މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ.

"ޖުމުހޫރީ ދުވަސް އަޅުގަނޑުމެން ދެކޭނީ މިފަހުގެ ތާރީޚުގައި މިގެނައި ބޮޑު އުދުވާނުގެ އެންމެ ބޮޑު ތުހުމަތުގައި މިވަގުތު ހުރި، އަދި އަޅުގަނޑުމެން މިހާރު އެ އިތުބާރާއި ޔަގީންކަން 100 ޕަސެންޓަށް ނަގާލާފައިވާ އަހުމަދު އަދީބު އަބްދުލް ޢަފޫރުގެ އިތުބާރު ނެތްކަމުގެ ވޯޓް ފުރުހަމަކޮށް ކާމިޔާބުކޮށްގެން،" ނިހާން ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ މެމްބަރުންގެ އިތުރުން ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު ވެސް ނައިބު ރައީސް އަށް އިތުބާރު ނެތްކަމަށް ފާސްކުރަން ވޯޓްދެއްވާނެ ކަަމަށް އުއްމީދު ކުރައްވާ ކަމަށް ނިހާން ވިދާޅުވި އެވެ.

ނާއިބު ރައީސްގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓުގައި 85 މެންބަރުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓު ނާއިބު ރައީސް މަގާމުން ދުރުކުރުމަށް ލިބެން ޖެހެ އެވެ. އެއީ 57 މެންބަރުންގެ ވޯޓެވެ.

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހަމަދުގެ އިތުބާރު ނެތް ކަމުގެ ގަރާރާ ބެހޭ ގޮތުން 21 ޖުލައިގައި އޮތް ރައްޔިތުންގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ތިމަރަފުށި ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވީ ގާނޫނު އަސާސީގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބެއް ހުންނަންވާނެ ކަމަށް ބުނެފައިވާ މާއްދާއަކީ ބަޣާވާތަކަށް މަގުފަހިވާ މާއްދާއެއް ކަމަށާއި އެ މާއްދާ ބާތިލު ކުރުމަށް ގޮވާލާ ކަމަށެވެ.

comment ކޮމެންޓް