އެލައިޑާ ގުޅިގެން ބީއެމްއެލް އިން އިންޝުއަރެންސް ސްކީމެއް ތައާރަފުކޮށްފި

މިއަދު ބީއެމްއެލް ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އެންޑްރޫ ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ/ އަލީ ނަސީރު

އެލައިޑް އިންޝުއަރެންސާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިންޝުއަރެންސް ސްކީމެއް ތައާރަފުކޮށްފި އެވެ.

އެ ސްކީމުގެ ދަށުން އެލައިޑުން ދެމުން އަންނަ ހުރިހާ އިންޝުއަރެންސްގެ ހިދުމަތްތައް ބީއެމްއެލް އިން ވެސް ލިބޭނެ އެވެ. އެގޮތުން އެލައިޑުން ދޫކުރާ އިންޝުއަރެންސްތަކަށް އެދުމާއި ފައިސާ ދެއްކުން އޭގެ ތެރޭގައި ހިމެނޭނެ އެވެ.

ބީއެމްއެލް ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ އެންޑްރޫ ހީލީ ވިދާޅުވީ، ބީއެމްއެލްއަކީ ރާއްޖޭގެ ގިނަ ބަޔަކު ފައިސާގެ މުއާމަލާތްތައް ކުރާ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން އިންޝުއަރެންސް ސްކީމް ތައާރަފުކުރުމުގެ ބޭނުމަކީ ހުރިހާ ފައިނޭންޝަލް ހިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބޭނެގޮތް ހަދައި ކަސްޓަމަރުންނަށް ލުއިފަސޭހަކޮށްދިނުން ކަމަށެވެ.

އެންޑްރޫ ވިދާޅުވީ، އިންޝުއަރެންސް ސްކީމުގެ ދަށުން ހަ އިންޝުއަރެންސެއްގެ ހިދުމަތް ބީއެމްއެލް އިން ވެސް ލިބޭނެ ކަމަށެވެ. އެގޮތުން ހޯމް ތަކާފުލް، މޮޓޯ އިންޝުއަރެންސް، މޯގޭޖް ޕްރޮޓެކްޝަން ޕްލޭން، އިންޑިވިޖުއަލް ޓާމް އިންޝުއަރެންސް، ފަޔާ އިންޝުއަރެންސް އަދި ހަލް އިންޝުއަރެންސް އޭގެތެރޭގައި ހިމެނޭނެ ކަމަށެވެ.

އެލައިޑް އިންޝުއަރެންސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ، ބީއެމްއެލް ކަހަލަ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ފައިނޭޝަލް ދާއިރާގައި ފުންނާބު އުސް ކުންފުންޏަކާ އެކު އިންޝުއަރެންސް ހިދުމަތް ފުޅާކުރެވޭކަމީ އެ ކުންފުންޏަށް ލިބޭ ޝަރަފެއް ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގައި އެކަނި އެލައިޑްގެ ހިދުމަތްތައް ދިނުމުގެ ބަދަލުގައި ބީއެމްއެލްއާ ގުޅިގެން އެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުން ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ކަމަށެވެ.

މީގެކުރިން އިންޝުއަރެންސް ހިދުމަތް ބޭނުންނަމަ އަންނަން ޖެހެނީ މާލެއަށެވެ. ނަމަވެސް މި ހިދުމަތާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ބީއެމްއެލްގެ 27 ބްރާންޗުން އެލައިންޑް އިންޝުއަރެންސް އިން ދެމުން ގެންދާ އިންޝުއަރެންސްގެ ހިދުމަތްތައް ލިބޭނެ އެވެ.

comment ކޮމެންޓް