ސިންގަޕޫރުގެ އެއާލައިނެއް ކަމަށްވާ ސިލްކު އެއާއިން ރާއްޖެ އަށް ދަތުރުތައް ފެށުމަކީ އެ އެއާލައިނަށް ލިބޭ ޝަރަފެއް ކަމަށް އެ އެއާލައިނުގެ ރީޖަނަލް މެނޭޖަރު ވިދާޅުވެއްޖެއެވެ.
ސިލްކުއެއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން މިއަދު އެއާޕޯޓްގެ ވީއައިޕީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިލްކު އެއާގެ ސީނިއާ މެނޭޖާ ރީޖަނަލް އޮފީސް، ވިލްސަން ޓޭން ވިދާޅުވީ ރާއްޖެ ފަދަ ގުދުރަތީގޮތުން ރީތު އަދި ޓުއަރިޒަމްގައި ފާހަގަކޮށްލެވޭ ގައުމަކަށް ދަތުރުތައް ފެށުމަކީ ލިބޭ އުފަލެއް ކަމަށެވެ.
" މި ދަތުރުތަކުގެ ސަބަބުން ރާއްޖެ ދުނިޔޭގެ އެހެންގައުމުތަކާއި ކުރިއަށް ވުރެ ބޮޑަށް ގުޅިގެންދާނެ،" ވިލްސަން ވިދާޅުވިއެވެ.
އެއާލައިނަށް މަރުހަބާ ދެންނެވުމަށް އިބްރާހިމް އިންޓަނޭޝަނަލް އެއާޕޯޓުގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އެ ބޯޓް އެއާޕޯޓަށް ޖެއްސުމާއި އެކު ވަނީ 'ފެނުގެ ސެލިއުޓެއް' ކިޔާފައެވެ. އަދި ޕަސެންޖަރުންނަށް މަރުހަބާ ކިއުމުގެ ގޮތުން ބޮޑުބެރު ޖެހުން އޮތެވެ.

ސިލްކު އެއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން މިއަދު އައި ފުރަތަމަ ފްލައިޓް -- ސަން ފޮޓޯ
ސިލްކު އެއާއަކީ ސިންގަޕޫރު އެއާލައިންސަށް ނިސްބަތްވާ އެއާލައިނެކެވެ. ސިލްކު އެއާއިން ހަފްތާއަކު ހަތަރު ދުވަހު ރާއްޖެ އަށް ދަތުރުކުރާނެ ކަަމަށް ވިލްސަން ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް އާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވިދާޅުވީ ސިލްކުއާއަށް ދޭންޖެހޭ ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެ ކަަމަށެވެ.

ސިލްކު އެއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް އާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ
"އަޅުގަނޑުމެންގެ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ލިބޭނެ. މި އެއާޕޯޓްގައި ޕަސިންޖަރުން ކުރާ ތަޖުރިބާ އަކީ ރަނގަޅު އަދި ހަނދާނުން ފިލުވާލަން ދަތި ތަޖުރިބާ އަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރާނަން،" އާދިލް މޫސާ ވިދާޅުވިއެވެ.

ސިލްކު އެއާގެ ދަތުރުތައް ރާއްޖެ އަށް ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ
ސިލްކު އެއާގެ ޕޭރަންޓް ކުންފުނި ރާއްޖެއަށް ދަތުރުތައް ފަށާފައި ވަނީ 1984 ގައެވެ. ސިލްކުއެއާއިން ދަނީ 13 ގައުމެއްގެ 49 މަންޒިލަކަށް ދަތުރުކުރަމުންނެވެ.