އޮސްޓްރޭލިއަން މެރިޓައިމް ސޭފްޓީ އޮތޯރިޓީއާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން ސާޗު އެންޑް ރެސްކިއު ހަރަކާތެއް ބާއްވައިފިއެވެ.
އެ ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ބެލެހެއްޓުމާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ސަރުކާރާއި އޮސްޓްރޭލިއާ ގުޅިގެން ހިންގި ހަރަކާތެއް ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
މިދިޔަ އަންގާރަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މެރިޓައިމް ރެސްކިއު ކޯޑިިނޭޝަން ސެންޓަރ (އެމްއާރުސީސީ) ގައެވެ. ތިން ދުވަހަށް ކުރިއަށް ގެންދިޔަ އެ އެކްސަސައިޒް ޕްރޮގްރާމަކީ ކޭޕަބިލިޓީ ޕާޓްނަރޝިޕް ޕްރޮގްރާމްގެ ދަށުން ހިންގި ޕްރޮގްރާމެކެވެ.
އެ އެކްސަސައިޒްގައި އެމްއެންޑީއެފް ކޯސްޓްގާޑާއި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރާއި އެރޮނޯޓިކަލް ރެސްކިއު ކޯޑިނޭޝަން ސެންޓަރާއި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިތުރުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އޮސްޓްރޭލިއަން މެރިޓައިމް ސޭފްޓީ އޮތޯރިޓީ އިން ލީޑްކުރާ އެ އެކްސަސައިޒްގައި ފިލާވަޅުތައް ނަގައިދީފައިވަނީ އެ އޮތޯރިޓީގެ ސީނިއާ ސާޗް އެންޑް ރެސްކިއު އޮފިސަރު ކެމެރަން ހީތުވުޑް އެވެ.