ރައީސް ނަޝީދު ދޫކޮށްލުމަށާއި ބަދަލު ދިނުމަށް ގޮވާލައިފި

ކުރީގެ ރައީސް ނަޝީދު އޭޑީކޭގައި -- ފޮޓޯ އެމްޑީޕީ ޔޫތްވިންގް

ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ޝަރީއަތް ކުރިއަށް ގެންގޮސްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ، އެމަނިކުފާނު މިނިވަންކުރުމަށާއި ބަދަލު ހޯދައި ދިނުމަށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންސް އިން ގޮވާލައިފިއެވެ.

އެ ގްރޫޕުން މިކަމަށް ގޮވާލާފައި ވަނީ ރައީސް ނަޝީދުގެ ގާނޫނީ ޓީމުން ހުށަހެޅި މައްސަލަ ބެލުމަށް ފަހު އެކުލަވާލާފައިވާ ރިޕޯޓްގައެވެ. ރައީސް ނަޝީދުގެ ގާނޫނީ ޓީމުގައި ހިމެނޭ ޖެރެޑް ޖެންސާ މިއަދު އާއްމު ކުރި ރިޕޯޓްގައި، ވޯކިން ގްރޫޕުން ވަނީ ނަޝީދުގެ ޝަރީއަތުގެ މަރުހަލާގައި ގޯސްކޮށް ހިނގި ކަމަށް ގަބޫލުކުރާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ.

އެގޮތުން ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި މަސްލަހަތު ފުށުއަރާ ބައެއް ފަނޑިޔާރުން އެޝަރީއަތުގައި ބައިވެރިވުމާއި ނަޝީދުއާއި އެއްކޮޅު ހެކި ހުށަހަޅަން ދިން ފުރުސަތު ކުޑަކުރުމާއި ޝަރީއަތުގެ ވަކި ހިސާބެއްގައި ނަޝީދުގެ ފަރާތުން ވަކީލުން ނެތުން ހިމެނެއެވެ.

ވޯކިން ގްރޫޕުން ފާހަގަކޮށްފައިވާ އަނެއް ކަމަކީ ނަޝީދުގެ ގާނޫނީ ވަކީލުން ޝަރީއަތުން ތަނާޒުލު ވުމުން އެހެން ވަކީލުން ހަމަ ޖައްސަވަން ފުރުސަތު ނުދިމުވެ. އޭގެ އިތުރުން ނަޝީދުގެ ޝަރީއަތް އަޑު އެހުމުގެ ފުރުސަތު ދިނީ މަދު އަދަދެއްގެ ބަޔަކަށް ކަން ވެސް ޔޫއެންވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަންސް އިން ފާހަގަކޮށްފައި ވެއެވެ.

" ވޯކިން ގްރޫޕުން ގަބޫލުކުރަނީ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގުން ނަޝީދު މަހުރޫމްކޮށްފައިވާ ކަމަށެވެ. ހާއްސަކޮށް ކުށެއް ނެތްކަން ސާބިތުކޮށްދޭން މަސައްކަތް ކުރުމުގެ ހައްގެވެ،" ރިޕޯޓްގައި ވެއެވެ.

comment ކޮމެންޓް