ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ޢަބުދުލް ޤައްޔޫމު ދަތުރުކުރެއްވި ފިނިފެންމާ ލޯންޗްކޮޅުގައި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އެއްޗެއް ގޮވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި މީހުންނަކީ އެ މީހުންގެ ޑިއުޓީގެ ގޮތުން އެ ލޯންޗުކޮޅަށް އަރައި ފޭބުމުގެ އިޚުތިޔާރު އޮތް ބައެއް ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު މުޙައްމަދު ޙުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެ އެވެ.
ބައިނަލް އަގުވާމީ ބައެއް މީޑިއާތަކަށް ދެއްވާފައިވާ އިންޓަވިއުތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން މުންދު "ސަން" އަށް މިއަދު ވިދާޅުވީ ރައީސްގެ ދަތުރުފުޅުތަކަށް ބޭނުންކުރާ ޚާއްސަ ލޯންޗުކޮޅުތަކަށް ދައުލަތުގެ އެންމެ އިސް މީހުންނަށް ވެސް ނޭރޭނެ ކަމަށާއި އެ ހުއްދަ އޮންނާނީ ވަރަށް މަދު ބަޔަކަށް ކަމަށެވެ.
"މިސާލަކަށް ތިޔަ ބޭފުޅާ ނުވަތަ ދައުލަތުގެ ވަޒީރަކު ނުވަތަ އަޅުގަނޑު ވިޔަސް ރައީސަށް ޚާއްސަ ލޯންޗުކޮޅަށް ބޭނުން އިރަކު ގޮހެއް ނޭރޭނެ. އެކި ކަހަލަ ސުވާލުތައް ސެކިއުރިޓީ ބޭފުޅުން ކުރައްވާނެ. އެހެން ނަމަވެސް މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި މީހުންނަކީ އެ މީހުންގެ ރަސްމީ ވަޒީފާގެ ހައިސިއްޔަތުން އެ ލޯންޗުކޮޅަށް އަރައި ފޭބުމުގެ ފުރިހަމަ އިޚުތިޔާރު ލިބިފައިވާ ބައެއް،" މުންދު ވިދާޅުވި އެވެ.
މުންދު އިތުރަށް ވިދާޅުވީ މި ހާދިސާއާ ގުޅިގެން ރާއްޖެ އައި ބޭރުގެ ތަހުގީގު ޓީމުތަކުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާ އިރު، މީ ކުރިޔާލާ ރޭވިގެން ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއެއް ކަމަށެވެ. އެ ގޮތުން ލަންކާގެ ތަހުގީގު ޓީމުން މީޑިއާ އަށް ވެސް އެކަމާ ގުޅޭ މައުލޫމާތު ކޮންމެވެސް މިންވަރަށް ހާމަކޮށްފައިވާ ކަން މުންދު ފާހަގަކުރެއްވި އެވެ. ލޯންޗް ހާދިސާއާ ގުޅިގެން ރާއްޖެ އައި ލަންކާގެ ތަހުގީގު ޓީމުން އިއްޔެ ބުނެފައި ވަނީ ރައީސްގެ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އަކީ ކުރިޔާލައި ރޭވިގެން ދިން ހަމަލާއެއް ކަމަށެވެ.
މުންދު އިތުރަށް ވިދާޅުވީ ރާއްޖެ އައި ބައިނަލް އަގުވާމީ ޓީމުތަކުގެ ތަހުގީގުތައް ކުރިޔަށް ގެންދިޔައީ އެކި ބަޔަށް ބަހައިލެވިގެން ކަމަށާއި އެ ހުރިހާ ފަރާތްތަކަކުން ވެސް އެބައެއްގެ ތަހުގީގަށް ފާހަގަވާ ކަންކަމުގެ ރިޕޯޓެއް ދިވެހި ސަރުކާރަށް ހިއްސާކުރާނެ ކަމަށެވެ.
އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ތިން މީހުންނެވެ. އެ ތިން މީހުންގެ ތެރޭގައި ހިމެނޭ އެކަކީ އެމްއެންޑީއެފްގެ ބަޑި ގުދަނުގައި މަސައްކަތް ކުރާ އއ. ފެރިދޫ، ދޭލިއާގެ، މުހައްމަދު ޖަވާޒު ނަމަކަށް ސިފައިންގެ މީހެކެވެ. އޭނާއާ އެކު ހައްޔަރު ކުރި ސިފައިންގެ ދެ ވަނަ މީހަކީ ސާޖަންޓް މޫސާ ޒަމީރެވެ. ތިން ވަނައަށް ހައްޔަރު ކުރި މީހާގެ ވަނަވަރެއް ނޭނގެ އެވެ.
އިއްޔެ ހަވީރު ކްރިމިނަލް ކޯޓުން ވަނީ ޖަވާޒާއި ޒަމީރަށް 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިފަ އެވެ. ތިންވަނަ މީހާގެ އެއްވެސް މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
ރައީސްގެ ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ސައުދީ އަރަބިއާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިދިޔަ މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅު އިއްޒުއްދީން ފާލަމާ ކައިރިކުރި ވަގުތުއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި ޖަވާޒު ހައްޔަރު ކުރީ މިމަހުގެ 27 ވަނަ ދުވަހު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔުމަށްފަހު މިދިޔަ އާދީއްތަ ދުވަހު މެންދުރުފަހު ރާއްޖެއައިފަހުންނެވެ.
ކޯޓު އަމުރެއްގެ ދަށުން ޖަވާޒު ދިރިއުޅޭ ގެ ފުލުހުން ބަލައި ފާސްކުރިއިރު، އޭނާގެ ގެއިން ތުހުމަތު ކުރެވޭ "ތަކެތި" ފެނިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.
ހައްޖުގެ އަޅުކަމަށްފަހު ރައީސް ޔާމީން ރާއްޖެ ވަޑައިގެން، ހުޅުލެއިން މާލެއަށް ދަތުރުކުރެއްވި ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮވި ހާދިސާގެ ފަހުން އެސްޕީޖީ އިން ރައީސަށް ސެކިއުރިޓީ ދިނުން ހުއްޓާލައި، އެމަނިކުފާނަށް ސެކިއުރިޓީ ދިނުމަށް ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަން (ޕީއެސްޑީ) ވަނީ އުފައްދާފަ އެވެ.
އެ ޑިވިޝަން އުފައްދާފައި ވަނީ އެސްޕީޖީގެ އިސްވެރިޔަކަށް ހުންނެވި ކާނަލް އަހުމަދު ފަޔާޒް (ޕާޕާ) މާލެ އޭރިއާގެ ކޮމާންޑަރަކަށް ބަދަލުކުރެއްވުމަށްފަހު އެވެ. އެސްޕީޖީގެ ވެރިއަކަށް އައްޔަންކޮށްފައި ވަނީ ކާނަލް އަބްދުއްރަހީމެވެ.