ގުއާޓަމާލާގައި ބޭއްވި ރިޔާސީ އިންތިޚާބު ކުރީގެ ކޮމީޑިއަން އަދި މީގެ ކުރިން ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާނުކުރާ ޖިމީ މޮރޭލްސް ކާމިޔާބު ކުރައްވައިފި އެވެ. އޭނާ ވަނީ ކުރީގެ ރައީސެއްގެ އަނބިކަނބަލުން ކަމަށްވާ ސެންޑްރާ ޓޯރޭސް އާއި ވާދަކޮށް 72 ޕަސެންޓް ވޯޓް ހޯއްދަވައިފައެވެ.
ސެންޑްރާ ވަނީ ވޯޓް ގުނައި ނުނިމެނީސް ބަލިގަބޫލުކުރައްވައި އާ ރައީސް ޖިމީއަށް މަރުހަބާ ދަންނަވައިފައެވެ.
ސެންޑްރާ ޓޯރޭސް އަކީ އެ ގައުމުގައި 2008 އިން 2012 އަށް ރައީސްކަން ކުރެއްވި ރައީސް އަލްވާރޯގެ އަނބިކަނބަލުންނެވެ.
ގުއާޓަމަލާގައި ރިޔާސީ އިންތިޚާބެއް ބާއްވަންޖެހުނީ ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވިފައިވާ ރައީސް އޮއްޓޯ ޕެރޭޒްގެ އިތުބާރު ނެތްކަމުގެ ވޯޓް ނަގައި މަގާމުން ދުރުކުރުމުންނެވެ. ކުރީގެ ރައީސް މިހާރު ހުންނެވީ ޖަލުގައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ ސިޔާސީ ފަރާތްތަކާއި ކަސްޓަމްސް އޮފިސަރުންނަށް ރިޝްވަތު ދިނުމުގެ ކުށެވެ. އޭނާ ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ.
ގުއާޓަމާލާގެ ގިނަ ރައްޔިތުން ދެކެނީ އާ ރައީސް އަކީ 'އާފެށުމެއް' ކަމަށެވެ. ރައްޔިތުންނާއި މުޚާތަބުކުރައްވައި ޖިމީ ވިދާޅުވީ، ކޮރަޕްޝަނާއި ދެކޮޅަށް ހަނގުރާމަ ކުރައްވާނެ ކަމަށެވެ.
އިންތިޚާބުގައި ވޯޓްލާފައިވާ މީހުން މަދުކަމަށް ބީބީސީން ބުނެއެވެ.
އާ ރައީސްގެ ވައުދު - ކޮންމެ ކުއްޖަކަށް އައިފޯނެއް
އާ ރައީސް ޖިމީގެ ރިޔާސީ ވައުދުތަކުގެ ތެެރޭގައި އާދަޔާ ޚިލާފު ވައުދުތައް ހިމެނޭ ކަަމަށް ބީބީސީން ބުނެއެވެ. އޭގެ ތެރޭގައި ޓީޗަރުން ކުލާހަށް ދޭތޯ ބަލަން ކޮންމެ ޓީޗަރެއްގައިގައި ޓެގެއް ހަރުކުރުން ހިމެނެ އެވެ. މީގެ އިތުރުން އެ ގައުމުގެ ކޮންމެ ކުއްޖަކަށް އައި ފޯނެއް ދެއްވާނެ ކަމަށްވި ވައުދުވެސް ހިމެނެ އެވެ. އާ ރައީސްގެ ހަ ސަފްހާގެ އެ މެނިފެސްޓޯ ތަންފީޒުކުރާނެ ގޮތުގެ ތަފްސީލެއް ނެތް ކަމަށް ފާޑުކިޔާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ޖިމީ ކޮމީޑިއަންގެ ގޮތުގައި އެކްޓްކުރެއްވިއިރު އޭނާ ފިލްމެއްގައި ކައުބޯއީ އަކުން ރައީސް އަކަށް ބަދަލުވާ ފިލްމެއް ކުޅުއްވާފައި ވެއެވެ. މިއަދު އޭނާ ރައީސަކަށް އިންތިޚާބުވެވަޑައިގެންފާވާއިރު ގިނަ ގޮންޖެހުންތަކެއް ހުރި ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.