މި އަހަރު ޖަނަވަރީ މަހު ބޭއްވި ޕީޕަލްސް ކަޕް ފުޓުބޯޅަ މުބާރާތުގައި ނިއުރޭޑިއަންޓާއި ސިގަޕޫރުގެ ލަޔަންސް ބައްދަލު ކުރި މެޗްގައި ލަޔަންސްގެ ކުޅުންތެރިޔެއްގެ ކަރަށް ފައިން އެރި ނިއުރޭޑިއަންޓްގެ ޑިފެންޑާ މުޙައްމަދު ރަޝީދު (ހޮކޭ) އަށް އަޅާފައިވާ ސަސްޕެންޝަނަށް ފަހު މިއަދު އޭނާ ކުޅެން ނިކުންނާނެ އެވެ.
އެފްއޭއެމްގެ ޑިސްޕްލިނަރީ ކޮމިޓީން ހޮކޭގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ ހަ މެޗަށް ސަސްޕެންޑް ކުރުމާ އެކު 15000 ރުފިޔާ ޖޫރިމަނާ ކުރުމަށެވެ.
ޕްރެޒިޑެންޓް ކަޕްގައި ނިއުކުލޭ ދެ ވަނަ މެޗަށް މިއަދު ނިކުންނައިރު ސަންއަށް ދިން އިންޓަވިއުގައި ނިއުރޭޑިއަންޓްގެ ކޯޗް ސޮބާހް މުޙައްމަދު (ސޮބާ) ބުނީ މިއަދުގެ މެޗްގައި ފުރަތަމަ އެގާރައިގައި ހޮކޭ ކުޅެން ނިކުންނާނެ ކަމަށެވެ.
ސޮބާ ބުނީ ހޮކޭއަށް ސަސްޕެންޑް ކުރުމުން ނިއުގެ ޑިފެންސުން ދެ އަރިމަތިން ގިނަ މައްސަލަތަކެއް ކުރިމަތިވި ކަމަށެވެ.

ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ލަޔަންސް ބައްދަލު ކުރި މެޗްގައި ހޮކޭ ކަރަށް ފައިއެރި ކުޅުންތެރިޔާ އިންޖަރީވެފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
ސޮބާ ބުނީ ހޮކޭ ނެތުމުން ޑިފެންސަށް ކުރިމަތިވި އެ މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް އެކި ފިޔަވަޅުތައް އަޅައިގެން މެޗްތަކަށް ނިކުމެފައިވާނެ ކަމަށާއި އެގޮތުން ޕްރެޒިޑެންޓް ކަޕްގެ ފުރަތަމަ މެޗްގައި ބީޖީއާ ދެކޮޅަށް ކުޅުނު މެޗްގައި އެތަން ފޫބެއްދުމަށް ނިއުގެ ޒުވާން ކުޅުންތެރިޔާ މުޙައްމަދު ކަރަމް ނެރެގެން ކަމަށެވެ.
ޑިސިޕްލިނަރީ ކޮމިޓީއިން ހޮކޭއާ މެދު ފިޔަވަޅު އަޅާފައި ވަނީ ލަޔަންސްއާ ދެކޮޅަށް ކުޅުނު މެޗަށް ފަހު އޭގެ ތިން މަސް ފަހުން ސީޒަން ހުޅުވާ މެޗާއި ލީގްގައި ވެސް މެޗެއް ކުޅުނު ފަހުންނެވެ.
އެކަމާ ގުޅިގެން ނިއުއިން ވަނީ މައްސަލަގައި ސުވާލު އުފައްދައި އެޕީލް ކުރުމަށް އެފްއޭއެމްގެ އެޕީލް ކޮމިޓީއަށް ހުށަހަޅާފަ އެވެ.

ޕީޕަލްސްކަޕްގައި ނިއުރޭޑިއަންޓާ ލަޔަންސް ބައްދަލު ކުރި މެޗްގައި ހޮކޭއާ ލަޔަންސްގެ ކުޅުންތެރިޔަކާ މެދު ކުރިމަތިލުމެއް ހިނަގަނީ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
ހޮކޭއާ މެދު އެޅި ފިޔަވަޅާ މެދު ސުވާލު އުފެދޭކަމަށް ނިއުއިން ބުނެފައި ވަނީ ޖަނަވަރީ މަހު 24 ވަނަ ދުވަހު ކުޅެފައިވާ މެޗުގައި ހިނގައި ދިޔަ މައްސަލަ ބެލުމަށް ތިން މަސް ހޭދަވެފައިވާތީ އާއި ހޮކޭގެ މައްޗަށް ފިޔަވަޅު އަޅާފައި ވަނީ ސީޒަން ހުޅުވާ މެޗާއި ލީގުގައި ވެސް މެޗް ކުޅުމަށްފަހުގައި ކަމަށްވެފައި އަދި ލީގަށް ކުޅުންތެރިން ރެޖިސްޓްރީކުރުމުގެ މުއްދަތު ފަހަނަޅައި ގޮސްފައިވަނިކޮށް، މި ސަސްޕެންޝަން އައުމުން ނިއުއާ މެދު ބޭއިންސާފުން އަޅާފައިވާ ފިޔަވަޅެއް ކަމަށް އެޓީމުން އިން ދެކޭތީކަމަށެވެ.
ނަމަވެސް އެޕީލް ކޮމިޓީއިން ނިންމައުފައި ވަނީ ޑިސިޕްލިނަރީ ކޮމިޓީއިން ހޮކޭއާ މެދު ފިޔަވަޅު އެޅީ ރަނގަޅަށް ކަމަށެވެ.