ރާއްޖޭގައި ފުރަތަމަ ފަހަރަށް 'ފައިނޭންޝަލް އެކްސްޕޯ'އެއް ބާއްވަނީ

އެމްއެމްއޭގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ގަވަރުނަރު އަޒީމާ އާދަމް ވާހަކަ ދައްކަވަނީ -- ސަން ފޮޓޯ: ފަޔާޒް މޫސާ

ރާއްޖޭގައި ފުރަތަމަ ފަހަރަށް ފައިނޭންޝަލް އެކްސްޕޯއެއް އަންނަ މަހު ފަހެއްގައި ބާއްވާނެ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަޒިމާ އާދަމް ވިދާޅުވެއްޖެއެވެ.

އެމްއެމްއޭގައި މިއަދު ބޭއްވި ޕްރެސްކޮންފަރެންސެއްގައި ވާހަކަދައްކަވަމުން އަޒީމާ ވިދާޅުވީ، އެ އެކްސްޕޯގައި ރާއްޖޭގައި މާލީ ހިދުމަތްދޭ މުއައްސަސާތަކާއި މާލީ ދާއިރާ އާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކުން ބައިވެރިވާނެ ކަމަށެވެ.

އެ އެކްސްޕޯގައި އަލަށް ނެރޭ ރަންދިހަ ފަހެއް ނޫޓް ސީރީޒް އާއި ރާއްޖޭގައި އެކި ދުވަސްވަރު ބޭނުންކޮށްފައިވާ ފައިސާ ދައްކުވައިދޭ ގެލެރީއެއް ހުންނާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

" ފައިނޭންޝަލް އެކްސްޕޯ ބާއްވާ އެއްމެ ބޮޑު ބޭނުމަކީ ރާއްޖޭގެ މާލީ ދާއިރާގައި ހުރި ހިދުމަތްތަކާއި މާލީ ދާއިރާގެ މައުލޫމާތު ވީހާވެސް ބޮޑުކޮށް އާއްމުންނަށް ފޯރުވައިދިނުން،" އަޒީމާ ވިދާޅުވިއެވެ.

ދަރުބާރުގޭގައި އަންނަމަހު ފަހެއްގައި ފަށާ އެ އެކްސްޕޯ އަންނަމަހުގެ ހައެއް އަދި ހަތެއްގައި އާއްމު ފަރާތްތަކަށް ހުޅުވާލާނެ ކަމަށެވެ.

ވީހާވެސް ގިނަ ބަޔަކު އެ އެކްސްޕޯ އަށް ޒިޔާރަތްކުރުމަކީ އެމްއެމްއޭއިން ވަރަށް ބޮޑަށް އެދޭ ކަމެއް ކަމަށް އަޒީމާ ވިދާޅުވިއެވެ.

އެ އެކްޕޯގައި މައުލޫމާތުދޭ ދާއިރާތަކުގެ ތެރޭގައި ހައުސިން ފައިނޭންސް، ފައިނޭންސް ފޮ ސްމޯލް އެންޑް މީޑިއަމް އެންޓަޕްރައިޒް، ކޮންސިއުމާ ފައިނޭންސް ފަހަށް ރައްކާކުރުން ހިމެނެއެވެ.

އޭގެ އިތުރުން މާލީ ދާއިރާގައި ހުރި ވަޒިފާގެ ފުރުސަތުތަކާއި ބެހޭ މައުލޫމާތު ދިނުން ވެސް އެ އެކްސްޕޯގައި އޮންނާނެ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

އެ އެކްސްޕޯގައި މާލީ ދާއިރާ އާއި ގުޅޭ ޕެނަލްޑިސްކަޝަންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް