ރައްޔިތުންގެ މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމަށް, ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުކަން ކުރިން ކުރެއްވި އަޙްމަދު ނިހާން އައްޔަން ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުން މައުލޫމާތު ދޭގޮތުގައި ނިހާން އެ މަގާމަށް އައްޔަން ކުރެއްވީ އިއްޔެއެވެ. އެންމެ ފަހުން އެ މަގާމުގައި ހުންނެވީ ރާއްޖޭގެ ތިން ރައީސުންގެ އަރިހުގައި ޚިދުމަތް ކުރެއްވި ފާތިމަތު މުޙައްމަދު ޞާލިޙު (ފާތޭ)އެވެ.
ޕާލަމެންޓްރީ ސާވިސް ގަވައިދު ބުނާގޮތުން މަޖިލީހުގެ ރައީސްގެ މަސައްކަތްޕުޅުތަކަށް އެހީވުމަށްޓަކައި އެ ރައީސަކު ބޭނުންފުޅުވާ ތިން މީހަކަށް ވަޒީފާ ދެއްވެއެވެ.
މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ސަން" އަށް ވިދާޅުވިގޮތުގައި ނިހާނަށް ވަޒީފާ ދެއްވީ އެގޮތުގެ މަތީން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
މަޖިލީހުގެ ޗީފް އޮފް ބިއުރޯގެ މަގާމާއެކު ނިހާންގެ ޒިންމާއަކީ މަޖިލީހުގެ ރައީސްގެ ބިއުރޯގެ މަސައްކަތްތައް ބެލެހެއްޓެވުމެވެ.
މި މަގާމުގެ މުސާރައާއި އިނާޔަތްތަކުގެ ތަފުސީލެއް މަޖިލީހުން ހާމައެއް ނުކުރެއެވެ.
ނިހާން ވަނީ ދެ ދައުރެއްގައި ވިލިމާލެ ދާއިރާގެ މެންބަރުކަން ކުރައްވައިފައެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް ހުންނެވީ ނިހާނެވެ. ފަހުން 19 ވަނަ މަޖިލީހަށް ނިހާން ވާދަ ކުރެއްވީ އޭނާގެ އުފަންރަށް ގދ. ތިނަދޫގެ ދާއިރާއަކަށެވެ. އެ އިންތިޚާބުން އޭނާއަށްވީ ނާކާމިޔާބީއެވެ.
ރައްޔިތުންގެ މަޖިލީހަށް އިންތިޚާބު ނުވުމާއެކު ދެން ނިހާން ފެނިގެން ދިޔައީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ވަރަށް އަރިސްކޮށް މަސައްކަތް ކުރެއްވިތަނެވެ.
ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ދުވަސްވަރު ނިހާންގެ މައްޗަށް ދައުވާތަކެއް ވެސް އުފުލިއެވެ. އެއީ ރިޝްވަތު ހިފުމުގެ ދެ ދައުވާއާއި، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާއެކެވެ. ނަމަވެސް މީގެން ދައުވާއެއް ސާބިތުވެފައެއް ނުވެއެވެ.