އަންނަ އޮކްޓޫބަރު މަހުގެ 19 ގައި ޗައިނާގެ ބެއިޖިންގައި ބާއްވަން ހަމަޖެހިފަ އޮތް އިންވެސްޓްމެންޓް ފޯރަމްގައި ބައިވެރިވާން ހުޅުވާލި ފުރުސަތުތަކުގެ ތެރެއިން 90 ޕަސެންޓް ފުލްވެފައިވާ ކަަމަށް އިކޮނަމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ރެޖިސްޓްރާ އޮފް ކޮމްޕެނީޒް މަރިޔަމް ވިސާމް ވިދާޅުވެއްޖެއެވެ.
އިކޮނަމިކް މިނިސްޓްރީގައި މިއަދު ބޭއްވި ބައްދަލުވުމުގައި ވިސާމް ވިދާޅުވީ، ފޯރަމްގައި ބައިވެރިވުމުގެ އެންމެ ފަހުގެ ފުރުސަތު އަންނަ ހޯމަ ދުވަހާއި ހަމައަށް ހަމަވާނެ ކަމަށެވެ. އަދި އޭގެ ފަހުން ފޯރަމްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް ޖާގަދެވޭނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ގާތްގަނޑަކަށް 600 ފަރާތަކުން ބައިވެރިވާނެ ކަމަށް ލަފާކުރާ އެ ފޯރަމްގައި މިހާރުވެސް 150 ދިވެހި ކުންފުނި ވަނީ ބައިވެރިވެފައެވެ.
" ދިވެހި ރާއްޖޭން ފޯރަމަށް ވަޑައިގަންނަވަން ބޭނުންވާ އެއްވެސް ބޭފުޅަކު ހުންނެވި ކަމަށްވަންޏާ އަވަހަށް ރަޖިސްޓްރީ ކުރައްވާ،" ވިސާމް ވިދާޅުވިއެވެ.
އިންވެސްޓްމަންޓްފޯރަމްގެ ސައިޓުން ރަޖިސްޓްރީ ކުރެވޭނެ ކަަމަށް ވިސާމް ވިދާޅުވި އެވެ.
ރާއްޖޭގައި ހަރަކާތްތެރިވާ ގިނަ ކުންފުނިތަކަަކަށް ފުުރުސަތު ދިނުމުގެ ގޮތުން ރާއްޖޭން ބައިވެރިވާން އެދޭ ކޮންމެ ކުންފުންޏަކަށް ވެސް އެއް ފުރުސަތުދޭނެ ކަމަށް ވިސާމް ވިދާޅުވިއެވެ.
އެ ފޯރަމްގައި އިންވެސްޓްމެންޓް ފުރުސަތުތަކާއި ބެހޭ މައުލޫމާތު ދިނުމާއި ޕެނަލް ޑިސްކަޝަން ތައް އަދި ޑިނާ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިންވެސްޓްމަންޓް ކްލައިމެޓް ފަހި ކުރުމަށް ކަމާއި ބެހޭ ގާނޫނުތަކަށް ގެންނަށް ޖެހޭ ބަދަލުތަކާއި ބެހޭ ގޮތުން ޕެނަލް ޑިސްކަޝަނެއް އެ ފޯރަމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޕެނަލް ޑިސްކަޝަންތަކުގައި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުޅުދުއްފުށީގެ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ބައިވެރިވަޑައިގަންނަވާނެއެވެ.
އަދި ފޯރަމްގައި ގާނޫނީ ލަފާދޭ ބައިނަލްއަގުވާމީ ކުންފުންޏަކުންނާއި ބޭރުގެ ބައެއް ތަޖުރިބާކާރުން ބައިވެރިވާނެ ކަމަށްވެސް ވިސާމް ވިދާޅުވިއެވެ.
މި އަހަރުގެ ފޯރަމްގައި އެކި ގައުމުތަކުގެ އިންވެސްޓަރުން ބައިވެރިވެއެވެ. އޭގެ ތެރޭގައި ފޯރަމްބާއްވާ ގައުމު ޗައިނާ، ސިންގަޕޫރު، އޮސްޓްރޭލިއާ، އިންޑިއާ، ސްރީލަންކާ އަދި އިރުމަތީ އޭޝިއާގެ ގައުމުތައް ހިމެނޭ ކަަމަށް ވިސާމް ވިދާޅުވިއެވެ.
ކުރީ އަހަރުގެ އިންވެސްޓްމެންޓް ފޯރަމަށް ފަހު ރާއްޖޭގައި ކުރާ އިންވެސްޓްމެންޓް އިތުރުވެފައިވާ ކަމަށް ވިސާމް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ހައެއްކަ އަހަރު ތެރޭގައި އިންވެސްޓްކުރާނެ ކަަމަށް އެކި ފަރާތްތަކުން ބުނެފައިވާ އަދަދު އެއް ބިލިއަން ޑޮލަރަށް އަރާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.