ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ގާއިމުކުރުމުގެ މަޝްވަރާ ކަރުދާހުގައި ސޮއިކޮށްފި

ޗައިނާ އާއި ރާއްޖެއާ ދެ ގައުމު ދެމެދުގައި ފްރީ ޓްރޭޑް އެއްބަސްވުމުގައި ސޮއި ކުރުމުގެ ހަފްލާގެ ތެރެއިން-- ސަން ފޮޓޯ: އަހުމަދު ޝަރުވާން

ޗައިނާ އާއި ރާއްޖެއާ ދެމެދު ފްރީ ޓްރޭޑް އެގްރީމެންޓެއް ކުރުމަށް މަޝްވަރާ ކުރުމަށް ދެ ގައުމުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ކުރުނބާ ރިސޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ވައިސް މިނިސްޓަރު އޮފް ކޮމާސް ގާއޯ ޔަން އެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މިއަދު ވެވުނު އެއްބަސްވުމަކީ ރާއްޖޭގެ އިގްތިސާދުގެ ތާރީހުގައި ފާހަގަކޮށްލެވޭނެ ދުވަހެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މިއީ ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެހެން ގައުމަކާ އެކު ރާއްޖެ ފްރީ ޓްރޭޑް އެގްރީމެންތަކަށް ވަނުމުގެ މަސައްކަތް ފެށި ފުރަތަމަ ފަހަރު ކަމަށާއި އޮކްޓޯބަރު މަހުގެ 15ގައި މަޝްވަރާތައް ރަސްމީކޮށް މާލޭގައި ފަށާނެ ކަމަށެވެ.

އެ އެއްގރީމެންޓާއި އެގްރީމެންޓްގެ ދަށުން ކުރާނެ މަސައްކަތްތަކާ ގުޅޭގޮތުން މިއަދު ވަނީ ޗައިނާ އާއި ރާއްޖެ ގުޅިގެން އުފައްދާފައިވާ "ޗައިނާ-މޯލްޑިވްސްޖޮއިންޓް ކޮމިޓީ އޮން އިކޮނޮމިކް އެންޑް ޓްރޭޑް ކޯޕަރޭޝަން" ގެ ދެވަނަ ބައްދަލުވުމުން ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ކޯޗެއާއެއްގެ މަގާމުގައި އިންނެވީ އިކޮނޮމިކް މިނިސްޓަރު ސައީދު އެވެ.

އެ ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ޗައިނާ ސަރުކާރުގެ އެހީއާއެކު ކުރިއަށްދާ އަދި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ތަރައްގީގެ މުހިންމު މަޝްރޫއުތަކާ ގުޅެގޮތުންނާއި ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި އިގްތިސޯދު އިތުރަށް ފުޅާކޮށް، އިންވެސްޓްމަންޓާއި ވިޔަފާރީގެ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.

comment ކޮމެންޓް