ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނީ އެ ކޮމިޝަންގެ މެމްބަރު ކަމަށް އެދޭ ފަރާތްތަކުން މި މަހު 30 ވާ ބުދަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރީން ރައީސް އޮފީހަށް ހުށަހެޅުމަށް އެދޭ ކަމަށެވެ.
އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގެ މެމްބަރު ކަމަށް އެދޭ ފަރާތްތަކުގެ 11 ޝަރުތެއް ހަމަވާން ޖެހެ އެވެ. އޭގެ ތެރޭގައި މުސްލިމު ދިވެެއްސަކަށް ވުމުގެ އިތުރަށް ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހަކަށް ވުމާ އެކު، ހަތް އަހަރުގެ މަސައްކަތުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހެ އެވެ. އަދި ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށް ނުވުމުގެ އިތުރަށް، ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ މުވައްޒަފެއް، ފިރިއެއް، އަންބެއް، ދަރިއެއް، މަންމައެއް ނުވަތަ ބައްޕައަކަށް ވެގެން ނުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކޮމިޝަންގެ މެމްބަރު ކަމަށް އެެދޭ ފޯމާއި އިގްރާރު ހުށަހަޅާ އިރު، ކުށުގެ ރެކޯޑް ސާފުކޮށްފައިވާ ފޯމް ވެސް ހުށަހަޅަން ޖެހޭނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ގާނޫނު ބުނާ ގޮތުން އެ ކޮމިޝަންގައި ތިއްބަވާނީ ފަސް މެމްބަރުންނެވެ.
ނޭޝަނަލް އިންޓަގްރީ ގާނޫނު ދައުލަތުގެ ހަތަރު މުއައްސަސާއެއްގެ މައްޗަށް ހިނގާނެ ކަމަށް ގާނޫނު ބުނެ އެވެ؛ އެއީ މޯލްޑިވްސް ޕޮލިސް ސާވިސްއާއި ޑިޕާޓުމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް އެވެ.
ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒު ކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަަފުން ކުރާ ގާނޫނާ ހިލާފު އަމަލުތައް ބަލައި ތަހުގީގު ކުރުން ހިމެނެ އެވެ. އަދި އެފަދަ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފި ކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް އެފަދަ މައްސަލައެއް ހުށަހަޅައިފި ނަމަ އެކަމެއް ވެސް ބަލައި ތަހުގީގު ކުރަން އެ ކޮމިޝަނަށް ލާޒިމުވާނެ އެވެ.