ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެމްއާރުއައި ސުކޭނެއް ހެދުމަށްޓަކައި ސަރުކާރުން ކުރަންޖެހޭ އެންމެހައި ކަންކަން ކޮށްދެއްވުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަރިހުގައި އަނެއްކާވެސް އެދިއްޖެ އެވެ.
ރައީސް ނަޝީދުގެ އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރައީސް ނަޝީދުގެ އެމްއާރުއައި ސުކޭނެއް ހެދުމަށް އެދި ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހަސަން ލަތީފު ސޮއި ކުރައްވައި ހޯމް މިނިސްޓަރު އުމަރު ނަސީރަށް މިއަދު ސިޓީފުޅެއް ފޮނުއްވަވާފައިވާ ކަމަށެވެ.
އެ ސިޓީފުޅުގައި ރައީސް ނަޝީދުގެ ޑޮކްޓަރު ލަފާ ދެއްވާފައިވާ ގޮތަށް އެމަނިކުފާނުގެ އެމްއާރުއައި ސްކޭން ހެއްދެވުމަށް އެކިފަހަރު މަތިން އެދިވަޑައިގެންނެވި ނަމަވެސް އެ ސްކޭން ހެއްދެވުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަން ފާހަގަކުރައްވާފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނެފައި ވަނީ ރައީސް ނަޝީދަށް ދޭން ޖެހޭ ފަރުވާއެއް ދެނެ ގަނެވޭނީ އެމްއާރުއައި ސުކޭނެއް ހެދުމަށް ފަހުގައި ކަމަށް ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ.
ރައީސް ނަޝީދުގެ އެމްއާރުއައި ސުކޭނެއް ހެދުމަށް ހޯމް މިނިސްޓަރު އުމަރުގެ އަރިހުގައި އެންމެ ފުރަތަމަ އެދިވަޑައިގެންފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހު އެވެ.
ޓެރަރިޒަމުގެ ކުށް ސާބިތުވެ ތޭރަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާ ރައީސް ނަޝީދު އަނބުރާ ޖަލަށް ގެންގޮސްފައި ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ އެވެ.
ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލައިގަ އެވެ.