މާޒިޔާ ބަލިކޮށް ޓީސީން ނިއުއާ ތިން ޕޮއިންޓަށް ފަރަގު ކުޑަކޮށްފި

ޓީސީ އިން މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

މާޒިޔާގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޓީސީ ސްޕޯޓްސް ކުލަބުން އެއް ވަނައިގައި އޮތް ނިއުރޭޑިއަންޓާ ތިން ޕޮއިންޓަށް ފަރަގު ކުޑަކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗްގައި ޓީސީގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ މެޗްގެ ފުރަތަމަ ހާފުގައެވެ. އެގޮތުން ޓީސީގެ ފުރަތަމަ ލަނޑު އެޓީމްގެ ކެޕްޓަން ޔާމީން އިބްރާހިމް (ޔާންބެ) ކާމިޔާބު ކުރީ މާޒިޔާގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި ލިބުނު ބޯޅަ މާޒިޔާގެ ގޯލަށް ފޮނުވާލައިގެންނެވެ.

ޓީސީގެ ދެ ވަނަ ލަނޑު ޙަސަން ނާއިޒު ކާމިޔާބު ކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެ މިނެޓްގެ ތެރެއިން އެންމެ ފަހު މިނެޓްގައެވެ. ދެ ވަނަ ހާފުގައި ޓީސީއިން ވަނީ ބައެއް ހަމަލާތައް އުފައްދައި މާޒިޔާގެ ގޯލަށް ނުރައްކާކޮށްފައެވެ.

މެޗްގެ 66 ވަނަ މިނެޓްގައި ޓީސީގެ ޢަލީ ނާފިއު (ކަޅޭ) ހުސްކޮށް ވަދެ މާޒިޔާގެ ގޯލަށް ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު ޕެވެލް ވަނީ ދިފައުކޮށްފައެވެ. އޭގެ އެއް މިނެޓް ފަހުން މާޒިޔާއިން އުފެއްދި ހަމަލާއެއްގައި ފުލުފުލުގައި ތިން ފަހަރަށް ޓީސީގެ ގޯލަށް އަމާޒު ކުރި ބޯޅަތައް ޓީސީގެ ކީޕަރު ޢިމްރާން މުޙައްމަދު (ކުޑަ ޢިމްރާން) ވަނީ ހުށިޔާރު ކަމާއެކު ދިފާއުކޮށްފައެވެ.

މެޗުގައި މާޒިޔަަގެ ޕަބެލޯ ރޮޑްރިގޭޒްއަށް ޓީސީގެ ގޯލަށް ނުރައްކާ ކުރަން ފުރުސަތު ލިބުނު ނަމަވެސް ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. މިމެޗުން މޮޅުވެ ޓީސީ ތާވަލްގެ ދެ ވަނަ އިގައި އޮތީ 17 ޕޮއިންޓް ލިބިގެންނެވެ. އެއްވަނައިގައި އޮތް ނިއުއަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.

comment ކޮމެންޓް