ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީގެ ސަބްކޮމެޓީއެއް އުފައްދައި ދިފާއީ ބާރާއި ފުލުހުން މިއަދު ހާޒިރުކުރަނީ

މިހާރު ކުރިއަށްދާ 241 ކޮމެޓީގެ ބައްދަލުވުން: އެ ހާދިސާއަކީ ސީދާ ރައީސް އަށް ދިން ހަމަލާއެއް ކަމަށް ބައެއް ބޭފުޅުން ވިދާޅުވި -- ފޮޓޯ/ ނިހާން

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ (241) ކޮމެޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެ ކޮމެޓީގެ ދަށުން ސަބް ކޮމެޓީއެއް އެކުލަވާލައި ގައުމީ ދިފާއީ ބާރާއި ފުލުހުންގެ އިސް ބޭފުޅުން މިއަދު ހާޒިކުރަން ނިންމައިފި އެވެ.

މިއަދު މެންދުރު 1:00 ގައި ބޭއްވި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ ބައްދަލުވުމަށް އެ ކޮމެޓީގެ 14 މެންބަރުންގެ ތެރެއިން 11 މެންބަރުން ހާޒިރުވެވަޑައިގެންނެވި އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖީލީހުގައި ތަމްސީލުކުރާ ސިޔާސީ ހުރިހާ ޕާޓީ ތަކެއްގެ މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.

ސަލާމަތީ ޚިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މައުރޫފު ދާދި ދެންމެ "ސަން" އަށް ވިދާޅުވި ގޮތުގައި މިއަދު އެކުލަވައިލި ސަބް ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ހަތް މެންބަރުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެމްޑީއޭ، ޖުމުހޫރީ ޕާޓީ، އެމްޑީޕީ އަދި އަދާލަތު ގެ އެއް މެންބަރު އަދި ޕީޕީއެމްގެ ތިން މެންބަރުންނެވެ. މި ކޮމެޓީގެ މުގައްރިރަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެއިން މަނިކެވެ. ނައިބު މުގައްރިރަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މައުރޫފެވެ.

މައުރޫފު ވިދާޅުވީ މި ސަބް ކޮމެޓީން ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތައް ހާޒިރުކޮށް ސުވާލު ކުރާނެ ކަމަށެވެ. އެ ގޮތުން މިއަދު އެންމެ ފުރަތަމަ ހާޒިރު ކުރާން ނިންމާފައި ވަނީ ގައުމީ ދިފާއީ ބާރުގެ ބޭފުޅުންނާއި ފުލުހުންގެ އިސް ބޭފުޅުންނެވެ. އެއީ މިއަދު ހަވީރު 4:00 އިން 5:00 އަށެވެ.

މައުރޫފު ވިދާޅުވީ، މި ހާދިސާ އަކީ ސީދާ ރައީސަށް އަމާޒު ކުރެވިގެން ދިން ނުރައްކާތެރި ހަމަލާއެއްކަމަށް ހުރިހާ މެންބަރުން ވެސް ދެކިވަޑައިގަންނަވާ ކަމަށާއި އެހެން ކަމުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން މިކަން ބެލުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށެވެ.

"އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މާރިޔާމެން ފަދަ ބޭފުޅުން ވެސް މިކަން ވަރަށް ސީރިއަސް ކަމެއްގެ ގޮތުގައި ފާހަގަކުރެއްވި. އަދި މި ކަމަކީ ގައުމީ ކަމެއްގެ ގޮތުގައި ބެލުމުގެ މުހިންމު ކަމާއި ސިޔާސީ ކަންކަން މީގެ ތެރެއަށް ނުވެއްދުމަށް ވެސް އެދިވަޑައިގެންނެވި،" ރައީސްގެ ލޯންޗް ކޮޅުގައި އެއްޗެއް ގޮއްވައިލި ހާދިސާ ހިނގި އިރު އެ ލޯންޗު ކޮޅުގައި ރައީސް ޔާމީންގެ އަރިހުގައި ހުންނެވި މައުރޫފު ވިދާޅުވި އެވެ.

މައުރޫފު އިތުރަށް ވިދާޅުވީ ސަބް ކޮމެޓީ ކުރިޔަށް ގެންދަން ނިންމަވައިފައި ވަނީ ސިއްރު ކޮމެޓީއެއްގެ ގޮތުގައި ކަމަށާއި އެ ކޮމެޓީގެ މެންބަރުންނާއި އިދާރީ މުވައްޒަފުންނަށް ވެސް ބައްދަލުވުންތައް ކުރިޔަށް ދާ އިރު ރެކޯޑު ކުރެވޭނެ ފަދަ ނުވަތަ ވީޑިއޯ އާއި މަންޒަރު ނެގޭ ފަދަ އެއްވެސް ވަސީލަތެއް ބައްދަލުވުންތަކަށް ނުވެއްދޭނެ ކަމަށެވެ.

"ކޮމެޓީގެ މެންބަރުންނާއި އިދާރީ މުވައްޒަފުން އަދި ހާޒިރު ކުރެވޭ ފަރާތްތަކަށް ވެސް އެފަދަ އެއްޗެއް ނުވެއްދޭނެ. މަޖިލީހުގެ ރަސްމީ ނިޒާމުގެ ތެރެއިން ރެކޯޑު ކުރުން ފަދަ ކަންކަން ކުރިޔަށް ދާނެ،" މައުރޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޮމެޓީގެ ބައްދަލުވުންތަކާ ގުޅޭ ގޮތުން މީޑިއާ އަށް ހިއްސާ ކުރަން ބޭނުންވާ މައުލޫމާތު ކޮމެޓީގެ މުގައްރިރު މީޑިއާ އަށް ގަވައިދުން ހިއްސާކުރަމުން ގެންދަން ވެސް ނިންމާފައިވާ ކަމަށެވެ.

comment ކޮމެންޓް