ގުއާޓަމާލާސިޓީ (ޖޫން 17): ގުއާޓަމަލާގެ ކުރީގެ ފަސްޓް ލޭޑީ ސަންޑްރާ ޓޮރޭޒް އެގައުމުގައި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުން ކުރި ހޯއްދަވައިފި އެވެ.
ގުއާޓަމާލާގެ ކުރީގެ ރައީސް އަލްވަރޯ ކޮލޮމްގެ ކުރީގެ އަނބިކަނބަލުން، ސަންޑްރާ ޓޮރޭޒްއަށް އެއިންތިހާބުން 24 ޕަސެންޓު ވޯޓު ލިބިފައިވާ އިރު އެކަމަނާއާ އެންމެ ގާތުން ވާދަ ކުރެއްވި އަލެހަންދުރޯ ޖަމަތޭއަށް ލިބުނީ 15 ޕަސެންޓު ވޯޓެވެ.
އަދި ނަވާރަ ކެންޑިޑޭޓުން ރައީސް ކަމަށް ވާދަ ކުރައްވާ އެއިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓު ވޯޓު ކާމިޔާބުވެފައި ނުވާތީ، އިންތިހާބުގެ ދެވަނަ ބުރެއް އޮގަސްޓު މަހު ބާއްވާނެ ކަމަށް ބެލެވެ އެވެ.
އެއިންތިހާބުގައި ވަނީ ގުއާޓަމާލާގެ ޕާލިމެންޓަށާއި ސެންޓްރަލް އެމެރިކަން ޕާލިމެންޓުގައި އެގައުމުގެ ތަމްސީލު ކުރާނެ މެމްބަރުން ހޮވުމަށްވެސް ވޯޓު ދީފަ އެވެ.
ގުއާޓަމާލާގެ އިލެކްޓޯރަލް ކައުންސިލުން ބުނާ ގޮތުގައި އިންތިހާބުގައި ވޯޓު ލުމަށް އަށް މިލިއަން މީހުން ރެޖިސްޓާ ކުރި ނަމަވެސް ވޯޓުގައި ބައިވެރިވީ 53 ޕަސެންޓު މީހުންނެވެ. އެއާ އަޅާ ބަލާ އިރު 2015 ވަނަ އަހަރުގެ އިންތިހާބުގައި 69.7 ޕަސެންޓު މީހުން ވޯޓުގައި ބައިވެރިވި އެވެ.
ދެހާސްއަށެކުން 2012އަށް ވެރިކަން ކުރެއްވި އަލްވަރޯ ކޮލޮމް އާއި ޓޮރޭޒްގެ ކައިވެނި 2011 ވަނަ އަހަރު ރޫޅާލީ، ޓޮރޭޒްއަށް އެއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ގޮތް ހެދުމަށެވެ. އެއީ ރައީސް ކަމަށް ހުންނަވާ ބޭފުޅާގެ އަނބިކަނބަލަކަށް ވެރިކަމަށް ވާދަ ނުކުރެވޭނެ ކަމަށް ގާނޫނުގައި އޮންނާތީ އެވެ. އޭރު ޓޮރޭޒް ވަނީ އޭނާ "ފިރިކަލުންނާ ވަރިވުމަށް ފަހު، ގައުމުގެ ރައްޔިތުންނާ ކައިވެނި ބައްލަވައިގަންނަވަނީ" ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އެއަހަރު ޓޮރޭޒްއަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ދުސްތޫރީ ކޯޓުން ނިންމި އެވެ. އަދި 2015 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެކަމަނާ ވާދަ ކުރެއްވި ނަމަވެސް ނާކާމިޔާބުވެވަޑައިގެންނެވި އެވެ. އެފަހަރު އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޖިމީ މޮރާލޭސް އެވެ. އަދި ގުއާޓަމާލާގެ ގާނޫނު އަސާސީގައިވާ ގޮތުން ކޮންމެ ރައީސަކަށްވެސް ވެރިކަން ކުރެވޭނީ ހަތަރު އަހަރުގެ އެއް ދައުރަށް ކަމުން މޮރާލޭސް މިފަހަރުގެ އިންތިހާބުގައި ވާދަ ނުކުރައްވަ އެވެ.
ޓޮރޭޒްގެ މައްޗަށް ވަނީ 2015 ވަނަ އަހަރުގެ ކެމްޕެއިން ތެރޭ ކޮރަޕްޝަނުގެ އަމަލުތައް ހިންގެވި ކަމަށް ތުހުމަތުކޮށްފަ އެވެ. ނަމަވެސް އެކަމަނާ ވަނީ އެތުހުމަތުތައް ދޮގު ކުރައްވާފަ އެވެ.