މޯލްޑިވްސް އޯޕަން 2015ގެ ބޮޑީބޯޑްގެ ޗެމްޕިއަންކަން ރާއްޖޭގެ ޢަލީ ޚުޝްރުވާން އަޙްމަދު (ކުޑައައްޔަ) ހޯދިއިރު ޝޯޓްބޯޑްގެ ޗެމްޕިއަންކަން އިޒުރޭލްގެ ޔޮނީ ކްލެއިން ހޯދައިފިއެވެ.
ބޮޑީބޯޑްގެ ޗެމްޕިއަންކަން ކުޑަ އައްޔަ ހޯދީ ފައިނަލްގައި ރާއްޖޭގެ ޢަލީ ޖާވިދުގެ މައްޗަށް ކުރިހޯދައިގެންނެވެ.
ކުޑަ އައްޔަ ފައިނަލަށްދިޔައީ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ދެކުނު އެފްރިކާގެ ގެވިން ބޯޓާ ބަލިކުރުމަށްފަހުގައެވެ.
ޖާވިދު ފައިނަލަށް ދަތުރުކުރީ ސެމީގައި ރާއްޖޭގެ އަޙްމަދު އަރީޝް ބަލިކުރުމަށްފަހުގައެވެ.
ޝޯޓްބޯޑް ކެޓެގެރީގެ ޗެމްޕިއަންކަން ކްލެއިން ހޯދީ ފައިނަލްގައި އިންޑޮނޭޝިއާގެ ރޮޑިތިއާ ރޮންޑީގެ މައްޗަށްކާމިޔާބު ހޯދައިގެންނެވެ.
ކްލެއިން ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލްގައި އިންޑޮނޭޝިއާގެ ގެރެތު ވިދަޔާތާ ބަލިކުރުމަށްފަހުގައެވެ.
މުބާރާތުގެ ވިމެން އޯޕަން ޝޯޓްބޯޑް ކެޓެގަރީގެ ޗެމްޕިއަންކަން ޖަޕާނުގެ ކިޓްޒަވާ ހޯދީ ފައިނަލްގައި ތިން މީހުންނާ ވާދަކޮށްގެންނެވެ.
އެ ކެޓަގަރީން ދެވަނަ އަށް ދިޔައީ އިންޑޯނޭޝިއާގެ ކައިލާނީ ޖޯސްސްއެވެ. ތިން ވަނަ ހޯދީ އެމެރިކާގެ ކެއިތީއެވެ. ހަތަރުވަނައަށް ދިޔައީ އެމެރިކާގެ އެމީއެވެ.
ކ. އަދާރަން ހުދުރަން ފުށީގައި އިއްޔެ ބޭއްވި މުބާރާތް ނިންމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމުގެ ގޮތުން ބައިވެރިވެވަޑައިގެންނެވީ ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރުއާއި މުބާރާތުގެ ސޮޕްންސާ އެމްއެމްޕީއާރްސީގެ ޗެއާމަން ޙަސަން ޒިޔަތެވެ.
މި މަހުގެ 13 އިން 16އަށް އަދާރަން ހުދުރަން ފުށި ރިސޯޓުގެ "ޅޮހީސް ސަރފް ބްރޭކް"ގައި ކުރިއަށް ގެންދިޔަ މޯލްޑިވްސް އޯޕަން 2015 އަކީ މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އާއި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް (އޭއެސްސީ)އާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދިޔަ މުބާރާތެކެވެ.