އިބްރާހިމް ޝާތިރާއި އަމަޑޫ ގޮޑްފްރޭ ވެސްޓްގެ ލަނޑުތަކުން މަހިބަދޫ ސްޕޯޓްސް ކުލަބުގެ މައްޗަށް 5-1 ނަތީޖާއަކުން ކާމިޔާބު ހޯދައި ވިކްޓްރީއިން ދެ ވަނަ ބުރުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ޝާތިރު އާއި އޮމަޑޫ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖެހިއިރު ވިކްޓްރީގެ އަނެއް ލަނޑު ކާމިޔާބު ކުރީ އަހުމަދު ނިޔާޒު (ނިޔާ) އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗް ފެށިގެން ހަތަރު ވަނަ މިނެޓް ތެރޭގައި ޝާތިރު ވަނީ ވިކްޓްރީއަށް ގޯލް ހުޅުވާލަދީފަ އެވެ.
އެގޯލް ޝާތިރު ކާމިޔަބު ކުރީ މަހިބަދޫގެ ޕެނަލްޓީ އޭރިއާގެ ބޭރުން ވިކްޓްރީއަށް ލިބުނު ހިލޭ ޖެހުން ނިޔާ ކުރިއަށް ފޮނުވާލުމުން ގޯލް ކުރިމަތީގައި ފާރެއްހެން އެތުރިގެން ތިބި މަހިބަދޫގެ ކުޅުންތެރިންގެ ކިބައިން ނެއްޓިގެން ގޮސް ލިބުނު ބޯޅަ ކުރިއަށް ފޮނުވަލައިގެންނެވެ.
އެ ލަނޑު ޖެހިތާ އެއް މިނެޓް ފަހުން ވިކްޓްރީން ވަނީ މަހިބަދޫގެ ގޯލަށް ނުރައްކާތެރި ދެ ވަނަ ހަމަލާއެއް ފޮނުވާލަފަ އެވެ.
އެގޮތުން ވިކްޓްރީން އުފެއްދި ހަމަލާ އެ ޓީމްގެ އަޙްމަދު މުހައްމަދު (އަންމަޑޭ) ކުރިއަށް ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލުގެ ކާނާ ދިމާލުން ބޭރަށެވެ.
ލަނޑަށްފަހު ވިކްޓުރީން ވަނީ މަހިބާދުގެ ގޯލަށް ނުރައްކާތެރި ތިން ހަމަލާއެއް ފޮނުވާލާފަ އެވެ. ނަމަވެސް ނަތީޖާ ބައްދަލުކޮށްލެވޭ ގޮތެއް ނުވިއެވެ.
މަހިބަދޫގެ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ކާމިޔާބު ޤާސިމް ޝައްމާމެވެ.
އޭނާ އެ ލަނޑު ކާމިޔާބު ކުރީ މަހިބަދޫގެ ނިކޮމޮން ރޮޑްރިގޭ ޓަހީ ފޮނުވާލި ބޯޅަ ވިކްޓްރީގެ ނިޔާ ގައިގައި ޖެހިފައި ނިކުތް ބޯޅަ ޑީއޭރިއާ ތެރޭގައި ހުރެ ކުރިއަށް ފޮނުވާލައިގެންނެވެ.
މެޗުގައި މަހިބަދޫގެ ޓަހީއަށް ވަނީ ގޯލް ޖަހާނެ ބައެއް ފުރުސަތުތައް ލިބިގެންގޮސްފަ އެވެ.
ވިކްޓްރީން އަލުން ލީޑް ނެގީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް އަހްމަދު މުޙައްމަދު ނެގި ހުރަސް އޮމަޑޫ ފަސޭހަ ކަމާއެކު ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ވިކްޓްރީގެ ތިން ވަނަ ލަނޑު އަދި ޝާތިރުގެ ދެ ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ މެޗުގެ 60 ވަނަ މިނެޓްގައި އޮމަޑޫ ތަނަވަސްކޮށްދިން ފުރުސަތަކުން ތަނަވަސްވި ބޯޅަ ގޯލް ތެރެއަށް ފޮނުވާލައިގެންނެވެ.
ވިކްޓްރީގެ ހަތަރު ވަނަ ލަނޑު ނިޔާ ކާމިޔާބު ކުރީ މެޗުގެ 82 ވަނަ މިނެޓްގައި ހާފުގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުން ސީދާ މަހިބަދޫގެ ގޯލަށް ފޮނުވާލައިގެންނެވެ.
އެލަނޑު ޖެހިތާ އެއް މިނެޓް ފަހުން އޮމަޑޫ ވަނީ އަންމަޑޭ ތަނަވަސްކޮށްދިން ފުރުސަތަކުން ރީތި ގޯލެއް ކާމިޔާބުކޮށް ވިކްޓްރީގެ ފަސް ވަނަ ލަނޑު ޖަހއިދީފައެވެ.
މި މެޗުން މޮޅުވެ 12 ޕޮއިންޓާއެކު މިވަގުތު ތާވަލްގެ ތިން ވަނައިގައި އޮތް ވިކްޓްރީގެ ކޯޗު އަހްމަދު ނާޝިދު މެޗަށް ފަހު ވާހަކަ ދައްކަމުން ބުނީ މިއަދުގެ މެޗުގައި ކުޅުންތެރިން މަސައްކަތާ މެދު ހިތް ހަމަޖެހޭ ކަމަށާއި އަމާޒަކީ ގަދަ ހަތަރެއްގައި އޮވެގެން މުބާރާތް ނިންމާލުން ކަމަށެވެ.
މަހިބާދޫގެ ކޯޗް ކަމުން ސްޓައިކޯވް ވަކިކުރުމުން އެޓީމްގެ ކޯޗް ކަމާ ހަވާލުވި އެސިސްޓެންޓް ކޯޗް ޙުސައިން އައްބާސް ބުނީ މެޗުގައި މަހިބަދޫގެ ކުޅުންތެރިންނަށް ދަތުރުގެ ވަރުބަލިކަން ކުރިމަތިވި ކަމަށާއި، މަހިބަދޫގައި ތިބެފައި ރޭ މާލެ އަންނަން މަސައްކަތް ކުރި ނަމަވެސް ކަނޑު ގަދަ ވުމުގެ ސަބަބުން ދަތުރު ފަސް ކޮށް މެޗް ކުޅެން މާލެ އާއި މިއަދު ކަމަށެވެ.
އަދި މިއަދުވެސް ކަނޑު ގަދަ ވުމުގެ ސަބަބުން ކުޅުންތެރިން ވަރަށް ބޮޑަށް ވަރު ބަލިވެފައިވާ ކަމަށް ޙުސައިން ބުންޏެވެ.
ޙުސައިން ބުނީ ރެލިގޭޝަނަނުން ސަލާމަތް ވުމަށް މަހިބަދޫއަށް އޮތީ ހަނި ފުރުސަތެއް ކަމަށާއި މަސައްކަތްކޮށްފިނަމަ ރެލިގޭޝަނުން ސަލަމްތވެވިދާނެ ކަމަށެވެ.
ލީގްގައި މިރޭ ބައްދަލު ކުރާ މެޗްގައި ބައްދަލު ކުރާނީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކުލަބެވެ.