މަގުމަތިވެފައި ތިބި ދަފުތަރު މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވި ހަމައެކަނި ރައީސަކީ އަދުގެ ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ރައީސް އަލީ މައުރޫފް ރޭ ވިދާޅުވެއްޖެއެވެ.
ސޯސަން ޖަގަހައިގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މައުރޫފް ވިދާޅުވީ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގައި އުފެއްދި ދަފުތަރެއްގެ ސަބަބުން ގިނަ ބަޔަކު ތިބީ ވަކި ތަނަކަށް ނިސްބަތްނުވެ މަގުމައްޗަށް ދޫވެފައި ތިބި ކަމަށެވެ.
ނަމަވެސް އެކަމަށް ހައްލު ހޯއްދަވައިދެއްވި ހަމައެކަނި ރައީސަކީ ރައީސް ޞާލިޙު ކަމަށް މައުރޫފް ވިދާޅުވިއެވެ.
"40،000 އަށް ވުރެ ގިނަ ރައްޔިތުން ދަފުތަރުގައި އެބަތިބި. އަޅުގަނޑާ އެއް ހާލުގައި. އެކަމު މިއަދު ރައްޔިތުންނަށް އެބަ އިނގޭ އަދުގެ ރައީސަކީ ވަކި ނަސްލަކަށް ވަކި ގިންތިއަކަށް ނުބަލާ ހަމަހަމަކަމާ އެކު ކަންކަން ކޮށްދެއްވާނެ ރައީސެއްކަން،" މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މާލޭގެ ރައްޔިތުން ދިރިއުޅެމުންދާ ދަތި ހާލު ފެނިފައިވާ ކަމަށާއި އެތައް ރައްޔިތުންނަކަށް ރައީސް ވަނީ އެކަމަށް ހައްލު ހޯދައިދެއްވާ ބޯހިޔާވަހިކަމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވައިފައި ކަމަށެވެ. އަދި، އޭގެ އިތުރުން ވެސް އެކަން އަދިވެސް ކުރަމުންދާކަން މައުރޫފް ފާހަގަކުރެއްވިއެވެ.
"އެއަށްވުރެ ބޮޑު ކަމެއް މާލޭގެ ރައްޔިތުންނަށް ކޮށްދެވޭނެ އެހެން ރައީސަކު މުސްތަގުބަލުގައި ވެސް ނާންނާނެ. ދެން ވެސް އެކަން ކޮށްދެއްވާނީ މި އިންނެވި ރައީސް،" އޭނާ ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ މިމަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޮޑު ތަނުން ކާމިޔާބުރާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެކަން ކާމިޔާބުކުރައްވާނެ ކަމުގެ ޔަގީން ކަން އެބައޮތް ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
ދެވަނަ ދައުރަކަށް ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސް ޞާލިޙް ވަނީ ދަފުތަރުގައި ތިބި ރައްޔިތުންނާއި އަދި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ މީހުންނަށް ހާއްސަކޮށްގެން ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ނިންމައިފައެވެ. މިދިޔަ އަންގާރަ ދުވަހު ރައީސް އިއުލާނު ކުރެއްވި އެ ސްކީމުގެ ދަށުން ދޫކުރުމަށް ނިންމާފައި ވަނީ 6،000 ފްލެޓާއި 4،000އަށް ވުރެ ގިނަ ގޯއްޗެވެ.
އެ މަނިކުފާނު ރޭ އިއުލާނު ކުރެއްވި ގޮތުގައި އެ މަޝްރޫއު ކުރިއަށް ގެންދާނީ އުތުރުތިލަފަޅުގައެވެ.