ސޮކަ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ނެސްލޭ ގުޅިގެން ބާއްވާ ދެ ވަނަ މައިލޯ ކިޑްސް ފުޓްބޯލް ފީއެސްޓާ މިއަދު ފަށައިފިއެވެ.
މާލޭގެ ޕްރީ ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ބޭއްވި މައިލޯ ފުޓްސަލް ފެސްޓިވަލް ފައްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބް އަޙްމަދު އަދީބެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަމުން ނައިބުރައީސް ވިދާޅުވީ، ފުޓްބޯޅަކުޅުމަށް ކުދިން ހިތް ޖެއްސުމަށްޓަކައި ފަށަން ޖެހޭނީ އެންމެ ކުޑައިރު ކަމަށާއި އެގޮތުން މިފެސްޓިވަލަކީ އެކަމަށް ރަނގަޅު ފެށުމެއް ކަމަށެވެ.

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ފެށުމުގެ ރަސްމިއްޔާތުގައި ނައިބުރައީސް އަހްމަދު އަދީބު ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ނައިބުރައީސް ވިދާޅުވީ، މިމުބާރާތަކީ ވަރަށް ފޯރިގަދަ މުބާރާތެއް ކަމަށާއި އެހެންވެ ބެލެނިވެރިންގެ މެދުގައިވެސް މުބާރާތެއް ބާއްވަން ފެންނިވަޑައިގަންނަވާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން މައިލޯގެ ނެސްލޭ ކުންފުނީގެ ޗެއާމަން މިސް ޝިވާނީ ހެޑްގޭ ވިދާޅުވީ، މައިލޯ ފުޓްބޯލް ފިއެސްޓާއަކީ އެ މުބާރާތުގައި ވާދަކުރާ ކުޑަ ކުދިންގެ ފުޓްބޯޅައިގެ ހުނަރު ދައްކާލުމަށާއި އެކުދިންގެ ފުޓްބޯޅައިގެ ހުނަރު ތަރައްގީ ކުރުމަށް ބާއްވާ އިވެންޓެއް ކަމަށެވެ.
ޝިވާނީ ވިދާޅުވީ، މިއިވެންޓުން ކުޑަ ކުދިންގެ ހެދި ބޮޑުވުމަށާއި ޖިސްމާނީ ދުޅަ ހެޔޮކަން މަތީ ބޮޑުވުމަށް އެހީތެރިވެދޭނެ ކަމަށެވެ.

މައިލޯ ކިޑްސް ފުޓްބޯލް ފިއެސްޓާ ފެށުމުގެ ރަސްމިއްޔަތުގައި ނެސްލޭ ކުންފުނީގެ ޗެއާމަން މިސް ޝިވާނީ ހެޑްގޭ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން
ސޮކަވެޓަރަންސް އެސޯސިއޭޝަނުން ބުނީ މީގެ ކުރިން އެ އެސޯސިއޭޝަނުން އައްޑޫގައިވެސް ކިޑްސް ފުޓްބޯލް ފެސްޓިވަލެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި ކުރިއަށްއޮތް ތަނުގައި ކުޅުދުއްފުށީގައިވެސް މިފަދަ އިވެންޓެއް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
މިފެސްޓިވަލްގައި މާލޭ ސަރަހައްދުގެ 27 ޕްރީ ސްކޫލަކުން 500 ކުދިން ބައިވެރިވެފައިވެއެވެ.