ގުއަޓަމާލާގައި މުޒާހަރާ ކުރާ މީހުން ކޮންގްރެސް އިމާރާތުގައި ރޯކޮށްލައިފި

ގުއާޓަމާލާގައި މުޒާހަރާ ކުރާ މީހުން ވަނީ ކޮންގްރެސް އިމާރާތުގެ ބައެއް ތަންތަނުގައި ރޯކޮށްފަ -- ފޮޓޯ: އޭއެފްޕީ

ގުއާޓަމާލާ ސިޓީ (ނޮވެމްބަރު 22): ގުއާޓަމާލާގައި އިއްޔެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރި ބަޔަކު އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެ، ބައެއް އޮފީސްތަކުގައި ރޯކޮށްލައިފި އެވެ.

ގުއާޓަމާލާގައި ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ފެށީ މިދިޔަ ބުދަ ދުވަހު އެގައުމުގެ ކޮންގްރެސްއިން ފާސް ކުރި ބަޖެޓާ ގުޅިގެންނެވެ. އަދި އިއްޔެ މުޒާހަރާގެ ބައިވެރިން ކޮންގްރެސް އިމާރާތަށް ވަނީ އެ އިމާރާތުގައި އެއްވެސް މީހަކު ނެތް ގަޑިއެއްގައި ކަމަށް އެގައުމުގެ އޮފިޝަލުން ވިދާޅުވި އެވެ.

އެ މީހުން ކޮންގްރެސް އިމާރާތަށް ވަދެ ކުޑަދޮރުތައް ތަޅާ، ފޮޓޯތައް ވީދާ، ފަރުނީޗަރުގައި ރޯކުރި އެވެ. އަދި 10 މިނިޓަށް ދެމިގެން ދިޔަ އެ ގެއްލުންތަކަށް ފަހު ރަޔަޓު ފުލުހުން ވަދެ، ކަރުނަ ގޭސް ޖަހައިގެން އެ މީހުން ނެރުނެވެ. އޭގެ ފަހުން ފަޔާ ފައިޓަރުން ގޮސް އަލިފާން ނިއްވީ އެވެ.

ގުއާޓަމާލާއިން ފާސް ކުރި ބަޖެޓުގައި ވަނީ ކޮންގްރެސް މެމްބަރުންގެ ކެއިންބެއްލެވުމަށް ހަރަދު ކުރާ މިންވަރު އިތުރުކޮށް، އެގައުމުގެ އިންސާނީ ހައްގުތަކާ ބެހޭ ޕްރޮގްރާމްތަކާއި ޖުޑިޝަރީއަށް ހަރަދު ކުރާ މިންވަރު މަދުކޮށްފަ އެވެ. އަދި ގައުމުގެ ރައްޔިތުންނަށް ފައިދާ ހުރި ކާނާ ފޯރުކޮށްދިނުމަށް ހާއްސަކޮށްފައިވާ 25 މިލިއަން ޑޮލަރުގެ ފަންޑެއް އުވާލާފަ އެވެ. އޭގެ ސަބަބުން ގިނަ އަދަދެއްގެ މީހުން ނުރުހުން ފާޅު ކުރުމުން އެ ފަންޑު އަލުން ގާއިމު ކުރި ނަމަވެސް ރައްޔިތުން ވަނީ މުޒާހަރާތައް ފަށާފަ އެވެ.

އެ މުޒާހަރާތަކުގެ ބައިވެރިން ދަނީ އެ ބަޖެޓު ވީޓޯ ކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް ފިޔަވަޅު އެޅުމަށާއި ރައީސާއި ކޮންގްރެސްގެ މެމްބަރުން އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ.

ގުއާޓަމާލާގެ ކޮންގްރެސްއިން އެ ބަޖެޓު ފާސް ކުރި އިރު އެގައުމަށް މި މަސް ތެރޭ އެރި ދެ ތުފާނެއްގެ ސަބަބުން އެތައް ހާސް މީހުންނަށް ވަނީ ވަގުތީ ހިޔާތަކުގައި ދިރިއުޅެން ޖެހިފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ހިޔާތަކުގައި ކޮވިޑް-19 ވަނީ ފެތުރިފަ އެވެ.

މީގެ އިތުރުން ގުއާޓަމާލާ އަކީ ސިއްހަތަށް ފައިދާ ހުރި ކާނާ ނުލިބުމުގެ ސަބަބުން ހަށިގަނޑަށް ބޭނުންވާ މުހިއްމު މާއްދާތައް ނުލިބި، މަލްނިއުޓްރިޝަންއާ ކުރިމަތިލާން ޖެހިފައިވާ މީހުންގެ އަދަދު އެންމެ ގިނަ އެއް ގައުމެވެ.

comment ކޮމެންޓް