ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި އެޓޮލްސް މިނިސްޓަރުކަން ގިނަ ދުވަސްތަކެއްވަންދެން ކުރެއްވި އަބްދުﷲ ހަމީދު އަވަހާރަވުމާ އެކު އެމަނިކުފާނުގެ ހަދާނުގައި ހާއްސަ ފޮތެއްގެ ނެރެފި އެވެ.
މިއަދު އާޓް ގެލެރީގައި ބޭއްވި ރަސްމިއްޔާތެއްގައި "ހަމީދުގެ ހަނދާނުގައި:އަލްމަރުހޫމް އޮނަރަބަލް އަލްއުސްތާޛު އަބްދުﷲ ހަމީދު (ނޢޢވ)ގެ ޒިކުރާ" އިފްތިތާހު ކުރަށްވާފައި ވަނީ ގައުމީ ކުތުބުހާނާގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ޝިޔާމެވެ.
ސީޑީއެއްގައި ޑިޖިޓަލްކޮށް ނެރުނު ފޮތުގެ މުއައްލިފަކީ އަބްދުލް މުއީދު ހަސަނެވެ. އެފޮތުގައި އަބްދުﷲ ހަމީދާ ބެހޭ ގޮތުން އެކި ކަހަލަ މައުލޫމާތާއި ޒިކުރާ ހިމެނޭނެ އެވެ. އެގޮތުން އެމަނިކުފާނު ކޮށްދެއްވި މަސައްކަތްތައް ވެސް އެ ފޮތުގައި ފާހަފަކޮށްފައި ހުންނާނެ ކަމަށް މުއައްލިފު ވިދާޅުވި އެވެ.
ފޮތާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން މުއީދު ވިދާޅުވީ އެ ފޮތަކީ ސްކޫލުގެ ދަރިވަރުންނަށް ބޭނުންތެރި ފޮތަކަށް ވާނެ ކަމަށެވެ.
ސީރީޒްކޮށް ނެރުމަށް ހަމަޖެހިފައިވާ އެ ފޮތުގެ ދެވަނަ ބައެއްވެސް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެނާ ވިދާޅުވި އެވެ.
ގައުމީ ކުތުބުހާނާ އިން މިހާރު އެ ފޮތް ލިބެން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިކަމުގެ ލަގަބު އަރުވާފައިވާ، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމާއި ވަޒީރުކަމުގެ މަގާމު ދިގު މުއްދަތަކަށް ފުރުއްވާފައިވާ، އަލްއުސްތާޒު އަލްމަރަހޫމް އަބްދުﷲ ޙަމީދު އަވަހާރަވެފައި ވަނީ އޯގަސްޓު މަހުގެ 18 ގައެވެ.
އަބްދުﷲ ހަމީދު ވަނީ އެޓޮލްސް މިނިސްޓަރު ކަމުގެ އިތުރުން ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ވެސް ކުރައްވައިފަ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓަރު ކަމާއި އެ ނޫނަސް ދައުލަތުގެ ވަރަށް ގިނަ ވަޒީފާތަކެއް އަދާ ކުރައްވާފައިވެ އެވެ.
އަބްދުﷲ ހަމީދަކީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަމުން ގިނަ ދުވަސްތަކެއް ވަންދެން އަތޮޅުތައް ބެލެހެއްޓެވި އެންމެ އިސް މޭސްތެރި އެވެ.
ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ދެމުން އަންނަނިކޮށް އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި އަވަހާރަވި އަބްދުﷲ ޙަމީދުގެ ހަށިކޮޅު ވަނީ ރާއްޖެ ގެނެސް ރަސްމީ އިއްޒަތުގައި ފަސްދާނުލައިފަ އެވެ.