ހުމާމް މަރަން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ހުމާމްގެ މައްޗަށް ދަށު ކޯޓުން ހުކުމް ކުރި ދުވަހު ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހުމާމް ކޯޓުން ނެރެގެން ގެންދާއިރު އޭނާގެ ބޭބެ ކިނާނަތު ކައިރީގައި ---- ސަން ފައިލް ފޮޓޯ:

ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގެ ކުށުގައި ހ. ލޮބީ ހުސައިން ހުމާމް އަހުމަދަށް ކްރިމިނަލް ކޯޓުން އިއްވި މަރުގެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.

ޑރ. އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ދަށު ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ.

ހުމާމްގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ ތަކުރާރުކޮށް ޝަރީއަތުން ސުވާލުކުރުމުން ޑރ. އަފްރާޝީމް އަވާހަރަކޮށްލި ކަމަށް ހުމާމް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހުގައި ކުށަށް އިއުތިރާފުވެ އަމިއްލަ އިހުތިޔާރުގައި އޭނާ ބަޔާނެއް ދީފައިވާ އިރު އެ ބަޔާނަކީ ސައްޚަ ބަޔާނެއް ކަމާއި އޭގައި ހުރި ކަންތައްތަކަށް ވެސް ހުމާމް ޝަރީއަތުގައި އެއްބަސްވެފައިވާ ކަމަށް ދަށު ކޯޓުން ކުރި ހުކުމްގައި ވަނީ ބުނެފަ އެވެ.

ހުމާމުގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، މައްސަލައިގެ އަޑުއެހުންތަކަށް ފަހު މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ ޑރ އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ކުށް ހުމާމްގެ މައްޗަށް ސާބިތުވާކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރުންގެ މެދުގައި އެއްވެސް ހިލާފެއް ނެތި އިއްތިފާގުވެފަައިވާ ކަމަށެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައި ހުމާމަށް ލިބިދޭންޖެހޭ ހުރިހާ ހައްގެއް ދީފައިވާކަމަށެވެ. އެގޮތުން ދިފާއީ ހެކިން ހާޒިރުކުރަން ހުމާމަށް ފުރުސަތު ދިން ނަމަވެސް ހެކި ހުށަހަޅާފައި ވަނީ މައްސަލައިގެ ގިނަ އަޑުއެހުންތަކެއް ބޭއްވި ފަހުން ކަމަށް ހުކުމުގައި ވަނީ ބުނެފަ އެވެ.

ހުމާމުގެ މައްޗަށް ހައިކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައި ވަނީ ޑރ އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އެއްފަހަރަށްވުރެ ގިނަ ފަހަރު ހުމާމް އެއްބަސްވެފައިވާ ކަމަށެވެ. އަދި ޝަރީއަތުގެ މަޖިލީހެއްގައި ދައުވާ ލިބޭ ފަރާތުން ވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ބެލެވޭނެ ކަމަށް އިސްލާމީފިގުހު އިލްމުވެރިންގެ ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެކަމުގައި އެއްވެސް ހިލާފެއްވެސް އުފެދިފައި ނުވާ ކަމަށް ހުކުމްގައި ބުނެފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލި ގޮތް ހުމާމް ކިޔައިދީފައިވާ ގޮތާއި ހެކިންގެ ހެކިބަހާ ދިމާވުމަކީ ހެއްކަށް ބާރު ލިބޭނެ ކަމެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފަ އެވެ.

ޑރ. އަފްރާޝީމް ގަސްތުގައި މަރާލިކަމުގެ ކުށް ހުމާމްގެ މަޗަށް ސާބިތުވާ ކަމަށާއި އަދި އެމަރަކީ ގަސްތުމަރުގައި ފުރިހަމަވާންޖެހޭ ތިން ރުކުންވެސް ފުރިހަމަވާ މަރެއް ކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ. އެގޮތުން މީހަކު މަރުވެދާނެ ފަދަ ހަތިޔާރެއް ބޭނުންކޮށްގެން ހުމާމްގެ ބައިވެރިވުމާއި އެކު ޑރ. އަފްރާޝީމް މަރާލުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއްކަން އެނގެން އޮއްނަ ކަމަށްވެސް ހުކުމުގައި ވަނީ ބުނެފަ އެވެ.

އެ މައްސަލައިގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ފަނޑިޔާރު އަލީ ސަމީރު ބެލެހެއްޓެވި އިރު އެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދާއި، ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދާއި، ފަނޑިޔާރު އަބްދުއް ރައޫފް އިބްރާހިމްގެ އިތުރުން ފަނޑިޔާރު ސުޖާއު އުސްމާނެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިމުމާއި އެކު ހުމާމުގެ އާއިލާގެ މީހުން ވަނީ ހުކުމާއި މެދު ހިތް ހަމަނުޖެހިގެން ކޯޓުގައި އަޑު އުފުލާފަ އެވެ. އަދި ހުމާމްގެ މަންމަ އަދި އާއިލާގެ އެހެންމެންބަރުންވެސް ވަނީ އަޑު އުފުލައި ރޮއިފަ އެވެ.

comment ކޮމެންޓް