މަހާސިންތާގައި ރައީސް މައުމޫން ބައިވެރިވެ ވަޑައިނުގަންނަވާ ސަބަބު ދެންނެވިން: ޕީޕީއެމް

ޕީޕީއެމްގެ ރައީސް މައުމޫނާ ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ-- ސަން ފައިލް ފޮޓޯ

އަންނަ ރިޔާސީ އިންތިހާބު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކާމިޔާބުކޮށް ދިނުމަށް، މަންދޫބޫން ތަމްރީނު ކުރުމަށް ބޭއްވި މަހާސިންތާ ހުޅުވައި ދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ބައިވެރިވެ ވަޑައިގަތުމަށް ދަތިފުޅުވި ސަބަބު ދަންނަވާފައިވާ ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމު މުއާޒު އަލީ ވިދާޅުވީ މަހާސިންތާ ހުޅުވައި ދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް އެރުވި ދައުވަތުގެ ޖަވާބެއް އެދުވަހާ ހަމައަށް ވެސް ލިބިފައި ނުވާ ކަމަށެވެ.

ނަމަވެސް މިއަދު ޕީޕީއެމް އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެމަހާސިންތާގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަތުމަށް ދަތިފުޅުވާ ސަބަބު އެފަރާތަށް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ސަބަބެއް ކަމެއް އެޕާޓީ އިން ހާމައެއް ނުކުރެ އެވެ.

ރައީސް މައުމޫންގެ ބަދަލުގައި ފަހުން އެމަހާސިންތާ ހުޅުއްވައިދެއްވީ ނައިބް ރައީސް އަހުމަދު އަދީބު އެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިދިޔަ ހޮނިހިރު ދުވަހާ ހަމައަށް ކުރިއަށް ގެންދިޔަ މަހާސިންތާގައި އުތުރުގެ 12 އަތޮޅަކުން މަންދޫބުން ބައިވެރިވި އެވެ. އެގޮތުން މަހާސިންތާގައި 318 މަންދޫބަކު ބައިވެރިވި ކަމަށް އެ އޮފީހުން ބުންޏެވެ.

comment ކޮމެންޓް